ބޮލީވުޑް

"ބާޢީ 2"ގެ ޕްރިމިއާ ކާމިޔާބު، "ބާޢީ 3"ވެސް ގެނެސްދެނީ

ޓައިގާ ޝްރޮފް އަދި ދިޝާ ޕަޓަނީ ފެނިގެންދާ ފިލްމު "ބާޢީ 2" ވަނީ އިއްޔެ ޕްރިމިއާކޮށްފަ އެވެ. ޕްރިމިއާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމެއްވެސް ގެނެސްދޭނެ ކަމަށް ފިލްމުގެ ޓީމުން މިހާރު ވަނީ ބުނެފަ އެވެ.

"ބާޢީ 3"ގައި ވެސް ލީޑު ބަތަލްއަކަށް ފެނިގެންދާނީ ޓައިގާ އެވެ. ނަމަވެސް ލީޑު ބަތަލާއަކަށް ދިޝާ ފެނިގެންދާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

"ބާޢީ 3 ގެ ސްކްރިޕްޓް ލިޔަމުން މިދަނީ. ކުރިއަށް އޮތް މަހެއް ހާދުވަސް ތެރޭގައި ފިލްމު ރަސްމީކޮށް އިއުލާންކުރާނަން." މި ފިލްމުގެ ޕްރޮޑިއުސަރު ސާޖިދް ނަޑިއާޑްވާލާ ބުންޏެވެ. "ބާޣީ 2 ގެ ޓްރެއިލާ ނެއްލުމުގެ ކުރިން ތިން ވަނަ ފިލްމެއްގެ މަސައްކަތް ފަށާކަން ފިލްމު ޓީމަށް އަންގާފައި އޮންނާނީ. ބެލުންތެރިންނަށް ބާޢީ 2 ރީތި ވާނެކަން ޔަގީން އަދި ތިން ވަނަ ފިލްމަކަށް ތަރުހީބު ލިބޭނެކަމަށް ބަލަން."

ބާޢީ 2 ސިނަމާގައި ދައްކަން ފެށި ފުރަތަމަ ދުވަހު މިވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މި ފިލްމަށް މިހާރު ވަނީ މިއަހަރު ސިނަމާއަށް އައި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ ބޮޑު އޯޕެނިންގެއް ލިބުނު ފިލްމަށް ވެފަ އެވެ.