އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެ ވަނީ އަރަބި ކަރައިގެ އެކުވެރި ގައުމުތަކުގެ ވެރިންނާ އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ބޭނުމުގައި ނިކަން މުހިންމު ސަމިޓެއް ކޭމްޕް ޑޭވިޑްގައި ނިންމަވާލައްވައިފަ އެވެ. ނަމަވެސް މި ސަމިޓަކީ އެމެރިކާ އާއި އަރަބި ގައުމުތަކާ ދެމެދު އޮތް ތާރީޚީ އެކުވެރި ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތްކަން ދުނިޔެ އަށް ހާމަކޮށްދިން ދެ ދުވަހުގެ ސަމިޓެކެވެ.
މެދުއިރުމަތީގައި އޮތް އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާ ކަމުގައިވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން މި ސަމިޓަށް ވަޑައިނުގެން އެ ބޭފުޅާގެ ބަދަލުގައި ދަރިކަލުން މި ސަމިޓަށް ފޮނުއްވުމަކީ ވެސް އެމެރިކާ އާއި އަރަބި ގައުމުތަކުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ އިޝާރާތެކެވެ.
އެހެންވީމަ މައްސަލައަކީ ކޮބައިތޯ އެވެ؟
ދުނިޔޭގެ އެހެން ގައުމުތަކުގައި ޑިމޮކްރަސީ ގާއިމުކުރުމަށާއި އިންސާނީ ހައްގުތަކަށް ފުރުސަތު ދިނުމަށް ގޮވާލައި އެމެރިކާ އިން ހިންގާ ވަރުގަދަ ކެމްޕޭނުގެ ރާޑަރަށް ދުވަހަކު ވެސް މެދުއިރުމަތީގެ އަރަބި ގައުމުތައް ނާރަނީ ކީއްވެގެންތޯ އެވެ؟
އެ ސުވާލުގެ ޖަވާބަކީ ތެލެވެ. އެމެރިކާ އަށް އަރަބި ގައުމުތަކާ ކުޅެން ނުކެރޭ މައިގަނޑު ސަބަބަކީ ތެލުގެ ބާޒާރުގައި އެމީހުން ހޯދާފައިވާ ކޮންޓްރޯލެވެ.
އަދި އެމެރިކާގެ ޚާރިޖީ ސިޔާސަތު މި ގައުމުތަކުން ފެނަށް ހަދާލާފައި ވަނީ ވެސް ތެލުގެ ބާރުންނެވެ.
ބަހްރެއިން އާއި ކުވައިތާއި އޮމާނާއި ގަތަރު އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއެކު ސައޫދީ އަރަބިއްޔާ އަކީ ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ 24 ޕަސެންޓް ކޮންޓްރޯލްކުރާ ގައުމުތަކެވެ. މި ގައުމުތަކުގެ ތެލުގެ ބާރުގަދަކަމުން މި އޮތްހާ ދުވަހު އެމެރިކާ ވެސް އޮތީ އެމީހުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންނެވެ.
ނަމަވެސް މި ރޭހުގައި އެންމެފަހުން އެމެރިކާ މިހާރު އެ ވަނީ ސައޫދީ އަރައްބިއްޔާ އާއި ރަޝިއާ އަށް ވުރެ ވެސް ކުރިއަށް ޖެހިލައިފަ އެވެ. ތެލުގެ ބާޒާރުގެ ކޮންޓްރޯލް އެމެރިކާ އިން އަތުލުމަކީ އަރަބިން ރުޅިއަރައިގަނެގެން އުޅޭ މައިގަނޑު ސަބަބެވެ.
ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް ތެލުގެ އަގު ވައްޓާލުމަށް އަރަބި ގައުމުތަކުން ޖައްސާ ކެމްޕޭނުގެ ފަހަތުގައި ފޮރުވިފައި އޮތީ ވެސް މި ވާދަވެރިކަމެވެ.
މިއީ އަނެއް މައްސަލަ އެވެ. އެމެރިކާ އިން ތެލުގެ ބާޒާރުގެ ކޮންޓްރޯލް އަތުލަމުންދާތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި ސައޫދީ އަރަބިއްޔާ އިން އަދި އޯޕެކްގެ އެހެން ގައުމުތަކުން ވެސް ވަނީ އެމީހުން ތެޔޮ އުފައްދާ މިންވަރު ނިކަން ބޮޑަށް އިތުރުކޮށްފަ އެވެ. މިފަހުން ތެލުގެ ބާޒާރުގައި ރިކޯޑް މިންވަރަކަށް ތެލުގެ އަގު ވެއްޓިގެން ދިޔަ މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ.
ތެލުގެ އަގު ވެއްޓުމުން ވެސް ހަގީގަތުގައި ގެއްލުން ބޮޑީ ސައޫދީ އަރަބިއްޔާ އާއި އަރަބި އެހެން ގައުމުތަކަށެވެ.
ސައޫދީގެ ޖީޑީޕީގެ 45 ޕަސެންޓް އެގައުމަށް ވަންނަނީ ސީދާ ތެލުގެ ވިޔަފާރިންނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މި ނިސްބަތް 40 ޕަސެންޓަށް އަރާއިރު ގަތަރާއި ކުވައިތާއި އޮމާންގެ އިގްތިސާދު ވެސް ގާތްގަނޑަކަށް ބަރޯސާވެފައި އޮތީ އެގައުމުތަކުން އުފައްދާ ތެލަށެވެ.
ތެލަށް މާ ބޮޑަށް ބަރޯސާވާން ޖެހުމުގެ ސަބަބުން މި ގައުމުތަކުގެ އެހެން ދާއިރާތަކުގެ ތަރައްގީ ވެސް ދަނީ ވެއްޓެމުންނެވެ.
އަރަބި ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް 2011 ވަނަ އަހަރު އެގައުމުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށް އެއް ބަޔަކު ވެރިކަން ވައްޓައި ހަމަނުޖެހުން އުފައްދަމުން ގެންދިއުމުގެ މައިގަނޑު އަސްލަކީ ވަޒީފާ ނެތް މީހުންގެ ނިސްބަތް އާދަޔާހިލާފަށް މަތިވުމެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ މި އަރަބި ގައުމުތަކުގެ ޒުވާނުންގެ އާބާދީގެ 40 ޕަސެންޓް އެ ތިބީ ކުރާނެ މަސައްކަތެއް ނެތިފަ އެވެ.
މި އަދަދަކީ ވެރިކަމެއް ވައްޓާލުމަށް ބޭނުންވާ ފޯރި އާއި ލޭ ކައްކާލުމަށް ނިކަން ފަސޭހަ އަދަދެކެވެ. މި ޒުވާނުންގެ ބައިގަނޑުތަކާ އެކު އަރަބި ގައުމުތަކުގެ ސަރުކާރުތައް ނުރައްކަލަށް ހުށަހެޅިގެން ދާ މަންޒަރު ފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
އަނެއްކޮޅުން އަރަބި ސްޕްރިންގްގައި އަދިވެސް ޑިމޮކްރަސީގެ މާތައް ފޮޅެމުންދާއިރު އެމެރިކާ އަށް ތެލުގެ ކޮންޓްރޯލް ލިބުމަކީ ހަގީގަތުގައި ވެސް ސައޫދީ ފަދަ ގައުމުތައް ބިރު ގަންނާނެ ކަމެކެވެ. އޮބާމާގެ ސަރުކާރުން އެ އޮތީ ހުސްނީ މުބާރަކްގެ މިސްރު، ޑިމޮކްރަސީ އަށް ގުރުބާންކޮށްފަ އެވެ.
މިއީ ހަމައެކަނި އިޒްރޭލުން ކަންބޮޑުވާ މައްސަލައެއް ނޫނެވެ. އިޒްރޭލުގެ ޔަހޫދީންނަށް ވުރެ ބޮޑަށް އީރާނު ނައްތައިލުމަށް ފެންބޮވައިގެންފައި ތިބީ އަރަބި ގައުމުތަކުގެ ސުންނީ ސަރުކާރުތަކެވެ. އެމެރިކާ އިން އީރާނުގެ ނިއުކްލިއާ މައްސަލާގައި މިފަހުން އިހްތިޔާރުކޮށްފައިވާ ގޮތް ވެސް އަރަބި މި ގައުމުތަކަށް ކަމުނުގޮސްގެން އުޅެނީ އެހެންވެ އެވެ.
އެމެރިކާ އާއި އީރާނުން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާ ގޮތުން ހީވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އުޅޭ ހެންނެވެ. އެހެން ހަދައިފި ނަމަ އީރާނުގެ އިގްތިސާދު ގުލްދަސްތާއެއްހެން ފޮޅެން ފަށާނެ އެވެ.
މިއީ ވާދަވެރި އަރަބި ގައުމުތައް އެއްގޮތަކަށް ވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ.
އީރާނަށް މިހާރު ވެސް މި ސަރަހައްދުގައި ރަނގަޅަށް ހެލިނުލެވިގެން އުޅޭ މައިގަނޑު ސަބަބަކީ އެމެރިކާގެ ބޮލަށް ސަވާރުވެގެން މި އޮތްހާ ދުވަހު ތިބި އަރަބި ގައުމުތަކުގެ ދުއްޕާނެވެ.