ހޮލީވުޑް

ބިޔޯންސޭ ކޮލުގައި ދަތް އެޅީ ކާކު؟

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ކޮލުގައި މީހަކު ދަތް އެޅި ވާހަކައަކީ މިހާރު ހޮލީވުޑްގައި އެންމެ ގަދައަށް ދެކެވެމުންދާ ވާހަކަ އެވެ.

ބިޔޯންސޭގެ ކޮލުގައި ދަތް އަޅާފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ގިނަ ހޮލީވުޑްގެ ތަރިންނާއެކު ބޭއްވި ވީއަޕީ ޕާޓީއެއްގެ ތެރެއިންނެވެ. ހޮލީވުޑްގެ ނޫސްތައް މިހާރު ބުނާގޮތުގައި ބިޔޯންސޭގެ ކޮލުގައި އެ ރޭ ދަތްއެޅީ މަޝްހޫރު އެކްޓްރެސް ސަނާ ލޭތަން އެވެ.

ޕޭޖް ސިކްސްއާއި ހަވާލާދީ ހޮލީވުޑް ރިޕޯޓާއިން ބުނެފައިވާ ގޮތުގައި ބިޔޯންސޭގެ ކޮލުގައި ދަތްއެޅި މީހަކީ ސަނާކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

"އެކި ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި ސަނާ ޕާޓީގެ ތެރެއިން ބެކްސްޓޭޖަށް ގޮށްސަ ބިޔޯންސޭގެ ފިރިމީހާ ޖޭޒްއާއި ވާހަކަދައްކަން ހުއްޓޭ. ނަމަވެސް އެ ވަގުތު އެތަނަށް ބިޔޯންސޭ އައުމުން ސަނާ ލޯބިން އޭނާގެ ކޮލުގައި ދަތް އެޅި." ޕޭޖް ސިކްސްގެ އެހެން ރިޕޯޓެއްގައި ލިޔެފައިވެ އެވެ.

މި ހަބަރު ކަށަވަރުވިފަހުން "ލަވް އެންޑް ބާސްކެޓްބޯލް" ގެ އެކްޓްރެސް ސަނާ އެއްވެސް އެއްޗެއް އަދި މިހާތަނަށް ބުނެފައި ނުވާ ނަމަވެސް މީގެ ކުރިން އޭނާގެ މައްޗަށް މި ތުހުމަތު އައުމުން ސަނާ ވަނީ ތުހުމަތަށް އިންކާރުކޮށް ޓުވީޓުކޮށްފަ އެވެ.

ސަނާ ކޮށްފައިވާ ޓުވީޓް.

ފެޝަން މެގަޒިން ޖޭކިއުއަށް މަޝްހޫރު އެކްޓްރެސް ޓިފެނީ ހަދީޝް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ޕާޓީގައި އުޅުނު އެކްޓްރެސްއެއް ބިޔޯންސޭގެ ކޮލުގައި ދަތްއެޅި ކަމަށެވެ. ނަމަވެސް އެއީ ކާކު ކަމެއް ޓިފެނީ ބުނެފައެއް ނުވެ އެވެ.

"ޕާޓީގައި އުޅުނު އެކްޓްރެސްއެއް ބިޔޯންސޭގެ ކޮލުގައި ދަތްއެޅި. އޭނާ އެވާހަކަ ފިރިމީހާ ޖޭޒް ކައިރިވެސް ބުނި." ޓިފެނީ ބުންޏެވެ. "އަހަރެން ރުޅި އައިސްގެން އެ އެކްޓްރެސްއާއި ދިމާކުރަން އުޅުނިން. އެކަމަކު ބިޔޯންސޭ އަހަރެން ހިފެހެއްޓީ. ބިޔޯންސޭ ބުނީ އެ އެކްޓްރެސް ހުރީ ރާ ބޮއެގެން ހަމަހޭގައި ނޫން ކަމަށް."

ބިޔޯންސޭ ކޮލުގައި ދަތްއެޅިކަމަށް އެހެން ގިނަ އެކްޓްރެސްއިން ތަކެއްގެ މައްޗަށްވެސް ޝޯޝަލް މީޑިއާގައި ތުހުމަތުކުރެވުނެވެ. އެތަރިންގެ ތެރޭގައި ޖެނިފާ ލޯރެންސް، ޖެނިފާ އެނިސްޓެން، ނެޓަލީ ޕޯޓްމަން އަދި ލީނާ ޑަނަމް ހިމެނެ އެވެ.