ކުޅިވަރު

ގައުމީޓީމަށް ހާއްސަ މުބާރާތް އޮގަސްޓްގައި

އެހެން ގައުމުތަކުގެ ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ބާއްވާ މުބާރާތް އަންނަ އޯގަސްޓް މަހު ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމް ތައްޔާރު ވާން ފަށަިއފި އެވެ.

އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި މިއަހަރަށް ފާސް ކުރި އެފްއޭއެމްގެ ބަޖެޓްގައި ވަނީ، ޕޮމިސްކަޕްގެ ނަމުގައި ބާއްވާ މުބާރާތަކަށް ފައިސާ ކަނޑައަޅާފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ބަޖެޓްގައި ޕޮމިސްކަޕްގެ ނަމުގައި މުބާރާތް ހިމަނާފައި ވީނަމަވެސް މުބާރަތުގެ ނަމެއް މުޅިން ފައިނަލު ނުކުރާ ކަމަށެވެ.

މި އަހަރަކީ ރާއްޖޭގެ ޖުމުހޫރިއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވުމުން އެފްއޭއެމްގެ ވިސްނުން ހުރީ، ޖުމުހޫރީ 50 އަށް މުބާރާތް ހާއްސަ ކުރުމަށެވެ.

"އަޅުގަނޑުމެން މިދަނީ ސަރުކާރައެކު މަޝްވަރާ ކުރުމުން ޖުމުހޫރީ 50 ގެ ނަމަށް މުބާރާތް ހާއްސަ ކުރުމަށް، މުޅިން ފައިނަލު ވީމަ މުބާރާތް ރަސްމީކޮށް ލޯންޗު ކުރާނަން." ބައްސާމް ވިދާޅުވި އެވެ.

ބޭރުގެ ގައުމީ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި އެންމެ ފަހުން ބޭއްވި މުބާރާތަކީ، ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ގޯލްޑަން ޖުބުލީ ފުޓްބޯޅަ މުބާރާތެވެ. ފައިނަލުގައި ރާއްޖެ ބަލިކޮށް އެ ފަހަރުގެ މުބާރާތް ކާމިޔާބު ކުރީ ޝްރީލަންކާ އެވެ.

ޕޮމިސް ކަޕަކީ ބޭރުގެ ކުަލަބުތަކަށް ދައުވަތު ދިގެން ރާއްޖޭގައި ކުރިން ބާއްވަމުން ދިޔަ ކުލަބު މުބާރާތެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެފްއޭއެމުން އިއުލާން ކުރީ، ކޮންމެ ދެ އަހަރު އެއް އަހަރު ޕޮމިސްކަޕް ބާއްވާނެ ކަމަށެވެ.

މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އިއުލާން ކުރުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފައި ވަނީ އޯގަސްގައި ބާއްވާ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ގައުމީ ޓީމަށް ވޯމްއަޕެއް ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.