ހޮލީވުޑް

"ޑެޑްޕޫލް 2" ގެ ހިންދީ ޓްރެއިލާއަށް ސަމާލުކަން

"ޑެޑްޕޫލް 2" ނިކުންނަން މަހަކަށްވުރެ ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފިލްމުގެ ޓީމުން މި ފިލްމު ހިންދީ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމު ހިންދީ ބަހުން ޑަބްކޮށްގެން އިންޑިއާގައި ދައްކަނީ ފޮކްސް ސްޓާ އިންޑިއާ އިންނެވެ.

މި ޓްރެއިލާ އާންމުކުރިފަހުން މިހާތަނަށް ހަ މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ޓްރެއިލާއަށް އަމާޒުވެފަ އެވެ. ޑެޑްޕޫލް ކަހަލަ މަޖާ ކެރެކްޓާއެއް ހިންދީ ބަހުން ޑަބުކުރުމުން މީހުނަށް އަދި މާބޮޑަށް ވަނީ މަޖާވެފަ އެވެ.

މާވެލް އެންޓަޓެއިންމަންޓު އާއި 20އެތް ސެންޗުރީ ފޮކްސް އަދި ޖޯންރާ ފިލްމްސް ގުޅިިގެން ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

"ޑެޑްޕޫލް 2" ގެ ހިންދީ ޓްރެއިލާ.

އާ ޓްރެއިލާގައި ވަނީ ޑެޑްޕޫލްގެ "އެކްސް-ފޯސް" ދައްކާލަފަ އެވެ. ޑެޑްޕޫލްގެ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައިވެސް އޭނާގެ މަޖާ އަނގަތެޅުން ގަނޑާއި ސަކަރާތް ޖެހުންގަނޑު ފެނިގެންދާނެ އެވެ.

އަންނަ މޭ މަހު 18 ގައި ސިނަމާތަކުގައި ދައްކަން ފަށާ މި ފިލްމުގައި ޑެޑްޕޫލް ނުވަތަ މާކް ވިތް އަ މައުތްގެ ރޯލުން ފެނިގެންދާނީ ހަމަ ރަޔަން ރެނޯލްޑްސް އެވެ.