މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފުރަތަމަ ފަހަރަށް މަސް ޕެކެޓް، ނުވަތަ ޕައުޗް ބަންދުކޮށް، ރާއްޖޭން ބޭރު ކުރަން ފަށައިފި އެވެ.
މިފްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ މަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ އެ ކުންފުނިން ފެށި މި މަސައްކަތްތަކާއެކު ޕައުޗް (ޕެކެޓް މަސް) ބޭރު ކުރަން ފަށާފައިވަނީ އެމެރިކާގެ މާކެޓަށް ކަމަށެވެ. މީގެ އިތުރުންވެސް އިނގިރޭސިވިލާތަށް ބޭރު ކުރަން ފަށަން ހުރިހާ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ފެށިގެން މިދަނީ ފެލިވަރު އަޕްގްރޭޑީންގެ މަސައްކަތް ނިމުމާއެކު. ޕައުޗް އުފައްދަން ހާއްސަ ވަސީލަތް ތަކެއް ގާއިމްކޮށްގެން،" އަދްލީ ވިދާޅުވި އެވެ.
ރާއްޖޭން އެންމެ ގިނައިން ދަޅު މަސް ބަންދު ކުރާ ޕެކްޓްރީ ހުންނަ ކުންފުނީގެ އެމްޑީ ވިދާޅުވީ ފެލިވަރު ޕައުޗް ބަންދުކުރާ ވަސީލަތްތައް ގާއިމް ކުރަން 15 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ.
"މި އިންވެސްޓްމަންޓާއެކު ކުރިން ގެއްލިފައި ހުރި މާކެޓުތައް މިހާރު ވަނީ ލިބެން ފަށާފައި. އަޅުގަނޑުމެންގެ މަގުސަދަކީ މިފްކޯގެ އަމިއްލަ ބްރޭންޑެއްގެ ޕައުޗް އުފެއްދުން،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕުގެ މާކެޓުތަކުގެ އިތުރުން އެހެން މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.
"މި އަށްފަހު މިހާރު ދެން ކުރަން ފަށައިގެން މި އުޅެނީ މިޑުލްއީސްޓް އާއި ޗައިނާގެ މާކެޓަށް ހާއްސަ ޕައުޗް އުފައްދަން ފަށަން،" އަދްލީ ވިދާޅުވި އެވެ.
މެދުއިރު މައްޗާއި ޗައިނާގެ މާކެޓަށް ޕައުޗް ބަންދު ކުރަން ޖެހެނީ ތަފާތު ސްޓޭންޑަޑެއްގަ އެވެ.
ޕައުޗް ޕެކެޓަކީ ޔޫރަޕުގެ ގައުމުތަކުގެ ސުޕަމާކެޓްތަކުގައި މަގުބޫލު އެއްޗެކެވެ. މި ޕެކެޓުތައް އާއްމު ގޮތެއްގައި ބަންދުކުރަނީ ކުންފުނިތަކުން އޯޑަރު ދިނުމުން އެ ކުންފުނީގެ ލޭބަލްގަ އެވެ. މިގޮތުން ދުނިޔޭގެ ބޮޑެތި ސުޕަ މާކެޓުތަކުގެ ބްރޭންޑުތަކުގައި މި ބާވަތުގެ ޕެކިން ހަދާފައި ހުރެ އެވެ.
މިފްކޯ އިން އާ އިންވެސްޓްމަންޓްތަކަށް ގޮސްފައި މިވަނީ އެ ކުންފުނީގެ ދަރަނި ކުޑަ ކުރުމަށްފަހު އެވެ. އެ ކުންފުނީގެ ދަރަނި ބޮޑުވުމުގެ ސަބަބުން ސަރުކާރުން ވަނީ މިފްކޯއަކީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިދިޔަ އަހަރު ހަމަޖައްސާފަ އެވެ.