ލައިފްސްޓައިލް

ޑިގްރީއެއް އޮތަސް އަދާނުކުރެވޭނެ ވަޒީފާއެއް ނެތް

ޑިގްރީއެއް ނެގި މީހަކު މަސްކަނޑަން ހުއްޓާ ދުށިން ހެއްޔެވެ. މާރުކޭޓުގެ މޭޒެއްގައި ނުވަތަ ފިހާރައެއްގެ ސޭޓަކަށް ހުއްޓައި ދުށިން ހެއްޔެވެ. އިމާރާތެއް ރޭނުމުގެ މަސައްކަތުގައި ނުވަތަ ބޯޓު ދަތުރުކުރަން ހުއްޓާ ދުށިން ހެއްޔެވެ. ނުވަތަ މި ނޫންވެސް މީހުންގެ ހިތުގައި ދަށު ފަންތީގެ ވަޒީފާކަމަށް ލޭބަލުވެފައިވާ ވަޒީފާއެއް އަދާކުރާތަން ދުށިން ހެއްޔެވެ.

ޑިގްރީ ނަގައިގެން މިފަދަ ވަޒީފާތަކުގެ ގޮތުގައި ނަންވެފައިވާ ވަޒީފާއެއް އަދާކުރުމަކީ "ކަޑަ" ކަމެއްގެ ގޮތުގައި ދެކޭ މީހުން މިއަދު ގިނަ އެވެ. ގިނަ މީހުނަށް ރަނގަޅު ވަޒީފާއަކަށް ވަނީ ޓައީ އަޅާއި ބެގީކޮށްގެން ގޮސް އޮފީހެއްގެ މޭޒުގެ ދޮށުގައި އިންނަ ވަޒީފާ އެވެ. މުޖުތަމައު އިން ނިންމާފައި އޮންނަނީ ޑިގްރީ ހަދައިގެން ނުކުންނަ މީހުންގެ ވަޒީފާއަކީ މިއީ ކަމަށެވެ.

އެކަމަކު މި ޒުވާނާ ބޭނުންވީ މުޖުތަމައުގައި އޮތް މި "ކަޑަ" ހިޔާލު ބަދަލުކޮށްލާށެވެ. ޑިގްރީއެއް ނެގިއަސް އާދަނުކުރެވޭނެ ވަޒީފާއެއް ނޯންނާނެކަން އަންގައިދޭށެވެ.

ޑިގްރީ ނިންމާއި ގްރެޖުއޭޓުވާއިރު އެ ފޮނި މުނާސަބަތުގެ ހަނދާންތައް ސަޅިކޮށްލުމަށް ތަފާތު ކަންކަން ކުރާ ދަރިވަރުން އުޅެ އެވެ. މިވެސް ހަމަ މިގޮތަށް ގްރެޖުއޭޓުވުމުން ތަފާތުކަމެއް ކުރުމަށް މި ޒުވާނާ ކޮށްފައިވާ ކަމެކެވެ. ސަޅިކޮށްލުމަށްވުރެ ބޮޑަށް އަހްމަދު ފަލާހު 24، ބޭނުންވީ މުޖުތަމައުއަށް ރަނގަޅު މެސެޖެއް ފޯރުކޮށްދިނުމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެންމެފަހުން ބޭއްވި ދަސްވެނިވުމުގައި ފަލާހު ވަނީ ބެޗްލާސް ޑިގްރީ އިން ޓޫރިޒަމް މެނޭޖްމަންޓް އެންޑް މާކެޓިން ހާސިލުކޮށްފަ އެވެ. އޭނާ ގުރެޖުއޭޝަންއަށް ނެގި މި ފޮޓޯތަކަކީ މިދިޔަ ހަފްތާ ތެރޭގައި ޝޯޝަލް މީޑިއާގައި އެންމެ އާންމުވި ފޮޓޯތަކެވެ. މިއީ މީގެ ކުރިން ނުފެންނަ އަދި ތަފާތު ފުން މެސެޖުތަކެއް ފޯރުކޮށްދިން ފޮޓޯތަކެކެވެ.

"ތަފާތުކަމެއް ކޮށްލުމަށް ކުރިކަމެއް އަސްލު. އާންމުކޮށް ހުރިހާ މީހުންވެސް ގްރެޖުއޭޝަން ފޮޓޯ ނަގާނީ ބެކްޑްރޮޕެއް ފަހަތުގައި ބަހައްޓައިގެން ނޫނީ އައުޓްޑޯ ރީތި ތަނެއްގަ. އަޅުގަނޑު ބޭނުންވީ އޭގެ ބަދަލުގައި ތަފާތު ކަމެއްކޮށް ރަނގަޅު މެސެޖެއް މުޖުތަމައުއަށް ދޭން." ފަލާހް ބުންޏެވެ.

ފަލާހްއަށް މި ފޮޓޯތައް ނަގާދީފައި ވަނީ މަޝްހޫރު ފޮޓޯގުރާފަރު އަބްދުﷲ އަބީދު އެވެ.

"އަޅުގަނޑު ގުޅީ އަބީދަށް. ގުޅާފަ އޭނަ ކައިރި ބުނީ ގްރެޖުއޭޝަން ފޮޓޯ ނަގަން ބޭނުމޭ ތަފާތު ގޮތަކަށް. ދެން އޭނާ ހިޔާލުތަކަކަށް މަޝްވަރާކޮށްފައި ނިންމީ މިގޮތަށް ފޮޓޯތައް ނެގުމަށް." މާލޭގެ އެކި ސަރަހައްދުތަކުގައި ނަގާފައިވާ އެ ފޮޓޯތަކާއި ބެހޭގޮތުން ފަހާލް ބުންޏެވެ.

"ގްރެޖުއޭޝަން ފޮޓޯ ތަފާތު ގޮތަކަށް ނަގަން ފަލާހު ބުނީމަ އަޅުގަނޑު އެކި ކަހަލަ އައިޑިއާސްތައް ހޯދިން. ދެން ފަލާހު ކައިރި ބުނިން ކެރޭނެހޭ މިގޮތަށް ފޮޓޯ ނަގަން." ފޮޓޯގްރާފަރު އަބީދު ބުންޏެވެ. "ފޮޓޯ ނެގި ތަންތަނުން ފޮޓޯ ނަގާފައި ހުންނާނީ ހުއްދަވެސް ހޯދައިގެން. އެ އެންމެންގެ އެހީތެރިކަމާއެކު މިކަން ކާމިޔާބުވީ."

"އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ޑިގްރީއެއް ނަގައިގެންވެސް ހަމަ ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދެވިދާނޭ. ކޮންމެ ކަހަލަ ވަޒީފާއެއް ވިޔަސް ރަނގަޅު މަންފާއެއް ލިބެންޔާ އެ ވަޒީފާއެއް އަދާނުކުރެވެންވީ ސަބަބެއް ނެތޭ." ފަލާހު ބުންޏެވެ.

"ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންވިޔަސް، އެއީ ބޯޓު ދުއްވުން ކަމުގައި ވިޔަސް ނޫނީ މަސްވެރިކަން ކުރުން ކަމުގައި ވިޔަސް ތައުލީމު އުނގެނުމަކީ މިހާރު ވަރަށް މުހިންމު ކަމެއް. ކޮންމެ ކަމަކަށްވެސް ކެރިގެން ކުރިމަތިލާންވީ."