ކުޅިވަރު

ތަފާތު ކޮމްބިނޭޝަނެއް، ނިޒާމް އަށް ބޮޑު އުފަލެއް

ދެހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ޓީސީ ވާދަ ކުރަން ނިކުމެ، ޓީސީގެ ކޯޗު މުހައްމަދު ނިޒާމު ބުނީ ވާހަކައެއް އެބައޮތެވެ.

"ޓީސީގެ ސަބަބުން ގައުމީ ޓީމަށްވެސް ފައިދާ ވާނެ" ޕްރެސް ކޮންފަރެންސެއްގައި ވާޙަކަ ދައްކަމުން ބުނެފައި ވެއެވެ.

މީގެ ތިން އަހަރު ކުރިން، ނިޒާމު ބުނި ވާހަކަ، ލޯ ކުރިމައްޗަށް ހާމައަށް މިއޮތީ ފެންނާށެވެ. ބޫޓާނާ ދެކޮޅަށް ކުޅު މެޗަކީ، މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭ، ރާއްޖެއަށް އެ ގައުމާ ދެކޮޅަށް ލިބުނު އެންމެ ބޮޑު މޮޅެވެ. މެޗުގައި ރާއްޖެއިން ޖެހި ހަތް ލަނޑުވެސް ޖަހާފައި ވަނީ ޒުވާން ކުޅުންތެރިންނެވެ. ފުޓްބޯޅައިގައި މާދަމާ އެންމެ ސީނިއާ ކުޅުންތެރިންނަށް ވާން ތިބޭނެ ކުޅުންތެރިންނަކީ އެއީ އެވެ.

އެ މެޗުގައި އެންމެ ބޮޑު ތަފާތަކަށްވީ ތިން ކުޅުންތެރިންގެ މައްޗަށް އުފެއްދި ކޮމްބިނޭޝަނުން ޓީމުގެ އެންމެ ކުރި ލީޑް ކުރުމެވެ. ހެޓްރިކް ހެދި ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު (އިއްބެ) އާއި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ފައްކާކޮށް ދިވެހި ފުޓްބޯޅައަށް ތާރަފު ކޮށްދިން މާސްޓާމައިންޑަކީ ޓީސީގެ ކޯޗު ނިޒާމު އެވެ.

ޓީސީގައި އޭނާ ފައްކާކުރި މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ގައުމީ ޓީމުގައި ތަރުތީބު ވެގެން ދިޔައީ މާ ފުރިހަމަ އަށެވެ. ބޫޓާން މެޗުގައި އިއްބެ އާއި ދާދު ލަނޑު ކާމިޔާބު ކުރިިއިރު، ހަބޭސް އިއްބެ ވަނީ ލަނޑު ޖަހަން ދެ ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ. ނިޒާމަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު އެ ތިން ކުޅުންތެރިން އެކުގައި ދެއްކި ޕާފޯމަންސް، ދާދުވެސް މެޗު ނިންމާފައި އައިސް ބައްދަލު ކޮށް އެކަން ފާހަގަ ކުރި،" ނިޒާމް ކިޔައިދިނެވެ. "ހިތްހަމަ ޖެހެނީ ކުޅުންތެރިން އަމިއްލައަށްވެސް އެކަން ފާހަގަ ކުރާތީ."

ނާއިޒް ހަސަން (ދާދު) ހެޓްރިކް ހަދައި ގައުމީ ޓީމަށް ހަ ވަނަ ހެޓްރިކް ހެދި ކުޅުންތެރިޔަކަށް އޭނާ ވި އެވެ. އެ މެޗުގައި އޭނާ ޖެހި ހަތަރު ލަނޑުން ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީމަށް ހަތަރު ލަނޑު ޖެހި ދެ ވަނަ ކުޅުންތެރިޔަކަށް އޭނާ ވި އެވެ.

ގައުމީ ޓީމަށް ހެޓްރިކު ހެދި ކުޅުންތެރިން

  • އަލީ ޝިހާމް (ހުރާ އައްޔަ)
  • އަލީ އަޝްފާގް (ދަގަނޑޭ)
  • އިބްރާހިމް ފަޒީލް (އޮއްޕޮ)
  • އަހްމަދު ތޯރިގް (ޓޮމް)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • ހަސަން ނާއިޒު (ދާދު)

ގައުމީ ފުޓްބޯޅަ ދަނޑުގައި ގައުމީ ޓީމަށް ހަތަރު ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަކީ އަޝްފާގް (ދަގަނޑޭ) އެވެ. އޭނާ ވަނީ 2003 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މޮންގޯލިއާ ދެކޮޅަށް ހަތަރު ލަނޑު ޖަހާފަ އެވެ. އެ މެޗު ގައުމީ ޓީމު މޮޅުވީ 12-0 ން ނެވެ.

ދެ އިއްބެ އާއި ދާދުގެ ހިމެނޭ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން އާ ބެހޭގޮތުން އޭނާގެ ފޭސްބުކުގައި އިއްބެ ބުނެފައި ވަނީ މިހެންނެވެ. "އަހަރެމެންނަކީ މާ ފުރިހަމަ ބައެއް ނޫން، ނަމަވެސް އަހަރެމެން ކޮމިބިނޭޝަން ވަރަށް ފުރިހަމަ ވާނެ." އިއްބެގެ ސިފަކުރުން ރަނގަޅެވެ. ޓީސީ އުފެދިގެން އައި މި ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ފުރިހަމަ އެވެ.

މި ސީޒަންގައި ވަރަށް ގިނައިން އަޑު އިވޭ ވާހަކަ އެވެ. އާ ކުޅުންތެރިން އުފައްދައި ގައުމީ ޓީމަށް ނެރެދެނީ ކޮން ކޯޗެއް ހެއްޔެވެ. މި ސުވާލު އެންމެ ގިނައިން އުފެއްދީ ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒޭން އެވެ. މި ސީޒަްނަގއި ދެ ފަހަރެއްގެ މަތިން އޭނާ ސުވާލު އުފައްދައި ވާހަކަ ދައްކައިފި އެވެ. އާ ކުޅުންތެރިންނަށް ފުރުސަތުދީ ގައުމީ ޓީމަށް ނެރެދިނީމޭ ބުނާ ކޯޗުންނަށް ނިޒާމު ދޭނެ ޖަވާބެއް ނެތެވެ.

"އެއްގޮތަކަށްވެސް ކްލޭމް ކުރާކަށް ބޭނުމެއް ނޫން އާ ކުޅުންތެރިން އުފައްދައި ގައުމީ ޓީމަށް ނެރެދިނީމޭ ބުނާކަށް، އަޅުގަނޑުގެ މަސައްކަތަށް ވުރެ އެއީ އެ ކުޅުންތެރިން ކުރި ބުރަ މަސައްކަތް،" ނިޒާމު ބުންޏެވެ. އޭނާގެ އޮތީ އަދިވެސް މެސެޖެކެވެ.

"ޓީސީގައި މިހާރު އެބަތިބި ޒުވާން ދެ ކުޅުންތެރިން އަޅުގަނޑަށް ވަރަށް ބޮޑަށް އުންމިދު ކުރެވޭ މި ދެކުޅުންތެރިން ކުރިއަށް އޮތްތަނުގައި ގައުމީ ޓީމުގައި ތަފާތު ދައްކާނެ ކަމަށް."

ޓީސީ ދޫކޮށް، ދާދު މާޒިޔާއަށް ބަދަލުވި ނަމަވެސް ނިޒާމު ބައްޓަން ކުރި އެ ކޮމްބިނޭޝަނަކީ ގައުމީ ޓީމުގައި ވިދުން ގަދަ ވާނެ ތިން ކުޅުންތެރިންނަށް ވާނެ ކަމަށް ބޮޑު އުންމީދެއް ކުރެވެއެވެ.