ވާހަކަ

ބުނެދޭށޭރުހެމޭ

(27 މާރިޗު 2018 އާ ގުޅޭ) -- "ސޮރީ..." ނިމްރާ ދެއަތްޖޯޑުކޮއްލަމުން އަވަސް އަވަހަށް ތަކުރާރުކޮށް ބުނެލިއެވެ. ދެން ވެސް އަރްސަލް ހުރީ ހައިރާންވެފައެވެ. ނިމްރާ ކުއްލިއަކަށް މަޢާފަށް އެދެން ފެށީމައެވެ. އެ އަންހެންކުއްޖާއަށް ވީގޮތެއް ނޭނގެއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑި ކޮންމެވެސް ގޮތަކުން ނިމްރާގެ ހަރަކާތްތައް މާނަކުރިއެވެ. އަރްސަލް ނުރުހޭކަމެއް ކުރެވުނީމާ އެކަމަށް އަވަހަށް މަޢާފަށް އެދުނީކަމުގައި އަރްސަލް ހީކުރީ އެއީ ޤަބޫލުކުރަން އެންމެ ފަސޭހަކަންތައްވީމައެވެ. ކުޑަކޮށް ތުންފަތުގެ ދެ ފަރާތު ކަން މައްޗަށް ދެމިލިއެވެ. އެހެންނަމަވެސް ނިމްރާއަށް ފުރަގަސްދެމުން އަރްސަލް އައިސް ސޯފާގައި އިށީނެވެ. އެއާއެކު އަނެއްކާ ވެސް ފޯނަށް ބަލަން ފެށިއެވެ.

"ރާދު! ކޮންއިރަކުން އަންނަނީ؟" އަރްސަލް ފޯނުން މެސެޖު ލިޔެފައި ފޮނުވާލިއެވެ.

"އަހަރެން ގެއަށް ނުގޮސްގެން ނުނިދިފަތަ؟ ސުވީޓް ގާލްފްރެންޑް... ނުވެސް ކަން ދޯ އަދި... ޑޯންޓް ވޮރީ ބޭބީ. އައި ވެސް ވަރަށް މިސްވޭ ކުޑަ ހިނދުކޮޅަށް ވެސް ޔޫ އާ ދުރުގައި ހުންނަންވެއްޖެނަމަ" ރާދިންގެ މެސެޖު އައިގޮތުން އަރްސަލް ގާތަށް ހިނިއައެވެ.

"ޔޯ ސްކިނީ އޭ*... އެނގިއްޖެތަ؟ އަހަންނަށް ހީވަނީ ކަލޭ ބޯސަކަރާތްވަނީހެން. އަވަހަށް އަންހެނަކު ހޯދާ. އަހަރެން ބޭނުމެއްނޫން ކަލޭ ފިރިހެނުންނަށް ހިތްކިޔާކަށް" އަރްސަލް ވަގުތުން ރައްދު ދިނެވެ. ރާދިން ނުކުމެގެން ދިޔައީ ހިތްހަމަނުޖެހިފައި ހުރެކަން އަރްސަލްއަށް އެނގެއެވެ. އެހެންނަމަވެސް އޭނާގެ އެންމެ ކަމުދާ ސިފައަކީ އެއީއެވެ. ރުޅި އަޔަސް އެކަން ނިކަން ފަސޭހައިން ފިލައިގެން ދާނެއެވެ. ނޫނީ އަރްސަލްއަށް ރުޅި މޫނު ދައްކައިގެން ހުންނަން ރާދިން ބޭނުންނުވަނީ ކަންނޭނގެއެވެ. އެކަމާ އަރްސަލް އަޖައިބު ވެސް ވެއެވެ. އޭނާއަކީ ރާދިންއާ ދިމާ އިދިކޮޅު މީހެކެވެ. ކަމެއްދިމާވެއްޖެނަމަ އެކަން ހިތުގައި އަޅައިގެން ނުރުހުންވެފައި ކިތަންމެ ދުވަހެއްވާންދެން ވެސް އަރްސަލް ހުރެދާނެއެވެ.

"ހެ ހެ ހެ... އަހަރެން ނެތިސް އަހަރެންގެ ޑާލިންގއަށް ގޮތެއްނުހަދައްޗޭ. އުޑުމަތި ބަނަކޮށް އޮތްކަން އެނގޭތަ. ހީވަނީ ވާރޭ ވެހޭނެހެން މިރޭ. ޑާލިންގއަށް ހަނދާންކޮއްދެއްޗޭ ހުރިހާ ދޮރުތައް ލައްޕަން. ބައި ދި ވޭ... ބައްޕަގެ ހާލު ނޭހިޔަސް އަހަރެން ބުނާނަން. މިހާރު ބައްޕަ ކުޑަކޮށް އޯކޭ. ޝުގާއެންޑް ބީޕީ ތަންކޮޅެއް މަތީގަ ހުރީ... އެނގޭތަ... އާނާއާ ދިމާވި. އަރްސަލް ވެސް ހުރި ނަމައޭ ހިތަށް އެރި. ހެނދުނުން ބައްޕަ ޗެކަޕްއަށް ހޮސްޕިޓަލަށް ގެންދާނެ. ހަލަފް... ހީ އިޒް އީޓިން މީ އަލައިވް... ހެ ހެ ހެ. ހީ މިސްޑް ޔޫ އަރްސަލް. އަހަރެން މިރޭ މިކޮޅުގައި މަޑުކުރަނީ. ހެނދުނުން ބައްޕަގެ ކަންތައްތައް ނިންމާފައި ގެއަށް ދާނަން... މައި ރިގާޑްސް ޓު ކީފާ. ޔޫ ގާއީޒް އިންޖޮއި އިނގޭ. ބާއި" ރާދިން ޓެލެގްރާމްކޮއްލިއެވެ. އެ މެސެޖަށް ބަލަން އަރްސަލް އިންދާ ވައިބަރ މެސެޖެއް އައުމުން ހުޅުވާލިއެވެ. ވައިބާއިން އައީ ޕޮޓޯއެކެވެ. ރާދިންގެ ކަރުގައި "ނެކްލޮކް" އަޅުވައިގެން ހެވިފައި ހަލަފް ހުއްޓެވެ. ހަލަފްގެ ބޮލާއި ރާދިންގެ ބޯ ކައިރިން ޝިހާނާގެ ތުން އޫކޮށްލެވިފައިވާ މޫނުފެންނަން ހުއްޓެވެ. ފުރަތަމަ ފެނިފައި ހިނިއައި ނަމަވެސް މަޑުމަޑުން އެ ހިނިތުންވުން އަރްސަލްގެ މޫނުމަތިން ފިލައިގެން ދިޔައެވެ. ފުންވިސްނުމަކަށް އޭނާ ދިޔައީ ހަޔާތުގެ ކުރީކޮޅު އޭނާގެ ދިރިއުޅުން ހޭދަކުރި ގޮތް ހިތަށް އަރާފައެވެ.

* * * *

އުމުރުން އެންމެ އަށް އަހަރުގެ އަރްސަލް ބަދިގޭގެ ކައުންޓަރު ދޮށުގައި އިނދެފައި އުސް ގޮނޑިން ފުންމާލީ އަތުގައި އޮތް ކުރެހުން މަންމައަށް ދައްކާށެވެ. އޭރު ބިލާލު ތަށިތަކަށް ކާއެއްޗެހި އަޅަން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ބަސްމަދުވެފައި ހުއްޓެއްކަމަކު އަރްސަލް ބަދިގެއިން ބޭރަށް ނުކުންނަން ދުއްވައިގަތުމުން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ބިލާލުގެ ކައިރިކޮއްލެވިފައި ހުރި ދެބުމައާއި ނިތަށް ގިނަވެފައި ހުރި ރޫތަކާއެކު އެ ދެ ލޯ ވެސް ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. ބައްޕަގެ ނުރުހުމާ ކުރިމަތިލާން ބޭނުންނުވާތީ ތުންފިއްތާލާފައި އަރްސަލް އެނބުރި އައިސް ގޮނޑީގައި އިށީނެވެ. ކަންތައް ކުރެވުނީ ރަނގަޅަށް ނޫންހެން ހީވެ ބިލާލު އައިސް ކައުންޓަރުގެ އަނެއްފަރާތުން ދަރިފުޅާ ކުރިމަތިލިއެވެ.

"އާރޯ... ދަރިފުޅޫ!... ދެރަވީތަ؟ ބައްޕަ ރުޅިއައިސްގެންނެއްނޫނޭ ބާރަށް ގޮވާލެވުނީ... އެހާ ވަގުތެއްނެތެއްނު ދޯ... ސްކޫލަށް ދިއުމުގެ ކުރީން ސައިބޯންވާނޭ ބައްޕަ ބުނަމެއްނު. ބައްޕަ ވެސް އޮފީހަށް ދަނީ ސައިބޮއެގެންނު. ދައްކަބަލަ ތި ގަނޑު... ކޯއްޗެއްތަ އެހާ ވަރުން ތި ކުރެހީ. ބައްޕަ ހީކުރީ ނިންމާފައި ބައްޕައަށް ދައްކާނޭކަމަށް" އަރްސަލްގެ އެއްފަރާތަށް ފުނާއަޅާފައިވާ އިސްތަށިގަނޑު ބިލާލު ރީތިކޮއްލަމުން ހިނިތުންވެލިއެވެ.

"ސޮރީ ބައްޕާ! އެކަމަކު އެންމެ ފުރަތަމަ ޑްރޯއިންގ ދައްކާނީ މަންމައަށް. ބައްޕައަށް ފެންނާނެއެއްނު އަޅުގަނޑު ސްކޫލަށް ގެންދާ ގަޑީގައި. މިއަދު މީ ސްޕެޝަލް ދުވަހެއްނު... ބައްޕަ ވެސް މަންމަ މަތީން ހަނދާންނައްތާލީނު" އަރްސަލްގެ ވާހަކައިން ބިލާލުގެ މޫނުމަތީން ފެންނަން ހުރި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެކަން އަރްސަލްއަށް ފާހަގަވިއެވެ. އޭނާގެ މަންމައާއި ބައްޕަގެ ދެމެދުގައި ކޮންމެވެސް ކަމެއްވެގެން އުޅޭކަން އޭނާއަށް އެނގެއެވެ. އެހެންވިޔަސް ވީ ކީއްކަމެއް ނޭނގެއެވެ. އޭނާގެ ކުރިމަތީގައި އެ ދެމީހުން އެއްޗެކޭ ނުބުނެއެވެ. އެހެންނަމަވެސް އެ ދެމެދުގައި އޮންނަ ގާތްކަން ދުރުވެފައިވާކަން އަރްސަލްއަށް ފާހަގަވެއެވެ. ބިލާލަށް ބަދަލުތަކެއް އަންނަނީކަން އަށް އަހަރުގެ އަރްސަލްއަށް ނަގައިގަންނަން އުނދަގުލެއްނުވިއެވެ.

މަންމަގެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަރްސަލް އުދުހިފައި އައިސް އެ އުނގަށްވަދެއެވެ. ބިލާލު އޮފީސް ނިންމާފައި ގެއަށް އަންނަ ގޮތަށް އޭނާގެ އަނބިމީހާގެ މޫނުގައި ބޮސްދީ އުރާލާއިރު އެ މަންޒަރު ގާތުން ބަލަން އަރްސަލް ހުރެއެވެ. ބައްޕައާއި މަންމަގެ މެދުގައި އޭނާގެ ހަށިގަނޑު ފިއްތާލާ ލޯބިކޮއްލާ ގޮތް އަރްސަލްގެ ހިތުގައި ބިންވަޅުނެގިފައި ވިއެވެ. ކޮންމެ ހަފްތާއަކު އަރްސަލްއާއި އޭނާގެ މަންމަ ގޮވައިގެން ކޮންމެވެސް ތަނަކަށް ބިލާލު ދާނެއެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އެއްދުވަސް އެއްކޮށް އަރްސަލްއާއި އޭނާގެ މަންމައާއެކު ބިލާލު ހޭދަކުރެއެވެ. އެއިން ކޮންމެ ފަހަރަކު ބިލާލުގެ ފަރާތުން އޭނާގެ އަނބިމީހާއަށް ހަދިޔާއެއް ދޭނެއެވެ. އެ ހަދިޔާތަކުން އަރްސަލްގެ މަންމަގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ހިނިތުންވުން އަގުނުކުރެވޭނެއެވެ. ކުޑަކުޑަ އުފާވެރި ޢާއިލާއެވެ. އެހެންނަމަވެސް މަޑުމަޑުން އެ އުފާވެރިކަމަށް ބަދަލުއައީ ކީއްވެކަމެއް އަރްސަލްގެ ޅަ ސިކުނޑިއަކަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އަރްސަލްއަށް އެއްވެސް ކަމެއް އުނި ނުވިޔަސް އޭނާއަށް އޭނާގެ މަންމައާއި ބައްޕަގެ ދެމެދުގައި އޮތް ލޯތްބެއް ނުފެނެއެވެ. އެ ދެމީހުން އެކަކު އަނެކަކު ގައިގާ ބީހި ލޯބީގެ ސަމާސާ ކުރާތަނެއް ނުފެނެއެވެ. ހަދިޔާ ބަދަލުކުރާތަނެއް ނުފެނެއެވެ. ޢާއިލާއާއެކު ވަގުތު ހޭދަކުރުމަށްވުރެ ބިލާލު ފެންނަނީ މަސައްކަތުގައި ބޮޑަށް މަސްއޫލުވެގެން އުޅޭ ތަނެވެ. އަރްސަލްގެ ކުރިމަތީ ހުރިހާ ކަމެއް ފޫބައްދަން މަންމަ ކުރާ މަސައްކަތް އޭރު ވެސް އަރްސަލްއަށް ފާހަގަވިއެވެ.

"އެކަމަކު މިއަދު މީ މަންމަގެ ބާތްޑޭއެއް ވެސް ނޫން" ބިލާލު ބުނެލިއެވެ. އެއާއެކު އަރްސަލް ކުޑަކޮށް ހީނލިއެވެ.

"މިއަދު މީ ހުރިހާ ގާލް ކުދީންގެ ދުވަސް. ވުމެންސް ޑޭ... މަންމައަކީ ވެސް ގާލްކުއްޖެއްނު. ބައްޕާ! އަޅުގަނޑު ސްކޫލް ނިންމާފައި މަންމައަށް ގިފްޓެއް ހޯދަން ދާންވާނެއެއްނު. ބައްޕަ ވެސް މިއަދު މަންމައަށް ގިފްޓެއް ދެއްޗޭ. އޭރުން މަންމަ ވަރަށް އުފާވާނެ. މަންމަ ސަޕްރައިޒްވާނެ ބޮޑަކަށް" ވަރަށް ހިނިއައިސްފައި އިނދެ އަރްސަލް ބުނެލިއެވެ.

"އޯކޭ މައި ބޯއީ... އިހަށް ދަރިފުޅު ސައިބޮއެ. ރޭގައި މަންމަ ނިދީ ވަރަށް ލަހުން. އަދި ނުތެދުވާނެ... ތި ކުރެހުން ގިފްޓާއެކު ދޭން ފޮރުވާފަ ބާއްވާ. އަހަރެމެން އަންނަންވާއިރު މަންމަ އުޅޭނެ ހޭލާ" ދަރިފުޅާ އެއްބައިވެލަމުން ބިލާލު ބުނެލިއެވެ. އަރްސަލް އަވަސް އަވަހަށް ބޯޖަހާލީއެވެ.

"ބައްޕަ އަންނާނަން ހެދުން ބަދަލުކޮއްގެން ދަރިފުޅުގެ ދަބަސް ހިފައިގެން. ކިރުތަށި އެއްކޮށް ހުސްކުރާތި އިނގޭ" އަޅައިގެން ހުރި އޭޕްރަން ގަޔާ ވަކިކޮއްލާފައި ބިލާލު އެތެރެއަށް ހިނގައިގަތީއެވެ.

ސައިބޮއެ ނިމިގެން އިންނަތާ އިރުގަޑެއް ވީއިރު ވެސް ބިލާލު އެނބުރި ނައެވެ. އަރްސަލް ގޮނޑިން ފުންމައިލައިގެން ބޮޑުކޮޓަރިއަށް ނުކުމެ ސޯފާގައި އިރުކޮޅަކު މަޑުކޮއްލިއެވެ. އެހެން އިންދާ ކުއްލިއަކަށް ބޮޑުކޮޓަރީގެ ދޮރުން ވަދެގެން އައި މުއްޠަލިބު ފެނުނެވެ. އޭނާގެ މޫނުމަތީގައިވާ ހާސްކަން އަރްސަލްގެ ހިތް ވެސް ބިރުގަންނަވާލިއެވެ. ދެ ފަންގިފިލާއަކަށް ނަގާފައި ހުރި އެ ގޭގެ ސިޑިން ދުވަމުން މުއްޠަލިބު އެރީ ފުރަތަމަ ފަންގިފިލާއަށެވެ. އޭނާގެ ފަހަތުން އަރްސަލް ވެސް އައެވެ. ބިލާލުއާއި އޭނާގެ އަނބިމީހާގެ ކޮޓަރިއަށް ހަލުވިކޮށް އައި މުއްޠަލިބު ވަނެވެ. އެ ކޮޓަރިއާ ކައިރިވިއިރު މުއްޠަލިބާއި ބިލާލު ވާހަކަދައްކާއަޑުއިވެއެވެ. އަރްސަލް ސިއްރުން އައިސް ކުޑަކޮށް ހުޅުވިފައިވާ ދޮރު ކައިރީ މަޑުކޮއްލިއެވެ. އެހިނދު އޭނާގެ ދެ ލޯ ބޮޑުވެ އެ ކުޑަ ހަށިގަނޑު ގަނޑުވިއެވެ. ފަންކާގައި އެލިފައި ހުރި އަރްސަލްގެ މަންމަގެ ހަށިގަނޑުގެ ފައިކޮޅުގައި ބިލާލު ހިފަހައްޓައިގެން ހުއްޓެވެ. މުއްޠަލިބުގެ އެހީގައި ހަށިގަނޑު ތިރިކުރަން އުޅުނު ބިލާލުގެ ލޯ ދޮރުމަތީ ހުރި އަރްސަލްއަށް ހުއްޓުނެވެ. އެހިނދު އޭނާގެ އަނބިމީހާގެ ފައިކޮޅުން ދޫކޮއްލާ ދުވެފައި އައިސް ދަރިފުޅު އުރާލާ އޭނާގެ މޭގައި އަރްސަލް ފޮރުވާލީއެވެ.

* * * *

އެޕާޓްމެންޓުގެ ބެލް އަޅާލި އަޑާއެކު ސިއްސައިގެން ދިޔަ އަރްސަލްގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. އޭނާއަށް ވީ ގޮތް އެތާ ކައިރީ މަޑުކޮށްލައިގެން ހުރި ނިމްރާއަށް ފެނުނެވެ. އެހެންނަމަވެސް އަރްސަލް އިސްއުފުލާލަން ވާއިރަށް އަވަސްއަވަހަށް ނިމްރާގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓާލިއެވެ. މޫނާއި ކަނދުރާގައި އަތް ހިންގާލާފައި އަރްސަލް ތެދުވީ ވެއްޓުނު ފޯނު ނަގަމުންނެވެ.
އެޕާޓްމެންޓުގެ ދޮރުން ކީފާ ވަން ގޮތަށް އަރްސަލްގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. ހަމައެހާ އަވަހަށް އޭނާގެ ނަޒަރު ނިމްރާއަށް ދަތުރުކޮއްލިއެވެ. ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލާފައި އަރްސަލްއާ ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮއްލިއެވެ.

"ބާބެކިއުތަ؟" ހިނިއައިސްފައި ހުރެ ކީފާ އަހާލިއެވެ.

"ރާދުއެއްނެތް... ފެމެލީ އެމަޖެންސީއެއް ދިމާވެގެން ދިޔައީ. އަހަރެން ގަސްދުކޮއްގެން ހުރީ އެއްޗަކަށް އޯޑަރު ކުރާނީއޭ. ކީފާގެ ޗޮއިސް ބުނެބަލަ" ކީފާއާއެކު ސޯފާތަކާ ދިމާއަށް އައި އަރްސަލް ބުނެލިއެވެ. އޭރު ވެސް ސިޓިންރޫމާވީ ފަޅީގައި ހުރި ފާރުކައިރީ ނިމްރާ މަޑުކޮށްލައިގެން ހުއްޓެވެ.

އަރްސަލްއާއި ކީފާ ތިބީ އެއް ސޯފާއެއްގައެވެ. ކާން ގެންނާނޭ އެއްޗަކާ މެދު އެ ދެމީހުން މަޝްވަރާ ކުރަމުންދިޔައެވެ. ނިމްރާ އެ ދެމީހުންނަށް ވަކިވަކިން ބަލާލިއެވެ. މައްޗަށްވާގޮތަށް ފުނާ އަޅާފައި ހުންނަ އަރްސަލްގެ އިސްތަށިގަނޑު ހުރީ އޭނާ ގިނައިން އަތްފުނާ އެޅުމުގެ ސަބަބުން ކުޑަކޮށް ހޭވިފައެވެ. އަޅިއާއި މަޑުމަޑު ނޫކުލައަކާ އެއްވެފައި ހުރި ގަމީހެއް ލައިގެން އިންއިރު ކަރުގޮށުގެ ތިރިން ދެ ގޮއް ހުރީ ނައްޓާލާފައެވެ. އެކަމުގެ ސަބަބުން އޭނާގެ ތަނަވަސް މޭމަތިން ބައެއް ފެންނަން ހުއްޓެވެ. ގަމީހުގެ ދިގު އަތް އޮތީ ތަރުތީބެއްނެތް ގޮތަކަށް ބޮނޑިކޮއްލަމުން އުޅަންބޮއްޓާ ހަމައަށް އަރުވާލާފައެވެ. ނިމްރާގެ ނަޒަރު އަރްސަލްގެ ތުންފަތުން ކަރަށް ހުއްޓުނެވެ. އަރްސަލް ވާހަކަދައްކާއިރު އޭނާގެ ފާޅުކަން ބޮޑު ލަގޮނޑި ހަރަކާތްކުރާތަން ބަލަން ހުރެވުނީ ތަފާތު ޚިޔާލެއްގައެވެ. އަޅައިގަންނަ ފަދަ ރީތިކަމެއް އަރްސަލްގެ ހުރިކަން ނިމްރާގެ ހިތް ބުނެލިއެވެ. އޭނާގެ ހަރުކަށިކަމުގައި ގަޔާވާ ފަދަ ފިރިހެންވަންތަކަމެއް ހުރިކަމުގައި ހިތްބުނެލި ހިނދު ނިމްރާގެ ހިތުގެ ވިންދު އަވަސްވެލިއެވެ.

"ވަޓް!... އޭނާއާ މެދު ކޮންކަހަލަ ޚިޔާލެއް މި ކުރެވެނީ... ނިމްރާ! ޔޫ ގޯން މޭޑް. ހީ ވިލް ބާން ޔޫ އަލައިވް. ހީޒް ދި ޑެވިލް. ހަނދާންނެތުނީތަ؟" އަވަސްއަވަހަށް ނިމްރާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

"ލުކް އެޓް ހާ... ހީވަނީ އަރްސަލްގެ އުނގަށް އަރަންވެގެން އުޅޭހެން. ކީއްކުރަންތަ ތި އަތްލަނީ އަރްސަލްގެ ގައިގަ. ނޭނގޭތަ އޭނާ އެ އިނީ އުނދަގޫވެފަކަމެއް" އަރްސަލްގެ ގާތުގައި އިން ކީފާއަށް ބަލާލުމާއެކު ނިމްރާ ކަޅިއަޅާލިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ދެވަނަ ޚިޔާލެއް އުފެދުނެވެ.

"އަރްސަލްއާއި ކީފާއާ ދެމެދުގައި ގުޅުމެއް އޮތީކަމަށް ވެދާނެ. ހަމައެކަނި ރަޙުމަތްތެރިކަމެއްނޫންކަންނޭނގެ... އަރްސަލް ވެސް ގަޔާވޭކަންނޭނގެ ކީފާ އެ އުޅޭ ގޮތުން. އެހެންނޫންނަމަ އެ އަންހެނާ ހުއްޓުވީހެންނު" ނިމްރާއަށް އޭނާގެ ނަޒަރު ކީފާއާ ވަކިކޮއްނުލެވުނެވެ. އޮޅަލިކުލައިގެ ހަންގަނޑާއި ފުރިހަމަ ބައްޓަމެއް ކީފާއަށް ލިބިފައިވެއެވެ. ފަންކޮއްފައި އޮތް އިސްތަށިގަނޑު ޕޯނީޓެއިލްއެއްހެން އޮމާންކޮއް ފަހަތަށް އައްސާލައިފައި އޮތެވެ. ފެޝަނަށް ލޯބިކުރާކަން އޭނާ އަޅައިގެން ހުރި ހެދުމުން ފާހަގަވެއެވެ. ކަކުލާ ހަމައިން ފަޅާލާފައި ފަލަމަސްގަނޑުން ދެތިން ދިމާއަކުން ފޫދާން ކައިރިވެފައި ހުރި މަޑުނޫކުލައިގެ ފޭދިފައިވާ ސްކްނީ ޖީންސުގެ މަތީން ކުޑަކުޑަ އަތްކޮޅެއްލާފައި ހުރި ކްރޮޕް ޓޮޕެއްގައި ކީފާ އިނީ އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން އަރްސަލްއާ ދިމާއަށް އެނބުރިލައިގެންނެވެ. އޭނާގެ ފައި ދޭތެރެއަކުން އަރްސަލްގެ ފައިގާ ޖެހެއެވެ. ވާހަކަދައްކަމުން ދެއަތް ކުޑަކޮށް ހިއްލާލިއަސް އޭނާގެ ހިމަ އުނަގަނޑާއި ހިނދި ބަނޑުން ބައެއް ފެނެއެވެ. ނިމްރާގެ ތުންފަތައް ގޮތެއް ހަދާލެވުމާއެކު އެމީހުންނަށް ނުބަލަން އެނބުރިލިއެވެ.

"އަހަރެން މިތާ ހުރުމުގެ ބޭނުމަކީ ކޮބާ؟ އަރްސަލް ފޫހިފިލުވާދޭނޭ އަންހެނެއްނު އޭނީ އައިސް" ނިމްރާ ކުދިކިޔާލިއެވެ. ހަމައެއާއެކު އޭނާގެ ޟަމީރު ސުވާލު ކުރިއެވެ. އެ ދެމީހުންގެ ސަބަބުން ނިމްރާ ހިތްހަމަނުޖެހޭންވީ ސަބަބެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެހިނދު އޭނާގެ ހަނދާނަށް އަރްސަލްގެ މޭގައި ޖެހި ފިތިބާރުވެފައި ހުރި ގޮތް ސިފަކުރެވުނެވެ. ހިއްސުތަކުގެ ބާރު ކަނޑުވާލާ މަސްތުކަމެއް ނާރުތަކަށް ވެރިކުރުވާ ފަދަ އިހުސާސަކުން ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ބޭއިޚްތިޔާރުގައި ކަނާތުގެ މުއްލައްދަނޑީގައި ވައަތްތިލަ ހިންގާލާ ފިރުމާލެވުނެވެ.

"ކީއްވެތަ އޭނާ އެތާ އެ ހުންނަނީ؟ އޭނާ ކުރާނޭ ކަމެއްވެސް ނެތީތަ؟" ކީފާގެ އަޑު ނިމްރާއަށް އިވުނެވެ. އެހެންނަމަވެސް އެނބުރި އެ މީހުންނާ ދިމާއަށް ނިމްރާ ބަލައެއްނުލިއެވެ.

"އަހަރެން ބުނީމަ" ފާރާ ކުޑަކޮށް ނިވާވެލާ ފުރަގަސްދީގެން ހުރި ނިމްރާއަށް އަރްސަލް ބަލާލަމުން ބުނެލިއެވެ.

"އަރްސަލް... އޭނާ މިތާ ބެހެއްޓުމުގެ ބޭނުމަކީ ކޮބާ. ކަމެއްނެތިއްޔާ ފޮނުވާލަންވީނު" އަރްސަލްގެ ނަޒަރު ނިމްރާއަށް ހުއްޓިފައި ހުރި ގޮތް ފެނި ކީފާގެ ހިތަށް ނުބައިގޮތެއްވިއެވެ. މަޑުމަޑުން އަރްސަލްގެ މޫނުގައި ހިފާ އޭނާއާ ދިމާއަށް ކީފާ އަނބުރާލަމުން ހިނިތުންވެލިއެވެ. އަދި ލޯބިވެތި ގޮތަކަށް އަރްސަލްގެ އިސްތަށިގަނޑާ ކުޅެލިއެވެ.

"އަހަރެން ގަސްދެއްނުކުރަން އަވަހަކަށް އޭނާ ފޮނުވާލަކަށް. އަދި އަހަރެންގެ ހިތެއްނުފުރޭ" އަރްސަލްގެ ޖަވާބު އިވިފައި ކީފާގެ މޫނުގެ ކުލަ ބަދަލުވިއެވެ.

"އަރްސަލް... ބަދަލުހިފުމަކުން ތި ހިތެއް ނުފުރޭނެ. އޭނާ މިގެއަށް ގެނައުމަކީ އަރްސަލް ހެދި ވަރަށް ބޮޑު ގޯހެއް. އަހަރެން އެއްގޮތަކަށް ވެސް އެކަމަށް ސަޕޯޓްއެއް ނުދޭނަން. އަރްސަލް ގަސްދުކުރަނީ ކޮންކަމެއް؟ އޭނާއަށް އަނިޔާކުރަންތަ؟ ހީވޭތަ ގެއަށް ގެނެސްގެން އަންހެނަކަށް އަނިޔާކުރާއިރު އެކަން ނޭނގޭނެއޭ. އޭނާ އަރްސަލްއާ ދެކޮޅަށް މައްސަލައެއް ޖައްސައިފިއްޔާ ވާނޭގޮތް އެނގޭތަ. ޑޯންޓް ބީ ސްޓުޕިޑް އަރްސަލް. އައި ކެއާ ފޯ ޔޫ... ރިއަލީ ކެއާ ފޯ ޔޫ... ބަދަލުހިފިޔަސް މަރުވެފައިވާ މީހަކު އެނބުރި ގެނެވޭނެތަ؟ އޭނާ ލޫން މަރާލީކަމަށްވާނަމަ އެއީ އޭނާގެ ބޮލުގައި އެޅިފައި އޮތްކަމެއް. އަރްސަލް ކީއްކުރަން އިތުރުކަމެއް ބޮލުގައި އަޅަން ތި މަސައްކަތްކުރަނީ"

ނިމްރާ އެތެރެއަށް ދިޔަތަން ފެނުމާއެކު އަރްސަލް ތެދުވިއެވެ. އެހިނދު ކީފާގެ ވާހަކަތައް ހުއްޓުމަކަށް އައެވެ. އަރްސަލް އައިސް ސިޓިންރޫމާއި ބަދިގެއަށް ނުކުމެވެން ހުރި ދިމާގައި ހުއްޓިލިއިރު ނިމްރާ މަޑުމަޑުން ހިނގާފައި ގޮސް ބިއްދޮށުގައި ހުރި ބެލްކަންޏަށް ނުކުތެވެ.

"ޔޫ!... ޔޫ ކެއާ އަބައުޓް ހާ!" އަރްސަލްގެ މޫނުގައިވި އަސަރުތައް ދެނަގަންނަން މަސައްކަތް ކުރަމުން ކީފާ ބުނެލިއެވެ. އޭރު އޭނާ ވެސް ހުރީ އަރްސަލްގެ ގާތަށް އައިހެވެ.

"އޭނާގެ ވާހަކަ ނުދައްކަފާނަންތަ؟ މިރޭގެ މޫޑު ހަރާބު ތިކޮއްލަނީ ކީފާ އަމިއްލައަށް އިނގޭ" އަރްސަލް މޫނު ހަދާލަމުން ބުނެލިއެވެ.

"ސޮރީ..." ކީފާ އިހުނަށްވުރެ ގާތްވެލުމާއެކު އަރްސަލްގެ މުލައްދަނޑީގައި ދެއަތުން ހިފާލާ މަޑުމަޑުން ބާރުކޮއްލިއެވެ. (ނުނިމޭ)