ހޮލީވުޑް

"ޑާކެސްޓް އަވާ"ގެ ޑައިރެކްޓަރުގެ އާ ފިލްމެއް

އެންމެ ފަހުން ބޭއްވި އޮސްކާ އެވޯޑުގައި ފިލްމު "ޑާކެސްޓް އަވާ" އިން ބެސްޓް ޑައިރެކްޓަރަކަށް ނޮމިނޭޓްވި ޖޯއީ ރައިޓް "ދަ ވުމަން އިން ދަ ވިންޑޯ" ޑައިރެކްޓް ކުރުމަށް ނިންމައިފި އެވެ. މި ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އޭޖޭ ފިންސް ލިޔެފައިވާ ސައިކޮލޮޖިކަލް ތްރިލާ ވާހަކައަކަށް ތައްޔާރުކުރާ ފިލްމެކެވެ.

ރައިޓް ޑައިރެކްޓުކުރި އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޕްރައިޑް އެންޑް ޕްރީޖުޑިސް"، "އެޓޯންމެންޓް"، އަދި "އެނާ ކެރެންއިނާ" ފަދަ ފިލްމުތައް ހިމެނެ އެވެ. އޭނާ ވަނީ ސައިފިކް ތްރިލާއެއް ސީރީޒްއެއް ކަމަށްވާ "ބްލެކް މިރޯ"ގެ އެޕިސޯޑެއް ޑައިރެކްޓުކޮށްފަ އެވެ.

ދަ ވުމަން އިން ދަ ވިންޑޯގެ ސްކްރިޕްޓު ތައްޔާރުކުރާނީ ޓްރޭސީ ލެޓްސް އެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ފިލްމު "ނޯ ކަންޓްރީ ފޯ އޯލްޑް މެން" އަދި "ދަ ޝޯޝިއަލް ނެޓްވޯކް" ގެ ޕްރޮޑިއުސާ ސްކޮޓް ރޫޑިން އެވެ. ކޯ ޕްރޮޑިއުސްކުރާނީ "ލޭޑީ ބާޑް" ގެ ޕްރޮޑިއުސާ އެލީ ބުޝް އެވެ.

މި ފިލްމުގެ ވާހަކައަކީ މީހުނާއި ވަރަށް ދުރުން އުޅުނު އަންހެނަކަށް ދިމާވާ ކަންތައްތަކެއް ގެނެސްދޭ ވާހަކައެކެވެ. މީހުންގެ ތެރޭގައި އެހާ އާންމުކޮށް ނޫޅުނު ނަމަވެސް މި އަންހެން މީހާ އޭނާގެ އަވައްޓެރިންގެ ހާލުބަލާ އުޅެ އެވެ. މި ވާހަކައިގެ އަސްލު ވާހަކަ ފެށެނީ މިގޮތަށް އޭނާ ހާލުބަލާ އުޅުނު އަވައްޓެރިއެއްގެ އާއިލާގެ ތެރޭގައި މައްސަލަތަކެއް އުޅޭކަން އޭނާއަށް ފާހަގަވާ ހިސާބުންނެވެ.

މިއަހަރު ޖެނުއަރީގައި ނިކުތް މި ވާހަކައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.