ޔޫރަޕުގެ އެއާލައިންތައް ކެންސަލް ކުރަމުންދާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، މިހާތަނަށް އެއްވެސް އެއާލައިނެއް ކެންސަލްކޮށްފައި ނެތް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އެއްވެސް އެއާލައިނެއް ކެންސަލް ކުރަން އުޅޭ ކަމަށް މިހާތަނަށް އަންގާފައިވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަކަށް އަދި އެފަދަ އެއްވެސް ކަމެއް އައިސްފައެއް ނެތް. މަދުމަދުން ފްލައިޓް ކެންސަލް ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޔޫރަޕުގެ އެއާލައިންތައް ކެންސަލް ކުރާ އަޑު ފެތުރިގެން ގޮސްފައިވާއިރު، ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް އިއްޔެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ޔޫރަޕުގެ ބޮޑު އެއާލައިންއަކުން ހޫނު މޫސުމުގައި ރާއްޖެއަށް ކުރާ ދަތުރުތައް ސަސްޕެންޑު ކުރާނެ ކަމަށް އަޑުފެތުރިފައިވާ ކަމަށެވެ.
ނަމަވެސް، ފްލައިޓްތައް ހުއްޓާލަނީ ނުވަތަ ކެންސަލް ކުރަނީ ކޮން އެއާލައިނެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެއާފްރާންސުގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
"ކުރިން އެއާފްރާންސް އޮތީ މާޗް މަހު [މިމަހު] ގެ ނިޔަލަށް. ނަމަވެސް މިހާރު އެޕްރީލް މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އެއާލައިންތައް ހުއްޓާލާ ކަމަށް ބުނެ، އަޑުތައް ފެތުރިފައިވާއިރު ކޮންމެ އަހަރެއްގެ ވެސް ޓޫރިޒަމް ސީޒަން ނިމުމުން އާއްމު ގޮތެއްގައި ބައެއް އެއާލައިން ތަކުން ފައިޓްތައް މަދުކޮށް އަދި ދަތުރުތައް މެދުކަނޑާލަ އެވެ. އަދި ޓޫރިޒަމްގެ ސީޒަން ފެށުމާއެކު އެއާލައިންތަކުގެ ދަތުރުތައް ފަށަ އެވެ.
ރާއްޖޭގައި ފެބްރުއަރީ މަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ޓޫރިޒަމްގެ ގިނަ ބުކިންތަކެއް ކެންސަލް ވެގެން ދިޔަ އެވެ. އަދި މި ގެއްލުމުގެ އަސަރު ކުރިއަށް އޮފް ސީޒަންގައި ފެންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް އިސް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން މީހުން އައިސްފައިވެ އެވެ. އަދި މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ.