އަރަމުން އަންނަ ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އޭނާގެ ކެރިއަރުގައިވީ މަދު އަހަރުތަކުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ. "ގުލީ ބޯއީ" އާއި "ރާޒީ" އަދި "ބްރަހަމްސްތްރާ" ފަދަ ބޮޑެތި ފިލްމުތަކެއް މި އަހަރު އޭނާގެ ކުޅެން ތާވަލުކޮށްފައި ވެސް ވެއެވެ.
ފިލްމުތަކުގެ މަސައްކަތްތާކައި ބެހޭގޮތުން އާލިއާ މީޑިއާ އާއި ވާހަކަ ދައްކަމުން ދާދިފަހުން ބުނީ އޭނާ މަލްޓި ހީރޯއިން ނުވަތަ ހަމައެކަނި ބަތަލާއިން ފެންނަ ފިލްމެއްގައި މަސައްކަތް ކުރާނެ ކަމަށާއި އަދި އެ ފިލްމުގައި އޭނާއާއެކު ދީފިކާ ޕަދުނޯކް އާއި ކެޓްރީނާ ކައިފް ފެނިގެންދާނެ ކަމަށެވެ.
"އަދި ދުވަހަކުވެސް އެކަހަލަ ފިލްމެއްގައި މަސައްކަތް ކުރުމަށް ފުރުސަތެއް ލިބިފައެއް ނުވޭ. ދެ ހީރޯއިން އުޅޭތީއޭ ބުނެ މިހާތަނަށް އެއްވެސް ފިލްމެއް ދޫކޮށްލާފައެއް ނުވާނެ. އަހަރެން ބޭނުން ހަމައެކަނި އަންހެން ތަރިން [ލީޑުގައި] އުޅޭ ފިލްމެއް ކުޅެން."
އެފަދަ ފިލްމެއްގައި މަސައްކަތްކުރުމަށް ފުރުސަތު ލިބިއްޖެނަމަ ކޯ ސްޓާރުންގެ ގޮތުގައި ނަގަން ބޭނުންވަނީ ކޮން ތަރިންނެއް ހެއްޔޭ އެހުމުން އާލިއާ ބުނީ، ކެޓްރީނާއަކީ އަހަރެންގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ކަމަށައި އޭނާ އާއެކު ފިލްމު ކުޅުމުގެ ވާހަކަތައް އަބަދުވެސް ދެކެވޭ ކަމަށެވެ.
"ހަމަ އެގޮތަށް ދީޕިކާއާއި އެކުވެސް ވާހަކަތައް ދެކެވޭ. އެހާ ވަރުގަދަ ބަތަލާއިންނާއެކު ފިލްމެއް ކުޅުމަކީ ސަޅި ކަމަކަށްވާނެ. ކެޓްރީނާ އާއި ދީޕިކާ އާއެކު ފިލްމެއް ކުޅެން އެއްބަސްވެފަ އޮންނާނީ."
އާލިއާ ވަނީ ބޮލީވުޑްގައި އަންހެން ތަރިންނާއި މެދު ދެކޭ ނަޒަރިއްޔާތު ބަލަކުރުމާއި ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ މަޑުމަޑުން އަންހެން ތަރިން މިހާރު ކުރިއަރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ އަދި ދިގު ދަތުރަކަށްވާނެ ކަމަށެވެ. އެހެން ކަމުން މިވަގުތު ހުރިހާ އަންހެން ތަރިންވެސް އެކަކު އަނެކަކާއެކު މަސައްކަތްކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"މިސާލަކަށް، ވިސްނާލަބަ 'ދިލް ޗާހަތާ ހޭ' ކަހަލަ ފިލްމެއް ތިން އަންހެން ތަރިންނާއެކު އަލުން ހަދާލީމަ ވާގޮތް. އޭރަށް އެ ފިލްމު ކިހާ ރީތިވާނެ." އާލިއާ ބުންޏެވެ.