ކުޅިވަރު

ދެބެންގެ ކެޕްޓަންކަމުގައ ތާރީހީ އިއްތިފާގެއް

ރާއްޖޭގެ ފުޓްބޯޅަތާރީހްގައި، ގައުމީ ޓީމުގެ އެންމެ ކާމިޔާބު ކެޕްޓަނަކީ، ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. ރާއްޖެ އާއި އަވަށްޓެރި ޝްރީލަންކާ އެކުވެގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި ޓީމުގެ ފަހަތުގައި ހުރެގެން އައްސަދު ދެއްކި ލީޑާޝިޕާއި ނަމޫނާ ދިވެހި ފުޓްބޯޅައިގެ ތާރީހްގައި ރަން އަކުރުން ފަވާލެވޭނެ އެވެ.

ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަނަކަށް، ކޯޗް ޕީޓާ ޝެގަޓް ވަނީ އައްސަދުގެ ކޮއްކޮ އަކުރަމް އަބްދުލް ގަނީ ހަމަޖައްސާފަ އެވެ. ގައުމީ ޓީމުގައި ކެޕްޓަންކަން ބޭންޑް އަޅާ އެއްބަނޑު އެއްބަފާ ފުރަތަމަ ދެބެންގެ ޝަރަފު އަކުރަމް އާއި އައްސަދަށް ލިބިގެންދާނެ އެވެ.

މީޑިއާ މެދުވެރިކޮށް ކޯޗު ބުނެފައި ވަނީ، އަކުރަމް އަށް ކެޕްޓަން ބޭންޑް ދިނީ ، މި އަހަރަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް އަޑޭ ބުނެފައި ވުމުން، ގިނަ ދުވަސްތަކަކަށް ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ޒިންމާ ނަގާނެ ކުޅުންތެރިޔަކަށް އަކުރަމް ވާނެ ތީ ކަމަށެވެ.

އައްސަދު އާއި އަކުރަމްގެ ކެޕްޓަން ކަމުގައި ތާރީހީ އިއްތިފާގުތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ، ދެބެންގެ ޖޯޒީ ނަންބަރަކީ ގައުމީ ޓީމުގެ 13 ނަންބަރެވެ. އެންމެ ބޮޑު ތާރީހީ އިއްތިފާގު މިއޮތީ އެވެ.

ދެހާސް އަށެއްގެ ސާފް ޗެމްޕިއަންޝިޕަށް ދާން ތައްޔާރުވިއރު، ގައުމީ ޓީމުގެ ތެރޭގައި ބޮޑު މައްސަލައެއް ފެންމަތިވި އެވެ. މިއަދު ގައުމީ ޓީމުން ރިޓަޔާ ކުރި އައްސަހަދު އަލީ (އަޑޭ)، އޭރު ގައުމީ ޓީމުގެ ކިޓްމެނޭޖަރަކަށް ހުރި ހަސަން ނިޒާރު (ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި އެވެ. އެ މައްސަލަ މީޑިއާގައި ކެކިގެން ދިޔަ އެވެ. ޓީމު ތެރޭގައި ވެސް ކަންބޮޑުވުން އުފެދުނެވެ.

މައްސަލަ ހައްލު ކުރުމަށްޓަކައި އެދުވަހު އަޑޭ ޓީމުން ބާކީ ކުރި އެވެ. ޓީމު ތެރޭގައި އުފެދުނު މައްސަލަ ހައްލުކުރުމަށް ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް އާއެކު ކެޕްޓަން އައްސަދު މުހިންމު ދައުރެއް އަދާ ކުރި އެވެ. ޓީމު ބައިބައިނުވެ އެކައްޗެއްގެ ގޮތުގައި ކުރިއަށް ދިޔައީ ކެޕްޓަނެއްގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އައްސަދު އަދާ ކުރުމުންނެވެ. އެންމެ މުހިންމު ވަގުތުގައިވެސް ވަރުގަދަ އަޒުމެއްގައި އޭނާ ހުރުމުންނެވެ.

މިއަދު އަކުރަމް އެވެ. އައްސަދުގެ އިމްތިހާނަށްވުރެ އަކްރަމްގެ ކުރިމަތީގައި އޮތް އިމްތިހާން ބޮޑެވެ. ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ޓީމުގައި ނެތެވެ. ކުރީގެ ކެޕްޓަން އަލީ އަޝްފާގް ޓީމުން ވަކި ކޮށްފި އެވެ. މިރޭ ބޫޓާން އާ ދެކޮޅަށް ކުޅެން އޮތް މެޗު ފަށަން ހަތް ގަޑިއރަށް ވެފައި ވަނިކޮށް އަޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.

މިއަދު އަކްރަމަށް އޮތީ އޭނާގެ ބޭބެ އައްސަދު ދެއްކި ނަމޫނާގައި ހިފެހެއްޓުމެވެ. ޓީމުގެ ދެންތިބި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި ވަރުގަދަ ރޫހެއް އުފެއްދުމުގައި އޭނާގެ ޒިންމާ ބޮޑުވާނެ އެވެ. އޭނާ އަކީ ބޭބެ އައްސަދު ގޮތަށް ދަނޑުމަތީގައި ލީޑަރެޖެވެ. ކެޕްޓަން ބޭންޑު ނެތަސް، އޭޏާ ކުޅެފައި ވަނީ އޭނާގެވެސް ޒިންމާއެއް އޮތް ކަމަށް ދެކިގެންނެވެ.