ކުޅިވަރު

ގައުމީ ޓީމުގައި ތަރިއެއް، މެޑްރިޑްގައި ބެންޗުގައި

ސްޕެއިންގެ މިހާރުގެ ކޯޗް ހޫލެން ލޮޕެޓެގީގެ ޓީމުގައި އެންމެ މުހިންމު ތަރިއަކީ މިޑްފީލްޑާ އިސްކޯ އެވެ. ސްޕެއިންގެ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައިވެސް ޓީމުގެ މެދުތެރޭގައި އިސްކޯގެ ދައުރު ބޮޑެވެ. އާޖެންޓިނާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހެޓްރިކް ހެދި އެވެ. ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ވޯލްޑްކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި އިޓަލީ ބަލި ކުރި މެޗުގައި އިސްކޯ ދެ ލަނޑު ޖެހި އެވެ.

ގައުމީ ޓީމުގައި އޭނާގެ ނުފޫޒު ދަނޑުމަތީގައި އޮތް ނަމަވެސް ކުލަބު، ރެއާލް މެޑްރިޑްގައި ގިނައިން އޭނާ ލިބެނީ ބަދަލު ކުޅުންތެރޔެއްގެ ގޮތުގަ އެވެ. އާޖެންޓީނާ މެޗަށް ފަހު، އިސްކޯ ބުނެފައި ވަނީ ގައުމީ ޓީމުގައި އޭނާ އަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށާއި ނަމަވެސް ކުލަބުގައި އެ ހިތްވަރު ނުލިބޭ ކަމަށެވެ.

"ލޮޕެޓެގީ އަހަންނަށް ހިތްވަރު ދޭ އޭނާ އަހަންނަށް އަހަންނަށް ކުޅެން ދޭ ވަގަުތު ތަކުގައި، ފަހަރެއްގައި ވެދާނެ ރެއާލް މެޑްރިޑްގެ މައްސަލަ އަކީ އަހަރެން ކަމަށް، ޒިދާންގެ އިތުބާރު ހޯދާނެ ގޮތެއް އަހަންނަކަށް ނޭންގެ." އިސްކޯ ބުންޏެވެ.

ލޮޕެޓެގީ ވެސް ވަނީ ރެއާލްގައި އިސްކޯ އަށް މަދުން ފުރުސަތު ލިބޭތީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ އިސްކޯ އާ ބެހޭގޮތުން ރެއާލް މެޑްރިޑާ އަދި ޒިދާންއާ ވެސް ވާހަކަ ނުދައްކާނެ ކަމަށެވެ.

"ސަބަބަކީ އިސްކޯގެ ހުނަރު އަހަންނަށް މި ފެނުނީ އަލަކަށް ނޫން، އޭނާ އަކީ އަހަންނަށް އާ ކުޅުންތެރިޔެއް ނޫން، އަހަރެން ހިތްހަމަ ޖެހޭ އޭނާ މި ޓީމުގައި ހުންނާތީ،" އިސްކޯ އާ ބެހޭ ގޮތުން ލޮޕެޓެގީ ބުންޏެވެ. "އަހަރެން އުންމިދު ކުރަނީ ކުރިއަށް އޮތް ދެ މަހު އޭނާ ކުލަބުގައި އުފަލުން ހުންނާނެ ކަމަށް އެއަށްފަހު އޭނާ ވިސްނަން ޖެހޭނީ ވޯލްޑްކަޕަށް."

އިސްކޯ އަށް ރެއާލްގައި ފުރުސަތު ނުލިބޭ ސަބަބަކީ، ރެއާލް އަކީ ޑައިރެކްޓް ފުޓްބޮޅައެއް ކުޅޭ ކުލަބަކަށް ވުމުންނެވެ. އިސްކޯއަކީ މިޑްފީލްޑްގެ ތެރެއިން ބޯޅަ ހޯލްޑްކޮށްގެ ޕާސް އުފައްދައިގެން ކުޅޭ ކުޅުންތެރިޔަކަށް ވުމުންނެވެ. ސްޕެއިންގެ ގައުމީޓީމުގައި ދަމަހައްޓާ އުސޫލަކީ އެއީ އެވެ.