ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޖަރުމަނުން ރާއްޖެ އަށް ޔޫރޯވިންގްސް ޑިސްކަވާގެ ދަތުރުތައް ފަށައިފި

Apr 25, 2022

ޖަރުމަނު ވިލާތުގެ ފްރެންކްފާޓް އެއާޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޔޫރޯވިންގް ޑިސްކަވާގެ ދަތުރުތައް ފަށައިފި އެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ޔޫރޯވިންގުން ފްރެކްފާޓުން ރާއްޖެއަށް ފެށި މި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ.

މި ފްލައިޓް ރާއްޖެއަށް ފެށުން ފާހަގަކުރަން ވީއައިއޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޔޫރޯވިންގުގެ ފްލައިޓް ރާއްޖެއަށް ޖެއްސުމާ ގުޅިގެން ވޯޓާ ސެލިއުޓެއް ދިނުން އޮތެވެ. އަދި މި ފްލައިޓުން އައި މީހުންނަށް ވަނީ ރާއްޖޭން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ޔޫރޯވިންގް ޑިސްކަވާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ލުފްތަންސާގެ އެއާލައިން އެކެވެ.

ޖަރުމަނުން އާ އެއާލައިންއެއްގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު މި މާކެޓަކީ މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް މާކެޓެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 30 އަށްވުރެ ގިނަ ފްލައިޓް ދަނީ އުދުހެމުންނެވެ. މީގެތެރޭގައި ޔޫރަޕުގެ ގިނަ ފްލައިޓްތައް ވެސް ހިމެނެ އެވެ. އަދި މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ވަނީ މި އަހަރު ރާއްޖެ އައިސްފަ އެވެ.