ބޮލީވުޑް

ސަލްމާން ފުއްލާތަކެއް މަރާލި މައްސަލަ ނިންމަނީ

ހިމާޔަތްކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ސަލްމާން ހާން ގަވާއިދާ ހިލާފަށް ޝިކާރަކޮށް މަރާލިކަމަށް ތުހުމަތުކޮށް، ކޮށްފައިވާ ދައުވާގެ މައްސަލާގައި ޖޯދުޕޫރުގެ ކޯޓަކުން އަންނަ އޭޕްރީލް މަހު ފަހެއްގައި ގޮތެއް ނިންމާއި ހުކުމް އިއްވާނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

އެ ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީގެ 19 އަހަރު ކުރިން ސަލްމާން ފުއްލާތަކެއް މަރާލި ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލާގައި ގޮތެއް ކަނޑަޅަން ޝަރީއަތް ތާވަލުކޮށްފައިވާ ކަމަށެވެ. އަދި މައްސަލާގެ ހުރިހާ އަޑުއެހުންތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

ސަލްމާނާއެކު މި މައްސަލާގައި މަޝްހޫރު ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ނީލަމް، ތާބޫ، ސޮނާލީ ބެންޑްރީ އަދި ދުޝްޔަންތު ސިންހް އަށްވެސް ވަނީ ތުހުމަތުތައް ކޮށްފަ އެވެ.

ސަލާމާން އާއި މި ތަރިންގެ މައްޗަށް މި ތުހުމަތުކޮށްފައި ވަނީ 1998 ވަނަ އަހަރު ސޫރަޖް ބަރްޖަތްޔާގެ ފިލްމު "ހަމް ސާތް ސާތް ހޭ" ގެ ޝޫޓިންއަށް ރާޖަސްތާނުގެ ރަށެއް ކަމަށްވާ ކަންކަނީއަށް ގޮސް އުޅުނުއިރު ޖަނަވާރު ޝިކާރަކުރަން ނިކުމެ ހިމާޔަތް ކޮށްފައިވާ ކަޅު ކުލައިގެ ފުއްލާތަކެއް ގަވާއިދާ ހިލާފަށް މަރާލި ކަމުގެ ތުހުމަތެވެ. އެ މީހުން އޭގެ ދެ ފުއްލާއެއް މަރާލިކަމަށް ތުހުމަތުކޮށްފައިވެ އެެވެ.

މި ބާވަތު ފުއްލާއަކީ އާންމުގޮތެއްގައި ނުފެންނަ ވައްތަރެއްގެ އެއްޗަކަށް ވާތީ އިންޑިއާގެ ސަރުކާރުން ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. މަދުން ފެންނަ މި ބާވަތު ފުއްލާ މިހާރު އުޅެނީ އިންޑިއާގެ ރާޖަސްތާނުގައި އާއި ނޭޕާލްގެ ވަކި ސަރަހައްދުތަކެއްގަ އެކަންޏެވެ.

އެ ރަށުގެ އާންމުންގެ ގިނަ ބަޔަކު މިކަމާއި ގުޅިގެން މުޒާހަރާ ކުރުމާއި ގުޅިގެން ދައުލަތުން ވަނީ ސަލްމާން އާއި އެހެން ތަރިންގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

ހަމަ މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ކަންކަނީގައި ޖަނަވާރު ޝިކާރައަށް ގޮސް އެ ދެ ކަޅު ކުލައިގެ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ.

އެ ދައުވާގައި ބުނެފައި ވަނީ ޝިކާރަކުރުމަށް ސަލްމާން ބަޑިއެއް ބޭނުންކުރި ކަމަށާއި އެއީ ލައިސަންސްގެ މުއްދަތު ހަމަވެފައި އޮތް ބަޑިއެއް ކަމަށެވެ. ނަމަވެސް މައްސަލަ ބެލުމަށްފަހު ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ކޯޓުން ވަނީ ސަލްމާންގެ މައްޗަށް އެ ތުހުމަތު ސާބިތު ނުވާކަމަށް ހުކުމްކޮށްފަ އެވެ.