މާލޭ ސިޓީ

ޕިއްޒާ ހަޓްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ އައުޓް ލެޓެއް ފުރަތަމަ މާލޭގައި މިރޭ ހުޅުވައިފި އެވެ. މާލެއަށް ޕިއްޒާ ހަޓް ގެނައީ އަވަށްޓެރި ސްރީލަންކާގައި ވެސް ޕިއްޒާ ހަޓް ހިންގާ ގެމާ ޕިއްޒާ ކްރާފްޓާއި ރާއްޖޭގެ އައިލެންޑް ފުޑްސް މޯލްޑިވްސް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމަށްވާ ގެމާ އައިލެންޑް ފުޑްސްއިންނެވެ.

ޕިއްޒާ ހަޓް ރެސްޓޯރެންޓް، 70 މީހުންގެ ޖާގައާއެކު ހުޅުވާފައިވަނީ މާލޭގެ އަމީނީމަގުގައި ހުންނަ "މާލޭ ސްކޮއާ" ގަ އެވެ. އެތަން ހުޅުވާފައިވަނީ ބޮޑުބެރާއެކު މިރޭ ބޭއްވި ކުލަގަދަ ހަފްލާއަކާއަކާ ވެސް އެކު އެވެ. އެތަން ހުޅުވާދެއްވީ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ޕިއްޒާ ހަޓް ރަސްމީކޮށް މިރޭ ހުޅުވި ނަމަވެސް އާންމުންނަށް އެތަން ހުޅުވާލަން ނިންމާފައި ވަނީ މާދަމާ ހެނދުނު 11:00 ޖެހުމާ ހަމައިންނެވެ. އެގޮތުން އެކުންފުނިން ވަނީ ފުރަތަމަ 50 ކަސްޓަމަރުންނަށް ޓީޝާޓެއް ދިނުމަށް ވެސް ނިންމާފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގެމާ އައިލޭންޑްގެ ފަރާތުން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައާ މާލޭގައި ޕިއްޒާ ހަޓްގެ އިތުރު އައުޓްލެޓްތައް ކުރިއަށް އޮތް ތަނުގައި ހުޅުވާނެ ކަމަށެވެ. އަދި ވަރަށް ކޭއެފްސީގެ އިތުރު އައުޓްލެޓްވެސް ހުޅުވިގެންދާނެ ކަމަށެވެ.

ނަވާރަސަތޭކަން ފަންސާސް އަށެއްގައި އުފެއްދި ޕިއްޒާ ހަޓްގެ އިތުރުން އެ ކުންފުނިން މާލޭ ސްކޮއާގައި "ކޭއެފްސީ" ގެ އައުޓް ލެޓެއްވެސް ހުޅުވަން ނިންމައި އަންނަނީ ތައްޔާރީތައް ވަމުންނެވެ. ގެމާ އައިލޭންޑް އަކީ ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ 300 އަށްވުރެ ގިނަ އައުޓްލެޓް އިންޑިއާ އަދި ސްރީލަންކާގައި ހިންގަމުން ގެންދާ ފުޑް ކުންފުންޏެކެވެ.

މީގެ އިތުރަށް މާލެ އަށް "ބާގަ ކިންގް" އާއި "ދަ ކޮފީ ކްލަބް" އަންނައިރު، ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަންގައި އޮސްޓްރޭލިއާގެ "ގްލޯރިއާ ޖީންސް" ގެ ފްރެންޗައިޒެއް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ނިމިފަ އެވެ.

މާލޭގައި މިހާރުވެސް ބަރިސްތާ އާއި މޭރީ ބްރައުން އާއި ސީކްރެޓް ރެސިޕީގެ އައުޓްލެޓަކާއި މޫވެންޕިކް ހުރެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީކުރި އެފްއެންޑްބީ ކޮމްޕްލެކްސްގައި ކޭއެފްސީ އާއި ޕިއްޒާހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓު ހުޅުވުމަށް، އެމެރިކާގެ ރެސްޓޮރަންޓިއާ އެޗްއެމްއެސް ހޯސްޓް އިންޓަނޭޝަނަލްއާ ވަނީ ހަވާލުކޮށްފަ އެވެ.