ހަބަރު

ނަދާލްގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނިފައިވޭ: ޕޮލިސް

މއ. ބޭރުމަތީގޭގެ ފްލޯއަކުން މަގުމައްޗަށް ވެއްޓި މަރުވި ހ. ދޫހިމެރިގޭ ނަދާލް ރަޝީދުގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު ހިނގި އެ ހާދިސާގައި ނަދާލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. އެ ހާދިސާގައި އޭނާގެ ބޮލުގެ ދެ ތަނަކުން ފަޅައިގެން ގޮސްފައިވެ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް އިސްމާއިލް ޝަތީހު ވިދާޅުވީ ނަދާލްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްސްތައް ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ އަސަރު އޭނާގެ ހަށިގަނޑުން ފެނިފައިވާ ކަމަށް ޝަތީހު ވިދާޅުވި އެވެ. ނަމަވެސް އެއީ އަމިއްލައަށް ނުވަތަ މީހެއްގެ ފަރާތުން ހިނގާފައިވާ ކަމެއް ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނަދާލްގެ ބްލަޑް ސާމްޕަލް ޓެސްޓް ކުރިއިރު ކެނަބިސްގެ ބާވަތަކަށް ޕޮޒިޓިވްވެފައިވަނީ، އެއީ 95 އެންޖީ ޕާ މިލި ލީޓާ." ޝަތީހު ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވި ގޮތުގައި ނަދާލް އެރޭ އުޅުނު ކަމަށް ބުނާ އެޕާޓްމެންޓް ފުލުހުން ފާސް ކުރުމުގެ ކުރިން ވަގުތުތަކެއް ހޭދަވި ކަމަށާއި އެތަން ފާސް ކުރިއިރު މަސްތުވާތަކެއްޗާ ގުޅުންހުރި އެއްވެސް އެއްޗެއް އެތަނުން ފެނިފައިނުވާ ކަމަށެވެ. ނަމަވެސް އެތަނުގައި އެރޭ އުޅުނު މީހުންގެ ޔޫރިން ޓެސްޓްކޮށްފައިވާ ކަމަށާއި އޭގެ ދާއިމީ ނަތީޖާ މިހާތަނަށް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެފަދަ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކުރަން އެދޭ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.