ށ. ފުނަދޫ

ފުނަދޫ އެއާޕޯޓު އަޅާ ބިން ހިއްކާ ނިންމާލައިފި

ށ. ފުނަދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.

އެމްޓީސީސީގެ ޑްރެޖަރު "މަހާޖައްރަފު" ބޭނުންކޮށްގެން ފުނަދޫގައި ހިއްކާފައި ވަނީ އެ ރަށު ހުޅަނގު ފަރާތު މޫދުން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ. އަދި މިހާރު ކުރިޔަށް ދަނީ ބިން އެއްވަރު ކުރުމާއި ވަށައިގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ފުނަދޫ ބިން ހިއްކުމުގެ އިތުރުން އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެގޮތުން އެއާޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ ހަދަން ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 60 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް އަންނަ ޖުލައި މަހަށް ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.