ހޮލީވުޑް

"އެވެންޖާސް: އޭޖު އޮފް އަލްޓްރޯން" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ

އެހެންވީމަ ހޮލީވުޑުން މި އަހަރު ނެރޭ ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާ ފިލްމަކަށް މި ފިލްމު ވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.

މާވެލް އިން 2012 ވަނަ އަހަރު ގެނެސްދިން "އެވެންޖާސް" ގެ ކާމިޔާބު ފިލްމަށް ފަހު މި މެއި މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށި "އޭޖު އޮފް އަލްޓްރޯން" އަށް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ލިބިފައިވާއިރު އެމެރިކާ އާއި ދުނިޔޭގެ އެކި ހިސާބުތަކުން ލިބުނު ޖުމްލަ މިހާރު ވަނީ އެއް ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

އެމެރިކާ އާއި އެހެން ގައުމުތަކުގެ ބޮކްސް އޮފީސްތަކުގެ ޖުމްލައިގެ ގޮތުގައި "އެވެންޖާސް" ވެސް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ނެގި އެވެ.

"އޭޖު އޮފް އަލްޓްރޯން" އިން 24 ވަނަ ދުވަހު ބިލިއަން ޑޮލަރުގެ ކްލަބަށް ވަދެފައިވާއިރު މިއީ މި ޝަރަފް ހޯދި މާވެލްގެ ތިން ވަނަ ފިލްމެވެ. "އެވެންޖާސް" ގެ އިތުރުން ދެން އެއް ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ނެގި މާވެލްގެ އަނެއް ފިލްމަކީ "އަޔަން މޭން 3" ކެވެ.

"އެވެންޖާސް" ސިލްސިލާގައި މިހާރު ވެސް ވަނީ ކުރިއަށް ދެ ފިލްމު އިއުލާނުކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ "އިންފިނިޓީ ވޯ: ޕާޓް އެކެއް" އަދި 2019 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ އޭގެ ދެ ވަނަ ބައެވެ.