ކުޅިވަރު

ދަގަނޑޭއަށް އަދިވެސް ފުރުސަތު އޮންނާނެ

ގައުމީ ސްކޮޑުން، ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް އަދިވެސް ފުރުސަތު އޮންނާނެ ކަމަށް ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.

ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސަށް ނައުމުން، ޝެގަޓް ވަނީ އޭނާގެ ޓީމުން އަޝްފާގް ވަކި ކޮށްފަ އެވެ. އިއްޔެ ހަވީރު ޝެގަޓް ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދަގަނޑޭ އާ ވާހަކަ ދައްކައި ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ކޮންގޮތެއްތޯ ނިންމާނެ ކަމަށެވެ.

އޭނާ ބުނީ ގައުމީ ޓީމަށާއި ރައްޖޭގެ ފުޓްބޯޅައަށް އަޝްފާގް ކޮށްދީފައިވާ މަސައްކަތްތަކަށް އިހްތިރާމު ކުރާ ކަމަށެވެ.

"ނަމަވެސް މިއަދު އަހަރެން ޖެހޭ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ވިސްނަން، އެހެންވެ އަހަރެން ޓީމަށް ބޭނުން ވަނީ ގައުމީ ޓީމަށް އައިސް 100 ޕަސަންޓް ދޭނެ ކުޅުންތެރިން،" ޝެގަޓް ބުނެފައި ވެއެވެ. "ބޫޓާން މެޗަށް ފަހު އަހަރެން އުންމީދު ކުރަނީ އޭނާ [އަޝްފާގް] އާއި އަހަރެން ގުޅިގެން މި ކަމަށް ވަކި ގޮތެއް ނިމިގެންދާނެ ކަމަށް އަޝްފާގް ޓީމަށް ކުޅެން ބޭނުން ވަންޏާ އޭނަ އަށް ޓީމުން ފުރުސަތު ދޭނަން."

ކޯޗް ބުނީ އަޝްފާގްއަށް ވެސް ފުރުސަތު ދޭނީ 100 ޕަސަންޓް ދޭނަމަ ކަމަށާއި ނުވަތަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އޭނާއަށް ފަހަތަށް ޖެހުމުގެ ފުރުސަތު އޮންނާނެ ކަަމަށެވެ.

"އޭނާ ނިންމާނެ ކޮންމެ ނިންމުމަކަށް އަހަރެން އިހްތިރާމު ކުރާނަން." އަޝްފާގް ޓީމުން ވަކި ކުރުމުން ފާޑު ކިޔުންތަކާ ކުރިމަތިވި ޝެގަޓް ބުނެފައި ވެއެވެ.

އޭނާ ބުނީ ކޯޗެއްގެ ގޮތުގައި އޭނާ ނިންމި ނިންމުމަށް ކުޅުންތެރިން އިހްތިރާމު ކުރާނެ ކަމަށެވެ. ކާމިޔާބު ހޯދުމަށް ކުޅުންތެރިން އިތުރަށް ޕްރޮފެޝަނަލް ވާން ޖެހޭ ކަމަށް ކުޅުންތެރިން ގަބޫލު ކުރާ ކަމަށް ޖޯޖިއާ އާއި އަފްގާނިސްތާނަށް ކުރިން އިރުޝާދު ދިން ކޯޗު ބުނެފައި ވެއެވެ.

ރޭގެ މެޗަށް ފަހު، ޝެގަޓް ބުނީ ރޭ ލިބުނު ބޮޑު މޮޅު އޭނާ ހާއްސަ ކުރަނީ އަޝްފާގް އާއި އަސްހަދު އަލީ (އަޑޭ) އަށް ކަމަށެވެ.