ކުޅިވަރު

"ފަހަތުގައި އޮތުން ވިކްޓަރީއަށް ހައްގެއް ނޫން"

ފުޓްބޯޅައިގައި މާ ފަހަތުގައި އޮތުން ވިކްޓަރީ ސްޕޯޓްސް ކުލަބަށް ހައްގު ނުވާ ކަމަށާއި، ވިކްޓަރީ ކުރިން އޮތް މާގަމަށް ގެންގޮސް ދޭނެ ކަމަށް އެކުލަބުގެ ޗެއާމަން ކަމާ ހަވާލުވި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއް ޖެއެވެ.

މީގެ ކުރިންވެސް ވިކްޓަރީގެ ޗެޢާމަންކަން ދުވަސް ކޮޅެއް ވަންދެން ފުރުއްވި، މުހައްމަދު އިސްމާއީލް ވިދާޅުވީ ކުރިން ވިކްޓަރީ ހޯދާފައިވާ ކާމިޔާބު އަލުން ތަކުރާރު ކުރުމަށް އޭނާގެ ބޯޑުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވިކްޓަރީގެ ސަޕޯޓަރުންގެ ބައިވެރިވުން ހޯދައިގެން، ކުޅުންތެރިންނާއި މެނޭޖެމެންޓުން އަޅުގަނޑުމެން މަސައްކަތް ކުރާނަން ވިކްޓާރީ ހޯދާފައިވާ ތަށިތަކުގެ ތެރެއަށް އިތުރު ތަށިތައް ހޯދުމަށް."

އޭނާގެ ވައިސް ޗެއާމަނުންގެ ގޮތުގައި ތިއްބެވީ، ކުރީގެ ޗެއާމަން އިބްރާހިމް ނަޒީމް އާއި ރައްޔިތުންގެ މަޖިޅިހުގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ. އާރިފް ވިދާޅުވީ، އޭނާ އަކީ ވިކްޓަރީގެ ނިސްބަތްވާ އަވަށުގައި އުޅެ ބޮޑުވީ މީހެއް ކަމަށާއި އެހެންވެ ވިކްޓާރީގެ ހަރަކާތްތައް ވަރަށް ގާތުން އޭނާ އަށް ފެނިފައިވާ ކަމަށެވެ. މިހާރުވެސް ދަނޑަށް ނުދެވުނަސް ވިކްޓާރީ ކުޅޭ މެޗުތަކުގެ ނަތީޖާ ގަވާއިދުން ބަލާ ހަދާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މި ކުލަބަކީ ހިދުމަތްތެރި ކުލަބެއް މި ދިވެހިރާއްޖޭގެ ތާރީހްގައި، ކުޅިވަރުގެ ތާރީހްގައި، އެހެންވީމަ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން ކުރިއަށް އޮތްތާންގައި މަސައްކަތް ކޮށްގެން، މި ކުލަބަކީ ކާމިޔާބު ހޯދާނެ ކުލަބަކަށް ހަދާނަން، އަޅުގަނޑުމެން މި އައީ މި ކުލަބަށް ހިދުމަތެއް ކުރަން." އަލީ އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ޓީމަށްވެސް ވިކްޓަރީގެ ގިނަ އަދަދެއްގެ ކުޅުންތެރިން ފެނުމަކީ އޭނާގެ ބޯޑުގެ އަމާޒެއް ކަމަށާއި ކުޅުންތެރިންނަށް އިނާޔަތް ދިނުމުގައި އެކުޅުންތެރިން ދައްކާ ޕޯފޯމަންސަށް ރިއާޔަތް ކުރާނެ ކަަމަށެވެ.

ވިކްޓަރީގެ ބޯޑަށް، އެކުލަބުގެ ކުރީގެ ހިދުމަތްތެރި ބޭފުޅުންގެ އާއިލާއަށް ނިސްބަތްވާ ބޭފުޅުން ވަނީ ބޯޑުގައި ހިމަނާފަ އެވެ. އެގޮތުން ވިކްޓަރީގެ ބާނީ މަރުހޫމް (މައިނާ) އިބްރާހިމް ރަޝީދުގެ އާއިލާ މެންބަރަކާއި، ރިނބިދޫ އަހްމަދު ނާސިރު އާއި ވިކްޓަރީގެ ކުރީގެ ޗެއާމަން ޕެރިސް ނަސީމުގެ ބޭފުޅުން ވަނީ ބޮޑަށް އިންތިހާބު ކޮށްފަ އެވެ.

ވިކްޓަރީގެ ޗެއާމަން ކަން އެންމެ ފުރަތަމަ މުހައްމަދު އިސްމާއީލް ކަމަށް އިންތިހާބު ކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް އެ އިންތިހަބު ބޭއްވީ، ވިކްޓަރީ ހިންގަވަން ތިބި ނައިބުރައީސުންނަށް ނޭންގި ކަމަށް ބުނެ ހޯމް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުން، ހޯމް މިނިސްޓްރީން ވިކްޓަރީގެ ޗެއާމަން ހޮވި އިންތިހާބު ބާތިލު ކުރި އެވެ.