ކުޅިވަރު

ސްޕޯޓްސް ކޮމިޝަނަރަކަށް އަލީ އުމަރު

މަގާމު ހުސްވެފައިވާ، ކޮމިޝަން އޮފް ސްޕޯޓްސްގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރު ހަމަޖައްސައިފި އެވެ.

ކުރިން، އެފްއޭއެމްގެ ނައިބުރައީސް ކަން ވެސް ކުރި އަލީ އުމަރު އެންމެ ފަހުން ހުންނެވީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު އޭނާ ހަވާލުމުން، އޮޓާއިން އެފްއޭއެމްގެ އެކސްކޯއިން އޭނާ ވަކި ވާނެ އެވެ.

އަލީ އުމަރު އެފްއޭއެމްގެ އެގެޒެކެޓިވް ކޮމިޓީއަށް އައްޔަން ކުރީ، މިދިޔަ އަހަރު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމުނުނު މަޖިލީހުގެ ތިން މެންބަރުންގެ މަގާމު ގެއްލުމުންނެވެ. އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް އަލީ އުމަރު އައްޔަން ކުރަން ފާސް ކުރީ އެގްޒެކެޓިވް ކޮމިޓީންނެވެ. ނަމަވެސް އެގްޒެކެޓިވް ކޮމިޓީން ފާސް ކުރި ނަމަވެސް އޭނާގެ ނަމަށް ރުހުން އޮތްތޯ ބެލުމަށް އެފްއޭއެމްގެ ކޮންގްރެސްއަށް ހުށަހަޅަން ޖެހޭނެ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި، އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި، އޭނާގެ ނަމަށް ވޯޓަށް އަހާފައި ނުވުމުން، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކުޅިވަރާ ގުޅުން ހުރި އެހެން މަގާމަކަށް އަލީ އުމަރު ހަވާލުވުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންގްރެސްގައި އެކަން އެޖެންޑާ ކުރީ އެހެންވެ ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، އެފްއޭއެމްގެ އެކްސްކޯގައި ހުސްވެފައިވާ މަގާމުތަކަށް ކުރިއަށް އޮތްތަނުގައި ވަރަށް އަވަހަށް މީހުން ހަމަޖައްސާނެ ކަމަށެވެ.

އެންމެ ފަހުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ، ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް) އެވެ.

އަލީ އުމަރު ވަނީ އޭނާގެ ކެރިއަރުގައި، ޔޫތު ސްޕޯޓްސް ކުލަބާއި، ކުލަބު ވެލެންސިއާ، އައިއެފްސީ، ނިއު ރޭޑިއަންޓް އަދި ވީބީ އައްޑޫ އެފްސީއަށް ކުޅެފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު އޭނާ ކެރިއާ ނިންމާލީ ނިއު އިންނެވެ. އެ އަހަރު ނިއުގައި މޮޅު ކުޅުމެއް އޭނާ ދެއްކި އެވެ. އެ އަހަރުގެ އޭއެފްސީ ކަޕް ކްއާޓާ ފައިނަލަށް ނިއު ގެންގޮސް ދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.