ކުޅިވަރު

ދަގަނޑޭ ނުލާ ބޫޓާން ކޮޅަށް ރާއްޖެ ހަތް ލަނޑު ޖަހައިފި

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޓީމުން ބާކީ ކުރުމުން، ޓީމު ތެރޭގައި އުފެދުނު ނުތަނަވަސް ކަމުގެ ތެރެއިން އޭޝިއަންކަޕް ކޮލިފައިންގެ ފަހު މެޗުގައި ބޫޓާންއާ ދެކޮޅަށް އުންމީދީ ފޯވަޑް ނާއިޒް ހަސަން (ދާދު) ހެދި ހެޓްރިކާއެކު ބޫޓާންގެ މައްޗަށް 7-0 ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.

ދަގަނޑޭ ޓީމުން ބާކީ ކުރުމުގެ އިތުރަށް މިއަދު މެޗަށް ތައްޔާރުވަމުން ދިޔައިރު ރާއްޖޭގެ ޓީމަށް ދިމާވި އަނެއް މައްސަލައަކީ، ޓީމުގެ ވައިސް ކެޕްޓަން އަސްހަދު އަލީ (އަޑޭ) ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާން ކުރުމެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް، އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާ ގޮތެއް ނުވި އެވެ. ސެންޓޭ އަކީ ބޫޓާންގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީން ރާއްޖެއަށް ލަނޑު ކާމިޔާބު ކޮށްދީފައިވާ ކުޅުންތެރިޔެކެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ. އޭރިއާގެ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ހަމްޕް ގޯލްތެރެއަށް ފޮނުވާލީ އޭނާ ހުރި ފަޅިއާ ދުރު ކަނަށެވެ.

ރާއްޖެއިން ވަނީ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅު ކޮށްފަ އެވެ. ރާއްޖެއިން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބު ކޮށް ހެޓްރިކް ހެދީ އުންމީދީ ފޯވަޑް ނާއިޒް ހަސަން (ދާދު) އެވެ. މެޗުގައި ރާއްޖޭގެ ހަމަލާތައް ވަރުގަދަ ވެގެން ދިޔައީ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކުޅެން ނިކުތުމުންނެވެ.

ރާއްޖޭގެ ދެ ލަނޑު ޖެހުމުގައި، ހަބޭސް އިއްބެ ވަނީ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. އެއީ ދާދު ހެޓްރިކު ހެދި ލަނޑާއި އިބްރާހިމް ވަހީދު ކާމިޔާބު ކުރި ލަނޑެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި، ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް ވަނީ ރާއްޖޭގެ ހަތް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިރޭގެ މެޗްގައި އެންމެ ބޮޑަށް ފާހަގަވީ ޒުވާން ކުޅުންތެރިންގެ ކުޅުމެވެ.