ހަބަރު

މައިންޑްބްރިކްސުން ލެގޯ ޓްރެއިން ޕްރޮޮގްރާމެއް ފަށައިފި

ސުޕަ ކިޑްސް ކާސުލްގެ ދަށުން ހިންގާ މައިންޑް ބްރިކްސްގެ ފަރާތުން ލެގޯ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.

މިމަހު ފަންސަވީހުގައި ފެށި ލެގޯ ސްޓީމް ޓްރެއިނިން ސެޝަން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. ޓްރެއިނިން އަކީ ސުޕަ ކިޑްސް ކާސުލްގެ ޓީޗަރުންނާއި އެޑްމިން ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސުޕަ ކިޑްސް ކާސުލްގެ އެޑްމިން އަބުދުﷲ ޒުބައިރު އަހުމަދު ވިދާޅުވީ، މި ޕްރޮގްރާމަކީ ދުނިޔޭގެ ފާހަގަ ކޮށްލެވޭ ފަރާތްތަކެއް ގެނެސްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މިއީ ޓީޗަރުންނާއި ސްޓާފުންގެ ކޮލިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

"ލެގޯ އެޑިއުކޭޝަން އަކީ ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެެއްގައި ކިޔަވާ ދެމުން ގެންދާ ޕްރޮގްރާމެއް، މި ޕްރޮގްރާމަކީ ކުޑަކުދިންނަށް އެކަނި ކަމުދާ ޕްރޮގްރާމެއް ނޫން، މިއީ ބޮޑެތި މީހުންނަށްވެސް ވަރަށް ކަމުދާ ޕްރޮގްރާމެއް، އެޑްވާންސް ސައިންސްގެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ހުޅުވާލެވޭ ދޮރަކަށް މި ޕްރޮގްރާމް ވެގެންދާނެ،" ޒުބައިރު ވިދާޅުވި އެވެ.

ޒުބައިރު ވިދާޅުވީ، އެންެމެ ބޮޑު މަގުސަދަކީ ލެގޯ އެޑިއުކޭޝަން ކިޔަވާދިނުމުގެ ފެންވަރު ރަނގަޅުކޮށް ކިޔަވަން އަންނަ ދަރިވަރުންނަށް ރަނގަޅު ފެންވަރެއްގެ ތައުލީމު ފޯރުކޮށްދިނުން ކަމަށެވެ.

"ލެގޯ އެޑިއުކޭޝަން ކޮންސެޕްޓް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އަމާޒެއް،" ޒުބައިރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި 21 ބައިވެރިންވަނީ ބައިވެރިވެފަ އެވެ. ޕްރޮގްރާމުގައި ރޮބޮޓް ލެގޯގެ ޓްރެއިނިންވެސް ކުރިއަށްގެންގޮސްފައި ވެއެވެ. ސުޕަ ކިޑްސް ކާސުލުން ދަނީ ރާއްޖޭގައި ލެގޯ ޔޫކޭގެ ސިލަބަސް ކިޔަވާދެމުންނެވެ.