ލައިފްސްޓައިލް

ހަފުތާގެ ތެރޭގައި ވައިގައިހިފި ހަބަރުތަކަކީ ކޮބާ؟

ދުނިޔޭގައި އެތައް ކަމެއް ހިނގަމުންދާއިރު ގިނަ ފަހަރަށް ގިނަ މީހުނަށް އުޅެންޖެހިފައި ވަނީ ކޮންމެވެސް ކަހަލަ ހާސްކަމެއްގެ ތެރޭގައި އެވެ. މިވަގުތުތަކުގައި މިހާ ކުޑަކޮށް ހަމަޖެހިލުމަށްޓަކައި ކޮންމެވެސް ކަހަލަ ތަފާތު ވާހަކައެއް ނޫނީ ތަފާތު ކަމެއް ބަލާލަން ބޭނުންވާނެ އެވެ.

ވަގުތު ކޮޅަކަށް ނަމަވެސް މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލާއި ހިތަށް ފިނިކަމެއް ގެނެސްދޭނެ މަޖާ ނުވަތަ ހިތްފަސޭހަ ވާހަކައެއް އަޑުއަހާލަން ބޭނުންވާނެ އެވެ. އެގޮތުން މި ގެނެސްދެނީ ފާއިތުވި ހަފްތާގައި ޝޯޝަލް މީޑިއާގައި އެންމެ ވައިގަހިފި ގިނަ ބަޔަކު ހެއްވާލައި އަދި އުފާކޮށްލި ބައެއް ހަބަރުތަކެވެ.

ޕިއްޒާ ހަޓް މޯލްޑިވްސް ހުޅުވުން

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ އައުޓް ލެޓެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވީ މިދިޔަ ބުދަ ދުވަހު އެވެ. ޕިއްޒާ ހަޓް ރެސްޓޯރެންޓް ހުޅުވާފައިވަނީ މާލޭގެ އަމީނީމަގުގައި ހުންނަ "މާލޭ ސްކޮއާ" ގަ އެވެ.

ޕިއްޒާ ހަޓް އާންމުނަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލިއިރު އެ ރެސްޓޯރަންޓަށް ވަންނަން ހެނދުނު ފެށިގެން ހަދާފައި އޮތް ބޮޑު ކިއު ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމަކަށެވެ. މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް އެ ސަރަހައްދަށް ޖަމާވި އެވެ. ފާއިތުވި ހަފްތާގައި ރާއްޖޭގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކަށް މިކަންވާނެ އެވެ.

މި ހިތްގައިމު ރީތި ފޮޓޯތައް

ޖަޕާނާއި އޭޝިއާގެ ބައެއް ސަރަހައްދުތަކަށް މި ދުވަސްކޮޅަކީ ޗެރީ ބްލޮސަމް ނުވަތަ ޗެރީ މަލުގެ ބަހާރު މޫސުމުގެ ދުވަސްވަރެވެ. ޖަޕަނީޒް ބަހުންނަމަ މިޔައަށް ކިޔަނީ "ސަކުރާ" އެވެ. ސަކުރާ މޫސުމުގެ ހިތްގައިމު ރީތި ފޮޓޯތައް މިހާރު އަންނަނީ މިހާރު އިންޓަނެޓް ފަތަހަ ކުރަމުންނެވެ.

ކުރެހުމެއް ނޫން، ހަމަ އަސްލު ސްނޯ

މި ފޮޓޯ ނަގާފައި ވަނީ މިިދިޔަ ޖެނުއަރީ މަހު އެވެ. މި ފޮޓޯއަކީ އެމެރިކާ ސްޓޭޓެއް ކަމަށްވާ ވޯޝިންގްޓަންގެ ސިޓީ، ސީޓަލްސްގެ ފޮޓޯގުރާފަރަކު ނަގާފައިވާ ފޮޓޯއެކެވެ. ފޮޓޯ އިން ފެންނަނީ ސީޓަލްގެ ދެކުނުގައި އޮންނަ މައުންޓް ރެއިނާ ނޭޝަލް ޕާކް އެވެ. މި ފޮޓޯ ވައިގައިހިފީ މީގެ ތިން ދުވަސްކުރިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް އިންޓީރިއާއިން މި ފޮޓޯ އިންސްޓަގުރާމްގައި އާންމުކުރި ހިސާބުންނެވެ.

ފެންނަގޮތުން ހީވާނީ މިއީ ކުރަހާފައިވާ މަންޒަރެއް ހެނެވެ. އެކަމަކު މިއީ ކުރަހާފައިވާ މަންޒަރެއް ނޫނެވެ. ސްނޯތައް އެގޮތަށް ހުންނަތަން އެ ފެންނަނީ ސްނޯތަކުގެ މައްޗަށް ވާރޭ ވެހިފައި ހުރުމުންނެވެ.

މީގެ 131 އަހަރު ކުރީގެ މެސެޖެއް އޮތް ފުޅިއެއް

މި ފުޅި ލައްގާފައި އޮއްވާ ފެނުނީ ދެކުނު އޮސްޓްރޯލިއާގެ ގޮނޑުދޮށަކުންނެވެ. ކުރީ ޒަމާނުގައި އެކި ކަހަލަ މެސެޖުތައް ލިއުމަށްފަހު ފުޅިއަކަށްލާ ކަނޑަށް ދޫކޮށްލާ ވާހަކައަކީ އަބަދުމެހެން އިވޭ ވާހަކަތަކެކެވެ. ފަހަރުގައި މިއީ އެގޮތަށް ކަނޑަށް ދޫކޮށްލި މެސެޖު ފުޅިތަކުގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ މެސެޖު އޮތް ފުޅިއަށް ވެދާނެ އެވެ.

އެ ފުޅީގައި އޮތް ކަރުދާސްކޮޅުގައި ފުޅި އެއްލާލީ ކޮންއިރަކު ކޮންތާކުންކަންވެސް ލިޔެފައިވެ އެވެ. ދެކުނު އޮސްޓްރޭލިއާގެ ދާރުލްއާސާރުން ބުނީ އެ ފުޅިއަކީ މީގެ 131 އަހަރު ކުރިން 19 ވަނަ ގަރުގައި ކަނޑަށް ދޫކޮށްލާފައިވާ ފުޅިއެއް ކަމަށެވެ. އެ ފުޅި ކަނޑަށް ދޫކޮށްލީ ޕޯލް ކިޔާ ޖަރުމަނުގެ އުޅަދަކުންނެވެ. އެމީހުން އެ ފުޅި ކަނޑަށް ދޫކޮށްލީ ކަނޑުގެ އޮއެވަރު ބަދަލުވާގޮތް ތަހުލީލުކުރުމަށް ކަމަށްވެ އެވެ.

މި ފުޅީގައި އޮތް ކަރުދާސްކޮޅުގައި ލިޔެފައި އޮތް ވާހަކައަކީ ތެދަކަށްވާނަމަ އެ ފުޅި ކަނޑަށް ދޫކޮށްލިއިރު އެމެރިކާގެ ވެރިކަމުގައި ހުންނާނީ ގްރޯވާ ކްލިވްލެންޑް އެވެ. އެއީ ދުނިޔޭގެ އިންޑަސްޓްރިއަލް ރިވޮލިއުޝަން ފެށުނު ހިސާބެވެ.

އިހުގެ ދިވެހި ކެބިން ކްރޫއިން

މިއީ ޓުވިޓާގައި ފާއިތުވި ހަފްތާގައި ގިނަ ބައެއް ސަމާލުކަން ލިބުނު ފޮޓޯއެކެވެ. މީހަކު ޕޯސްޓުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ ރާއްޖޭގެ ފުރަތަމަ ގައުމީ އެއާލައިން "އެއާ މޯލްޑިވްސް"ގެ ކެބިން ކްރޫ އިންތަކެކެވެ. ގިނަ ބަޔަކު ޓުވިޓާގައި ވަނީ މި ފޮޓޯ ރިޓްވީޓްކޮށްފަ އެވެ.

އެންމެ ގިނަ ބައެއް ސަމާލުކަން ހުއްޓުވީ މި ކެބިން ކްރޫއިންގެ ޔުނީފޯމަށެވެ. އެ ދިވެހި އަންހެނުން ތިބީ ދިވެހި ވަންތަ ނަލަ ލިބާހުގަ އެވެ.