ޓެކްނޯލޮޖީ

އެޕަލްގެ ސްކޫލް އައިޕެޑް: އަގުހެޔޮވެފައި ރީތި

އެޕަލް އިން އަގު ހެޔޮ އައިޕެޑެއް ނެރެން އުޅޭ ވާހަކަ މީޑިއާގައި ދެކެވެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އިން މިހާރު ވަނީ އެ ކުންފުނީގެ އާ އަގު ހެޔޮ އައިޕެޑް ނެރެފަ އެވެ. މި އައިޕެޑް ނެރުނީ ޗިކާގޯގައި އޮތް އެޕަލް އެޑިއުކޭޝަން އިވެންޓުގެ ތެރެއިންނެވެ.

"ހޯމްވޯކް" ގެ ނަމުގައި އިޝްތިހާރު ކުރި މި އައިޕެޑަކީ ސުކޫލު ދަރިވަރުންނާއި ޓީޗަރުންނަށް އަމާޒު ކޮށްގެން ނެރުނު ތައުލީމީ ދާއިރާއަށް ހާއްސަ ވަސީލަތެކެވެ. ތައުލީމީ ދާއިރާއަށް ހާއްސަ ނަމަވެސް މި އައިޕެޑް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ. މި އައިޕެޑްގައި ކުރީގެ އައިޕެޑުތަކަށްވުރެ ތަފާތު ފީޗާތަކެއްވެސް ހިމަނާފައިވެ އެވެ.

ހާއްސަ ފީޗާތައް

މި އައިޕެޑަކީ އެޕަލް އިން މިިދިޔަ އަހަރު ނެރުނު 9.7 އިންޗި ހުރި އައިޕެޑްގެ އަޕްޑޭޓެޑް ވާޝަންއެކެވެ. ރެޓީނާ ޑިސްޕްލޭއެއް އިންނަ މި އައިޕެޑުގެ ދިގު މިނުގައި ވެސް 9.7 އިންޗި ހުންނާނެ އެވެ. މި އައިޕެޑް ފަރުމާކޮށްފައި ވަނީ އެޕަލް ޕެންސިލް ސަޕޯޓުކުރާ ގޮތަށެވެ. ޕްރެޝާ ސެންސިޓިވިޓީ އަދި ޓިލްޓު ހުންނާނީ އައިޕެޑް ޕްރޯއެކޭ އެއް ފެންވަރެއްގަ އެވެ.

އެޕަލް ފެންސިލްގެ އެހީގައި ދަރިވަރުންނަށް މި އައިޕެޑު ބޭނުންކޮށްގެން އެއްޗެހި ކުރެހުމާއި ނޯޓްސް ނެގުން ކަހަލަ ކަންކަން ކުރެވޭނެ އެވެ. މި ކަންކަން ކުރުމަށް އެޕަލްގެ ވޯޑް ޕްރޮސެސިން ސޮފްޓުވެއާ "ޕޭޖެސް" އާއި ޕްރެޒެންޓޭޝަން ސޮފްޓުވެއާ "ކީނޯޓްސް" އަދި ސްޕްރެޑްޝީޓް ސޮފްޓުވެއާ "ނަމްބާސް" ބޭނުން ކުރެވޭނެ އެވެ.

މި އައިޕެޑުގެ ފްރޮންޓް ކެމެރާއަކީ އެޗްޑީ ކެމެރާއެކެވެ. ފަހަތު ކެމެރާގައި 8 މެގަޕިކްސެލް ހުންނައިރު، މީގެ ބެޓަރީގެ ބާރު 10 ގަޑިއިރު ވަންދެން ހުންނާނެ އެވެ.

އާ އައިޕެޑްގެ "ހޯމްވޯކް" އިޝްތިހާރު.

އެޕަލް އައިފޯން 7 ގައި ހަރުކޮށްފައި ހުންނަ އޭ10 ފިއުޝަން ޗިޕްސެޓެއް މި އައިޕެޑުގައި ވެސް ހަރުކޮށްފައިވާއިރު، އެޕަލް އިން ބުނީ މީގައި ހަރުކޮށްފައިވާ އެމް10 ޕްރޮސެސާއަކީ އެޕަލް ލެޕްޓޮޕްތަކުގައި ހުންނަ ޕްރޮސެސާތަކަށްވުރެން 40 ޕަސެންޓް ބާރުގަދަ ޕްރޮސެސާއެއް ކަމަށެވެ. ގްރެޕިކްސް ޕާފޯމަންސް ކުރީގެ އައިޕެޑަށްވުރެ 50 ޕަސެންޓް ބާރުގަދަވާނެ ކަމަށްވެސް އެޕަލްއިން ބުނެ އެވެ.

މި އައިޕެޑުގައި އެޕަލްގެ އޭއާރް ނުވަތަ އޮގްމެންޓެޑް ރިއަލިޓީ ފީޗާވެސް ހިމަނާފައިވެ އެވެ. މި ފީޗާގެ އެހީގައި ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީ، ދަރިވަރުންނާއި މުދައްރިސުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެޕަލް އިން ބުނެ އެވެ.

މި އައިޕެޑުން ޔޫސާ ބަދަލު ކުރުމަށް ދާނީ މިނެޓަކަށްވުރެ މަދު ވަގުތުކޮޅެކެވެ. ބިޒީ ކުލާސް ރޫމެއްގައި ނަމަ މިއީ ފަސޭހަވާނެ ފީޗާއެކެވެ. އެޕަލް ސުކޫލް މެނޭޖާގެ އެހީގައި ބައިވަރު ޑިވައިސްތައް އެއްފަހަރާއި މެނޭޖުކުރެވޭނެއިރު، އެއިން ބަލްކުކޮށް އެޕަލް އައިޑީތައްވެސް ހަދައިލެވޭނެ އެވެ. ދަރިވަރުންނަށް ހާއްސަކޮށް އައިކްލައުޑްގެ ސްޓޯރޭޖް ވަނީ 5 ޖީބީ އިން 200 ޖީބީ އަށް ބޮޑުކޮށްދޭން ނިންމާފަ އެވެ.

ކުރީގެ އައިޕެޑާ މި އައިޕެޑާ އަޅާ ކިޔާލަމާ

ކުރީގެ އައިޕެޑާއި މި އައިޕެޑުގެ ތަފާތު ހޯދަން އުނދަގޫވެދާނެ އެވެ. އެއީ ކުރީގެ އައިޕެޑާއި މި އައިޕެޑުގެ ދިގުމިނާއި ބޭރުގެ ޑިޒައިންތައް ދާދި އެއްގޮތް ކަމެއް ހުރުމުންނެވެ. ބައެއް ފީޗާތައް ވެސް އެއްގޮތް ކަމެއް އެބަހުއްޓެވެ. އެގޮތުން ދެ އައިޕެޑުގެ ފުޅާމިނުގައި 7.5 މިލިމީޓަރު ހުންނައިރު، ހަމައެކަނި ވައިފައި ބޭނުންކުރާ ގޮތަށް ފަރުމާކޮށްފައި ހުރި އައިޕެޑުގެ ބަރުދަނުގައި 469 ގުރާމު ހުރެ އެވެ. ވައިފައި އަދި ސެލިއުލާ ބޭނުންކުރާ ގޮތަށް ފަރުމާކޮށްފައި ހުރި އައިޕެޑުގައި 478 ގުރާމް ހުންނާނެ އެވެ.

ދެ އައިޕެޑުގެ ހޯމް ބަޓަންވެސް އިންނަނީ ހަމަ އެއްގޮތަކަށެވެ. ޓަޗް އައިޑީ ފިންގާޕްރިންޓް ސްކޭނިން ކުރެވޭ ގޮތަށެވެ. ހަމަ ކުރީގެ އައިޕެޑެކޭ އެއްގޮތަށް 3.5 މިލިމީޓަރުގެ ހެޑްފޯން ޖެކެއްވެސް އިންނާނެ އެވެ. ކަމެރާއާއި ބެޓަރި އަދި ޑިސްޕެލޭގައި ވެސް ހުންނަނީ ދާދި އެއްގޮތް ފީޗާތަކެކެވެ. ދެ އައިޕެޑުގައި އެއްގޮތް ފީޗާތައް ގިނަ ނަމަވެސް އަލަށް ނެރުނު މި އައިޕެޑުގައި ވަރަށް ހާއްސަ އާ ދެ ފީޗާއެއް އެބަ އިނެވެ.

އެޕަލް އެޑިއުކޭޝަން އިވެންޓުގައި އާ އައިޕެޑު ތައާރަފްކުރުން.

އެ ހާއްސަ ފީޗާތަކުގެ ތެެރެއިން އެއް ފީޗާއަކީ މި އައިޕެޑަކީ އެޕަލް ޕެންސިލް ސަޕޯޓު ކުރާ ގޮތަށް ފަރުމާ ކޮށްފައިވާ ޑިވައިސް އަކަށްވުމާއި ތާޑް ޕާޓީ އިލެކްޓުރޯނިކް ޕެންސިލެއް ކަމަށްވާ ލޯންގިޓެކް ކްރެޔޯން ވެސް މި އައިޕެޑަށް ސަޕޯޓުރާނެ ގޮތް ހަދާފައިވުމެވެ. ލޯންގިޓެކް ކްރެޔޯން އަކީ އެޕަލް ޕެންސިލަށްވުރެ އަގުހެޔޮ ޑިވައިސްއެކެވެ.

ދެ ވަނައަށް ހާއްސަ ފީޗާއަކަށް އިނީ މީގެ ޗިޕްސެޓާއި ޕްރޮސެސާއެވެ. އެޕަލްގެ އައިޕެޑެއްގައި މިހާތަނަށް ބޭނުން ކޮށްފައިވާ ނުވާ ވަރުގަދަ ޗިޕްސެޓާކާއި ޕްރޮސެސާއެއް މި އައިޕެޑުގައި ބޭނުން ކޮށްފައިވެ އެވެ. މި އައިޕެޑުގައި ހަރުކޮށްފައި ވަނީ އޭ10 ފިއުޝަން ޗިޕްސެޓެއް އަދި އެމް10 ގެ ޕްރޮސެސާއެކެވެ.

އެންމެ އަގު ހެޔޮ އައިޕެޑް

މިއީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ އަގުހެޔޮ އައިޕެޑެވެ. އާންމުކޮށް މި އައިޕެޑު ވިއްކަނީ 329 ޑޮލަރަށެވެ. ނަމަވެސް ސުކޫލުތަކަށް ހާއްސަކޮށް މި އައިޕެޑު ވިއްކަނީ 299 ޑޮލަރަށެވެ. މި ޑިސްކައުންޓް އަގު އަދި ހަމައެކަނި ކަނޑައަޅާފައި ވަނީ އެމެރިކާގައި ސުކޫލުތަކަށް އެކަންޏެވެ.

އާންމުންނަށް 329 ޑޮލަރަށް ވިއްކާ އައިޕެޑަކީ 32 ޖީބީގެ ހަމައެކަނި ވައިފައި ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އައިޕެޑެވެ. ވައިފައި އަދި ސެލިއުލާ ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ 32 ޖީބީގެ އައިޕެޑު ވިއްކަނީ 459 ޑޮލަރަށެވެ.

އެޕަލް ޕެންސިލް ގަންނަންޖެހޭނީ ވަކިންނެވެ. ސުކޫލުތަކަށް މި ޕެންސިލް 89 ޑޮލަރަށް ވިއްކާއިރު، އާންމުކޮށް މި ޕެންސިލް ވިއްކަނީ 99 ޑޮލަރަށެވެ. ލޯންގިޓެކް ކްރެޔޯން ޕެންސިލެއް ލިބޭނީ 49 ޑޮލަރަށެވެ.

މި އައިޕެޑުތައް ސިލްވާ، ސްޕޭސް ގްރޭ އަދި ގޯލްޑް ކުލައިން ލިބޭނެ އެވެ. އޯޑާ ކުރުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، ޝިޕިން މި ހަފްތާގެ ތެރޭގައި ފަށާނެ އެވެ.