އޮފްބީޓް

ކަނޑަށް ގެއްލުނު ކެމެރާއެއް ދެ އަހަރުފަހުން ހޯދައިފި

މީގެ ދެ އަހަރުކުރިން ކަނޑަށް ގެއްލުނު ކެމެރާއެއް ހޯދާ އެ ކެމެރާ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ކަނޑަށް ގެއްލުނު މި ކެމެރާ ފެނުނީ ޓައިވާނުގެ ގޮނޑުދޮށަކަށް ލައްވެފައި އޮއްވަ އެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ކެމެރާގެ ވަށައިގެން އޮތީ ގާފޮރި ޖަހައި ކޯއްޗެއްކަން ނޭނގޭ ވަރުވެފަ އެވެ. ނަމަވެސް ކެމެރާއަށް ފެން ނުވަންނަ ކޭސްއެއް އެ ކެމެރާގައި ބޭރުގައި ލާފައި ހުރުމުން އެތެރެއަށް ފެން ނުވަންނާތީ ކެމެރާ ހަމަ ބަރާބަރަށް މަސައްކަތްކުރެ އެވެ.

ކެމެރާ ފެނުނީ ޓައިވާނުގެ އެލެމެންޓަރީ ސުކޫލެއްގެ ދަރިވަރުންތަކަކާއި ޓީޗަރަކު އެ ގޮނޑުދޮށަށް ޒިޔާރަތް ކުރުމުގެ ތެރޭގަ އެވެ. މި ކެމެރާގެ ވެރި ފަރާތް ހޯދުމަށް މި ކުދިން އެ ކެމެރާގެ ފޮޓޯއެއް ޝޯޝަލް މީޑިއާގައި އާންމުކުރި އެވެ. ފޮޓޯ އާންމުކުރިތާ އެއް ދުވަސް ތެރޭގައި ކެމެރާގެ ވެރި ފަރާތް އެނގުނެވެ.

މި ކެމެރާގެ ވެރި ފަރާތަކީ ސެރީނާ ތުސުބަކިހަރާ ކިޔާ ޖަޕާނުގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެކެވެ. އޭނާ އަތުން މި ކެމެރާ ކަނޑަށް ގެއްލިފައި ވަނީ ޓައިވާނާއި 155 މޭލު ދުރުގައި އޮންނަ ޖަޕާނުގެ ރަށެއްކަމަށްވާ އޮކިނާވާގައި ސްކޫބާ ޑައިވިންއަށް ގޮސް އުޅެނިކޮށެވެ. އެއީ ސެޕްޓެމްބަރު 2015 ގަ އެވެ.

ކެމެރާ ފެނުމުން އުފާވެފައިހުރި ސެރީނާ ބުނީ އެ ކެމެރާ ހަވާލުވުމަށާއި އެ ކެމެރާ ހޯދި ދަރިވަރުންނާއި ޓީޗަރާއި ބައްދަލުކޮށް ޝުކުރު އަދާކުރުމަށް އަންނަ ޖޫން މަހު ޓައިވާނަށް ދާނެ ކަމަށެވެ.

ކެމެރާ ހޯދި ދަރިވަރުންނާއި ހަވާލުވެހުރި ޓީޗަރު ޕާކް ލީ ބުނީ އެ ކެމެރާ އެންމެ ފުރަތަމަ ފެނުނީ 11 އަހަރުގެ ކުއްޖަކަށް ކަމަށެވެ. ކެމެރާ ފެނުނުއިރު އޭގެ ވަށައިގެން، ގާފޮރި އާއި ބޮލިޖަހާފައިވާކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ހީކުރީ ކެމެރާ އޮތީ ހަލާކުވެފައި ކަމަށް. ދެން އޭގެ ވަށައިގެން ހުރި އެއްޗެހިތައް ނައްޓާފައި ބެލިއިރު ހަމަ ރަނގަޅު ކެމެރާ. އޭގައި އިން އޯޕަން ސުވިޗަށް ދަރިވަރު ފިއްތާލީމާ ހުޅުވެންވެސް ހުޅުވުން. އެހާ ގިނަ ދުވަސްވެފައި އޮތް އެއްޗެއްގައި ޗާޖު ހުރީމަ ހައިރާންވި."

ސުކޫލަށް އަނބުރާ ދިއުމަށްފަހު ޕާކް އާއި އެ ދަރިވަރުން ނިންމީ އޭގެ ވެރިފަރާތް ހޯދުމަށް ޝޯޝަލް މީޑިއާގައި ފޮޓޯ އާންމުކުރާށެވެ. އެ ކެމެރާގައި ހުރި ފޮޓޯތަކުން އެ ކެމެރާއަކީ ޖަޕާން ނޫނީ ޗައިނާގެ މީހެއްގެ އެއްޗެއްހެން ހީވާތީ އެ މީހުން ކުރި ޕޯސްޓުގައި ޖަޕާނު އަދި ޗައިނާ ބަހުން ލިޔުނެވެ.