ކުޅިވަރު

ހެޓްރިކު ހެދިޔަސް ދާދުގެ މަސައްކަތް އަދިވެސް ކުރިއަށް

ކޯޗު ބޭނުންވާ ފެންވަރަށް އަދިވެސް ނުކުޅެވޭ ކަމަށާއި، އަދިވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރޭ ބޫޓާން ކޮޅަށް ހެޓްރިކު ހެދި ފޯވަޑް ނާއިޒު ހަސަން (ދާދު) ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް "ޑީ" ގެ ފަހު މެޗުގައި، ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ދާދު ވަނީ ހެޓްރިކް ހަދާފަ އެވެ. ދާދު ހެދި ހެޓްރިކާއެކު އޭނާ ވަނީ ގައުމީ ޓީމުގެ ތާރީހްގެ ތެރެއަށް ވަދެފަ އެވެ. އޭނާ އަކީ ގައުމީ ޓީމަށް ހެޓްރިކް ހެދި ހަ ވަނަ ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމަށް ހެޓްރިކު ހަދާފައިވާ ކުޅުންތެރިން

  • އަލީ ޝިހާމް (ހުރާ އައްޔަ)
  • އަލީ އަޝްފާގް (ދަގަނޑޭ)
  • އިބްރާހިމް ފަޒީލް (އޮއްޕޮ)
  • އަހްމަދު ތޯރިގް (ޓޮމް)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • ހަސަން ނާއިޒު (ދާދު)

އަދި ދާދު ވެފައި ވަނީ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި، އެއް މެޗެއްގައި ގައުމީ ޓީމަށް ހަތަރު ލަނޑު ޖެހި ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީމަށް ހަތަރު ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަކީ އަޝްފާގެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މޮންގޯލިއާ ދެކޮޅަށް ހަތަރު ލަނޑު ޖަހާފަ އެވެ. އެ މެޗު ގައުމީ ޓީމު މޮޅުވީ 12-0 ން ނެވެ.

ގައުމީ ޓީމަށް އެންމެ މެޗެއްގައި ދެ ހެޓްރިކު ހެދި ހަމަ އެކަނި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އަޝްފާގް އަތުގަ އެވެ. އޭނަ ވަނީ 2013 ވަނަ އަހަރު ލަންކާ ކޮޅަށް ދެ ހެޓްރިކް ހަދާފަ އެވެ. އެ މެޗު ރާއްޖެ ކާމިޔާބު ކުރީ 10-0 ން ނެވެ.

ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ދާދު ބުނީ، މެޗުން މޮޅުވީ ހުރިހާ ކުޅުންތެރިން އެއް އަޒުމާކާއެކު ކޯޗު ދިން އިރުޝާދުތައް ބޭނުން ހިފައިގެން ކުރި މަސއްކަތުން ކަމަށެވެ.

"އަދި ވެސް ކޯޗު ބޭނުންވާ މިންވަރަކަށް ނުކުޅެވޭ، ކޯޗު ބޭޏުންވާ މިންވާ ކޮންމެވެސް ވަރަކަށް ގާތަށް ކުޅެވުނު ކަމަށް ގަބޫލު ކުރެވޭ އަދި ވެސް އިތުރަށް މަސައްކަތް ކުރަން ޖެހޭ." ދާދު ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ ދާދުއަކީ ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި އޭނާގެ ފަރާތުން އަދިވެސް ގިނަ ކަންތައްތަކެއް ފެންނާނެ ކަމަށެވެ.