ކުޅިވަރު

ބާސާ ސަލާމަތްކުރީ މެސީ، ރޮނާލްޑޯ ނުލައި ރެއާލަށް މޮޅެއް

ސެވިއްޔާ އަތުން 2-1 ބާސެލޯނާ ބަލިވާން ދަނިކޮށް، މެސީ އެންމެ ފަހު ކޮޅު ޖެހި ލަނޑާއެކު ބަލި ނުވެ ބާސާ ސަލަމަތް ވެއްޖެ އެވެ.

ރޮނާލްޑޯ ނުލައި ލަސް ޕަލަމްސްއާ ދެކޮލަށް ކުޅުނު މެޗު، ރެއާލް މެދްރިޑް ކާމިޔާބު ކުރީ 3-0 ންނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގައި، ދެ ލަނޑުގެ ލީޑެއް ބާސާގެ މައްޗަށް އެ ޓީމުން ހޯދި އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ފްރެންކޯ ވަޒްކްއޭޒް އާއި ލުއިސް މުރިއެލް އެވެ. އުސްމާން ޑެމްބެލޭގެ ބަދަލުގައި މެސީ ކުޅެން ނިކުތީ، މެޗުގެ 85 ވަނަ މިނެޓްގަ އެވެ.

ބާސާގެ ފުރަތަމަ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ. ޖެހިގެން އައި މިނެޓްގައި މެސީ ލަނޑު ޖެހީ އޭރިއާ ބޭރުން ލިބުނު ބޯޅަ ބާރު އުންޑައެއް ހެން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ސީޒަންގައި، ސްޕެނިޝް ލީގްގައި މިހާތަނަށް ބާސާ އެއްވެސް މެޗަކުން ބަލި ވެފައެއް ނުވެ އެވެ.

ލަސްޕަލަމްސް އާ ދެކޮޅަށް، ކުޅުނު މެޗު އެންމެ ހާއްސަވީ، ކަރީމް ބެންޒެމާ އަށެވެ. އެ މެޗަކީ ރެއާލް އަށް އޭނާ ކުޅެދިން 400 ވަނަ މެޗެވެ. މެޗުގައި ކެޕްޓަން ބޭންޑް އެޅީވެސް އޭނާ އެވެ.

އޭނާ އަށް ކެޕްޓަން ބޭންޑު އަޅަން ފުރުސަތު ލިބުނީ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ވައިސް ކެޕްޓަން މާސެލޯގެ އިތުރުން ރޮނާލްޑޯވެސް މެޗުގައި ނުކުޅޭތީ އެވެ. ރެއާލްގައި ތިން ވަނަ ކެޕްޓަނަކީ ރޮނާލްޑޯ އެވެ.

ރެއާލުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުތަކެވެ.

ފުރަތަމަ ލަނޑު ގެރެތު ބޭލް ކާމިޔާބު ކުރި 26 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހީ ލުކަ މޮޑްރިޗް ދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު 39 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކުރީ ބެންޒެމާ އެވެ. މެޗުގެ 51 ވަނަ މިނެޓްގައި ރެއާލް އަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބު ކުރީ ބޭލް އެވެ.

ބާސެލޯނާ އާއި ރެއާލް އާ ދެމެދު އޮތީ 13 ޕޮއިންޓްގެ ތަފާތެވެ.