ހޮލީވުޑް

"ކެޕްޓަަން މާވެލް"ގެ މަސައްކަތް ފަށައިފި

މާވެލް ސްޓޫޑިއޯސް އިން އަންނަ އަހަރަށް ތާވަލުކޮށްފައިވާ އެ ސްޓޫޓިއޯގެ އާ ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" ގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ފަށައިފި އެވެ.

އެގޮތުން މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ލޮސް އެންޖެލަސްގައި ފަށާފަ އެވެ. މި ފިލްމުގެ ލީޑުން ފެނިގެންދާނީ އޮސްކާ އެވޯޑު ހޯދާފައިވާ ބްރީ ލެރިސަން އެވެ. މި ފިލްމުގެ ޝޫޓިންތައް ކެލިފޯނިއާ އާއި ލުއިސޭނިއާ އާއި ބެޓޮން ރޯގް އަދި ނިއު އޯލެންސްގައި ކުރިއަށްދާނެ އެވެ.

ކެޕްޓަން މާވެލް ޑައިރެކްޓުކުރާނީ "މިސިސިޕީ ގްރިންޑް" އަދި "ހާފް ނެލްސަން" ޑައިރެކްޓުކުރި އެނާ ބޯޑެން އާއި ރަޔަން ފްލެކް އެވެ. ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ މެގް ލެފޯވް، ނިކޯލް ޕާލްމަން، ޖެނީވާ ރޯބާޓްސަން-ޑީވޯޓް، ލިޒް ފްލެހައިވް އަދި ކާލީ މެންސްކް އެވެ. މި ފިލްމުގެ ދެ ޑައިރެކްޓަރުންވެސް ސްކްރިޕްޓު ތައްޔާރުކުރުމުގައި މަސައްކަތް ކޮށްފައިވެ އެވެ.

މާވެލް ސްޓޫޑިއޯސް އިން ކޮށްފައިވާ ޓުވީޓެއް.

މާވެލް އިން އެ ސްޓޫޑިއޯގެ އޮފިޝަލް ޓުވީޓާގައި ކުރި ޓުވީޓެއްގައި ވަނީ ފިލްމުގެ މަސައްކަތް ފަށާފައިވާކަން ކަށަވަރުކޮށްދީފަ އެެވެ.

ބްރީ ލީޑުން ފެނިގެންދާއިރު، މި ފިލްމުގައި ހިމެނޭ އިތުރު ތަރިންގެ ތެރޭގައި ސެމިއުލް ޖެކްސަން، ކްލާކް ގްރެގް، ލީ ޕޭސް، ޖޫޑް ލޯ، ގެމްމާ ޗެން އަދި ޖީމޮން ހަންސު ހިމެނެ އެވެ.

މިއީ މާވެލްގެ 21 ވަނަ ފިލްމެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މާޗު މަހު 8 ގަ އެވެ.