ހަބަރު

މަޖިލިސް ހިސޯރުކުރުމަކީ ގައުމަށްވާ އެންމެ ބޮޑު ހިޔާނާތް: ޝާހިދު

ރައްޔިތުންނަށް ރައީސް އަބުދުުﷲ ޔާމީން އަބުދުލްގައްޔޫމް ވެވަޑައިގަންނަވާ އެންމެ ބޮޑު އެއް ހިޔާނާތަކީ ރައްޔިތުން ހޮވާފައިވާ މެންބަރުން އެ މަޖިލީހަށް ނުވަދެވޭ ގޮތަށް ހިފެހެއްޓުން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުން ހޮވާފައި، މަޖިލީހަށް ފޮނުވާފައިވާ މެންބަރުންގެ އަޑެއް ނެތި މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވާ ކަމަށާއި އެކަމަކީ އިންސާނީ ބުއްދިއާ ބައިނަލް އަގުވާމީ އުސޫލުތަކުން ގަބޫލު ކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީން ގަބޫލު ކުރައްވަން ޖެހޭނެ އެއް ހަގީގަތަކީ މަޖިލީހުގައި ތަޅުއަޅުވައިގެން ރާއްޖެ އޮބިއެއް ނުބެހެއްޓޭނެ ކަމަށާއި ރައީސް ޔާމީންގައި އެ ހިތްވަރެއްނެތް ކަމަށެވެ. ހަމަ އެކަނި ހުރީ އަނިޔާވެރިކަން އެކަނި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައީސް ޔާމީންނަށް އެ ބާރަ މެންބަރުންގެ ދާއިރާގެ ރައްޔިތުން ގޮވަމުންދަނީ ކޮބާހޭ އެބޭފުޅުންގެ އަޑު، ރައީސް ޔާމީން ތި ހުންނަވަނީ އަޅުގަނޑުމެންގެ އަޑުގައި ހިފަހައްޓައިގެންނޭ، ތިމަންނަމެންގެ އަޑެއް މިހާރު މަޖިލީހަކު ނެތޭ، މިއަހަރުގެ ބަޖެޓް ފާސްކޮށްފައި އެވަނީ، ހއ. ދިއްދީ ދާއިރާގެ އަޑެއް ނެތި، އިހަވަންދޫ ދާއިރާގެ އަޑެއްނެތި، ގއ. ވިލިނގިލި، ތިނަދޫގެ ދެ ގޮނޑި، ތިމަރަފުށި ވެސް، އެއްވެސް ދިމާލެއްގެ އަޑެއްނެތި އެކަން އެކުރައްވަނީ، ޓެކްސް ނަގަނީ ޑިއުޓީ ނަގަނީ، ކޮބާތޯ ކޮންމެ ދާއިރާއެއްގެ ފަސްހާސް ރައްޔިތުންގެ އަޑު، މިއީ އިންސާނީ ބުއްދި ގަބޫލުކުރާނެ ކަމެއްވެސް ނޫން، އަދި ބައިނަލް އަގުވާމީ އުސޫލު ގަބޫލު ކުރާނެ ކަމެއްވެސް ނޫން، ރާއްޖޭގެ ގާނޫނު އަސާސީ ގަބޫލު ކުރާނެ ކަމެއް ވެސް ނޫން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީން ހުއްޓުވާނެ ކަމަށެވެ. ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މިކަން ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ރައީސްގެ އިތުބާރުނެތް މައްސަލައިގެ ވޯޓް ނެގޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށާއި އެބޭފުޅުންނާއެކު ރައްޔިތުން މަޖިލީހަށް ވަދެ ގައުމު ހަމަ މަގަށް އަޅުވާނެ ކަމަށެވެ.

"ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް ނުކުރާނަން، އެ ޔަގީންކަން އޮތީމަ ރައްޔިތުން އަޅުގަނޑުމެންނާއެކު ތިއްބެވީ، ރައީސް ޔާމީން ހުއްޓުވާނަން، ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މިއަދު ދިވެހި ރާއްޖެއަކީ އެންމެ އަނިޔާވެރި، އެންމެ ގިނައިން ވައްކަންކޮށް، ހަބަރު ފަތުރާ ވަސީލަތްތަކަށް ބިރުދައްކާ މީހުން ހައްޔަރު ކުރާ އަދި މަގުމައްޗަށް މީހުން މަރާ ވައްޓާލާ އެއް ގައުމު ކަމަށެވެ. އަދި ވިދާޅުވީ، މި ގައުމުގެ އަގު ބައިނަލް އަގުވާމީ ދުނިޔޭގައި މިދަރަޖައަށް ވާއްޓާލުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭ ކަމަށެވެ.

"މިއަދު ދިވެހި ރާއްޖެއަކީ އެންމެ އަނިޔާވެރި، އެންމެ ގިނަ ވައްކަން ކުރާ، އެންމެ ފަސާދަ ގިނަ، އެންމެ ގިނަ އަދަދަކަށް އެގައުމެއްގެ ހަބަރު ފަތުރާ ވަސީލަތްތަކަށް ބިރުދައްކާ، މީހުން ހައްޔަރު ކުރާ އަދި މަގުމައްޗަށް މީހުން މަރާ ވައްޓާލައެއް ގައުމު، ފޮރުވައިގެން މިއަދު ނުތިބެވޭނެ، އެއީ މި ސަރުކާރަށް ނުކުރެވިގެން އުޅޭ ކަންތައް، ދުނިޔެއަށް އެބަ އިނގޭ މި ސަރުކާރުގެ އަނިޔާވެރިކަން، ރާއްޖޭގެ ރީތި ފޮޓޯ ކިތަންމެ ވަރަކަށް ދައްކަން އުޅުނު އެކަން ގަބޫލެއް ނުކުރޭ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިގޮތަށް ވިދާޅުވެފައިވާއިރު، ރައްޔިތުން މަޖިލީހުގެ އިދިކޮޅު ފަސް މެންބަރަކު މިހާރުވެސް ތިއްބެވީ މާފުށީ ޖަލުގައި އެވެ. އެ މެންބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އެމެންބަރުން ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައްވެސް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށް ސުޕްރީމް ކޯޓުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބުނެފައި ވެއެވެ.