ރާއްޖެ ކުޅިވަރު

އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އަޑޭ: އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ޕްރެސް ކޮންފަރެންސްއަކަށް ހާޒިރު ނުވެގެން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް ޓީމުން ވަކިކޮށްފައި ވަނިކޮށް ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މިރޭ ރާއްޖެ އާއި ބޫޓާން ވާދަކުރާ މެޗަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އަޑޭ ގައުމީ ޓީމާ ދުރަށް ދިޔަކަން އިއުލާން ކުރީ އޭނާ ކުރި ޓްވީޓެއްގަ އެވެ. މި ޓްވީޓްގައި ވަނީ މިއަދުން ފެށިގެން ގައުމީ ޓީމަށް ކުޅުން ހުއްޓާލާ ކަމަށެވެ.

އަލީ އަޝްފާގް ގައުމީ ޓީމުން ވަކިކުރި މައްސަލައިގައި ޓީމުގެ ތެރޭގައި ހިޔާލުތަފާތުވެފައިވާ ކަމުގެ އަޑުތަށް އަރާފައިވާއިރު މިއަދު ހެނދުނު ގައުމީ ކޯޗު ވަނީ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ. އެބައްދަލުވުމުގައި އަޑޭ ބައިވެރިވިއިރު އިއްޔެ ދަގަނޑޭގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަހަކަ ދެއްކީ އަޑޭ އެވެ.

އުމުރުން 31 އަހަރުގެ އަޑޭ އަކީ ގައުމީ ޓީމަށް 2007 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ފަހަކަށް އައިސް ގައުމީ ޓީމުގެ ގިނަ މެޗުތަކުގައި ކެޕްޓަންގެ ދައުރު އަދާކުރާ އަޑޭ ވަނީ ރާއްޖެ އެންމެ ފަހުން ސިންގަޕޫރުގައި ކުޅުން އެކުވެރި ކަމުގެ މެޗުގައިވެސް ކެޕްޓަން ބޭންޑް އަޅާފަ އެވެ.

ވިކްޓަރީ، ވީބީ، ބީޖީ ސްޕޯޓްސް، މާޒިޔާ އަދި ނިއު ރޭޑިއަންޓަށް ވެސް ކުޅެ ކްލަބް ލެވެލްގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ އަޑޭ ވަނީ 2014 އަހަރު އޭއެފްސީ ޗެލެންޖު ކަޕް ތިންވަނަ މަގާމު ގައުމީ ޓީމަށް ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910