ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މުސްތަގުބަލެވެ. މި ވިޔަފާރިތައް ތަރައްގީކޮށްގެން ނޫނީ އާ ވިޔަފާރިތައް އުފެދުމެއްނެވެ. ދުނިޔޭގެ ގައުމުތަކުގައި ކުދި ވިޔަފާރި ފުޅާ ކުރަން އެ ވަރަށް މަސައްކަތް ކުރަނީ އެހެންވެ އެވެ. ސުވާލަކީ އެސްއެމްއީ ތަކަށް ރާއްޖޭގައި އޮތީ ކޮން ފުރުސަތެއް ހެއްޔެވެ؟
"ސަރުކާރުން ދަނީ ރާއްޖޭގެ އެސްއެމްއީ ތަރައްގީ ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން ފަށާފަ. މިއާއެކު މިހާރު އެސްއެމްއީތަކަށް ގިނަ ފުރުސަތުތަކެއް އެބަ ހުރި. މި ފުރުސަތުތަކުގެ ބޭނުންކޮށް ގިނަ ވިޔަފާރިތަކެއް ދަނީ އުފެދެމުން،" އެސްއެމްއީ ލޯނު ދޫކުރަން ފެށުމަށް ބޭއްވި ނިއުސް ކޮންފަރެންސުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުމްތާޒު ވިދާޅުވި އެވެ.
ރާއްޖޭގައި ކުޑަ ވިޔަފާރިއެއް ފަށަން ވިސްނާއިރު އެންމެ ފުރަތަމަ ކުރިމަތިވާނެ އެއް މައްސަލައަކީ ފައިނޭންސް ހޯދުމެވެ. ދިވެހިންގެ ވިސްނުން ކިތަންމެ އުފެއްދުންތެރިވި ނަމަވެސް މި ދަތިތަކުގެ ސަބަބުން ވިޔަފާރިތައް ތަރައްގީ ވުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހެ އެވެ. ދެން އޮތީ މީގެ އަނެއް ބައެވެ. އެސްއެމްއީ އަށް މީގެ ކުރިންވެސް ތަފާތު ނަންނަމުގައި ފައިސާ ދޫކުރި އެވެ. އެކަމަކު އެ ފައިސާ ދޫކުރުމަށްފަހު އެ ފައިސާ އިން ކުރަނީ ކޮން ކަމެއްކަމެއް ނުބެލެ އެވެ. މިހެންވެ މި ލޯނުތައް އެންމެ "ޕްރޮޑަކްޓިވް" ވިޔަފާރިތަކަށް ބަދަލުވުމުގައި ގޮންޖެހުންތަކާ ކުރިމަތިވެ އެވެ.
ނަމަވެސް އެންޓަޕްރައިޒް ޑިވްލޮޕްމަންޓް (އީޑީ) އިން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ކުދި އަދި މެދުފަންތި އަށް ގިނަ އަދަދެއްގެ އެހީ ދީފައިވެ އެވެ. އެތަނުން ލޯނު ދޫކުރުމަށްފަހު ރާއްޖޭގެ ހަ ސަރަހައްދުގައި ގާއިމްކޮށްފައިވާ ބިޒްނަސް ސާވިސް ސެންޓަރުތައް މެދުވެރިކޮށް ދަނީ މި ލޯނުތައް މޮނީޓާ ކުރަމުންނެވެ. މިގޮތުން ދޫކޮށްފައިވާ މާލީ އެހީތަކުގެ ތެރޭގައި ގިނަ ލޯނުތަކެއް ހިމެނެ އެވެ.
ގެޓްސެޓް ލޯނު
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ބޭރުގައި ދޫކުރާ "ގެޓްސެޓް" ލޯނު ސަރުކާރުން ތައާރަފު ކުރީ 2015 ވަނަ އަހަރު އެވެ. މިގޮތުން މި ލޯނުގެ ފަންޑުގެ ޖުމްލައަކީ 200 މިލިއަން ރުފިޔާ އެވެ. ވިޔަފާރީގެ ޕްރޮޕޯސަލަކާއެކު ދެ ޒުވާނަކު ގުޅިގެން ފޯމު ހުށަހެޅޭ ގޮތަށް އޮންނަ ގެޓްސެޓް ޕްރޮގްރާމްގެ ދަށުން، ހަމަޖެހިފައި ވަނީ 300،000 ރުފިޔާ އާއި 800،000 ރުފިޔާ އާ ދެމެދުގެ ލޯނެވެ. މި ލޯނަށް ރަހުނު ބަހައްޓާކަން ނުޖެހެ އެވެ. އެ ލޯނުގެ އިންޓަރެސްޓަށް އެންމެ ބޮޑުކޮށް އަށް ޕަސެންޓް ނަގާއިރު ލޯނު އަނބުރާ ދައްކަން ޖެހެނީ ހަތަރު އަހަރާއި ނުވަ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ. މި ލޯނު ފުރަތަމަ ބުރުގައި 72 ފަރާތްތަކަށް 25 މިލިއަން ރުފިޔާ ދޫކުރި އެވެ. މި ލޯނު ދެވަނަ ބުރަކަށް ދޫކުރިއިރު 37 ފަރާތަކަށް ދީފައިވެ އެވެ.
އެސްއެމްއީ ލޯނު
އެސްއެމްއީ ލޯނަކީ މެދުފަންތީގެ ވިޔަފާރިއަށް ދޫކުރާ އެންމެ ދުވަސްވީ އެއް ލޯނެވެ. ކުރިން މި ލޯނު ދިނީ ރަހުނެއް ބަހައްޓައިގެންނެވެ. ނަމަވެސް މިހާރު މިލޯނު ދޫކުރަނީ އެކަމަށް އެދި ޕްރޮޕޯސަލް ލުމުންނެވެ. މިލޯނަށް ވެސް ރަހުނު ބަހައްޓާކަން ނުޖެހެ އެވެ. ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދޭ މި ލޯނުގެ ޖުމްލަ ފަންޑަކީ 50 މިލިއަން ރުފިޔާ އެވެ. މި ލޯނު މިހާތަނަށް ސަރުކާރުން ދެ ބުރެއްގެ މަތިން ދީފައިވެ އެވެ. އެސްއެމްއީ ލޯނު ދެނީ އަމިއްލަ ފަރުދަކަށް ގިނަގެން 500،000 ރުފިޔާ އެވެ. ކުންފުނިތަކަށް ދޫކުރަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ. އަދި އަމިއްލަ ފަރުދުންނަށް ދެނީ 500،000ރ. އެވެ. ލޯނު ދައްކަން ނުވަ އަހަރު ލިބޭއިރު އިންޓަރެސްޓް ރޭޓަކީ ހަތް ޕަސެންޓެވެ. މިހާރު ވެސް ވަނީ މި ލޯނު ދޫކުރަން ހުޅުވާލާފަ އެވެ.
ފަސޭހަ މަދަދު
އިސްލާމިކް ފައިނޭންސްގެ ދަށުން "ފަސޭހަ މަދަދު" ނަމުގައި 30 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކޮށްފައިވެ އެވެ. މި ސްކީމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީތެރިކަމާއެކު ހިންގާ ސްކީމެކެވެ. މި ކްރެޑިޓް ސްކީމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރަނީ ބީއެމްއެލް މެދުވެރިކޮށެވެ. އެ ގޮތުން ލޯނު ދޫކުރަނީ ދަތުރުފަތުރާއި މަސްވެރިކަން އަދި ދަނޑުވެރިކަމަށެވެ. މި ސްކީމުގެ ދަށުން ދޫކުރަނީ ފައިސާއެއް ނޫނެވެ. ނަމަވެސް ފައިސާގެ ބަދަލުގައި ދޫކުރަނީ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ސާމާނު ނުވަތަ ވިޔަފާރި ހިނގާތަނުގެ ހަރަދު ތަކެވެ.
ކަނބަލުންގެ ލޯނު
މަސައްކަތްތެރި އަންހެނުންނަށް "ކަނބަލުންގެ ލޯނު" ގެ ނަމުގައިވެސް ލޯނެއް ދޫކުރަން ވަނީ މި އަހަރު ހުޅުވާލާފަ އެވެ. އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންޑަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ފެށި މި ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20.46 މިލިއަން ރުފިޔާ އެވެ. އަދި މި ލޯނު ދޫކުރަނީ 50،000ރ. އިން ފެށިގެން 200،000ރ. އާ ހަމަ އަށެވެ. މި ލޯނު ސްކީމު ލޯނު އަދަދު 50,000 ރުފިޔާ އަށް ވުރެ ދަށް ނަމަ ރަހުނެއް ބޭނުމެއް ނުވެ އެވެ. އަދި 50،000ރ. އަށް ވުރެ މަތީ އަދަދު ތަކުން ލޯނު ނަގާނަމަ 130 ޕަސެންޓާ އެކަށީގެންވާ ވަރުގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެ އެވެ. އަދި މި ލޯން ސްކީމްގައި އަމިއްލަ ފައިސާ އިންވެސްޓް ކުރަންޖެހޭ މިންވަރަކީ، ހުށަހަޅާ މުޅި ޕްރޮޖެކްޓްގެ (15 ޕަސެންޓް) އަށްވާ އަދަދެވެ. މިގޮތުން، މިހާތަނަށް ޕްރޮޖެކްޓަށް އަމިއްލަ ފައިސާ ހަރަދުކޮށްފައިވާނަމަ، އަމިއްލަ އަށް ކޮށްފައިވާ ހަރަދުތަކުގެ އިންވޮއިސް އަދި ބިލުތައް ހުށަހަޅަން ޖެހެ އެވެ.
ކްރެޑިޓް ގެރެންޓީ ސްކީމް
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ކްރެޑިޓް ގްރެންޓީ ސްކީމެއް ގާއިމްކޮށްފައިވެ އެވެ. ފެށިއިރު މި ސްކީމް ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު މި ސްކީމް ވަނީ 100 މިލިއަން ރުފިޔާ އަށް އިތުރުކޮށްފަ އެވެ. މި ސްކީމްގެ ބޭނުމަކީ އެސްއެމްއީ ގިންތީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ލޯނުތަކުގެ ތެރެއިން ސްކީމްގެ ދަށުން ގެރެންޓީ އަށް ހުށަހަޅާ ހުށަހަޅާ އަދި ޝަރުތު ފުރިހަމަވާ މާލީ ގޮތުން ކުރެވިދާނެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ނަގަން ގެރެންޓީ ދިނުމެވެ.
މި ސްކީމްތަކުގެ ނަތީޖާ ފެނޭތަ؟
ސަރުކާރުން ބުނަނީ މާލީ ގޮތުން ދޭ މި އެހީތަކުގެ ފައިދާ ފެންނަ ކަމަށެވެ. މިގޮތުން ބައެއް ވިޔަފާރިތައް ފައްކާ ކުރެވިފައިވާ ކަމަށްވެސް ސަރުކާރުން ތަކުރާރުކޮށް ބުނެ އެވެ. ނަމަވެސް އަބަދުވެސް ދެއްކެނީ އެއް ބައެކެވެ.