ވާހަކަ

ބުނެދޭށޭރުހެމޭ

(29 މާރިޗު 2018 އާ ގުޅޭ) -- "އޭނާގެ ވާހަކަ ނުދައްކަފާނަންތަ؟ މިރޭގެ މޫޑު ހަރާބު ތިކޮއްލަނީ ކީފާ އަމިއްލައަށް އިނގޭ" އަރްސަލް މޫނު ހަދާލަމުން ބުނެލިއެވެ.

"ސޮރީ..." ކީފާ އިހުނަށްވުރެ ގާތްވެލުމާއެކު އަރްސަލްގެ މުލައްދަނޑީގައި ދެއަތުން ހިފާލާ މަޑުމަޑުން ބާރުކޮއްލިއެވެ.

"އާ ޔޫ ރިއަލީ ސޮރީ" އަރްސަލް އެހެން ބުނެލީ ކޮންމާނައެއްގައި ކަމެއް ނޭނގުނެވެ. މަޑުމަޑުން ކީފާގެ އަތުގެ ތެރެއިން އަރްސަލްގެ އަތް ދުރަށް ލަމުން އޭނާ އެނބުރި އައިސް ސޯފާގައި އިށީނެވެ. ކީފާ އައިސް އަރްސަލްގެ ގާތުގައި އިށީނުމާއެކު އޭނާ ތެދުވިއެވެ. އަދި ވަކިން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި އަރްސަލް އައިސް އިށީނެވެ. އޭނާގެ ހަރަކާތްތަކަށް ކީފާ ބަލަން އިނެވެ. އިށީނދެ އިން ދިގު ސޯފާގެ ކޮޅަށް ކީފާ ޖެހިލީ އަރްސަލް އިށީނދެ އިން ގޮނޑިއާ ކައިރިވެލާށެވެ. ގޮނޑީގައި ހަމަޖެހިލާ ކަނާތުފައި ވައަތުފައިގައި އަޅުވާލާ ކީފާ ހަމަޖެހިލިއެވެ.

"ކިހިނެއްވީ؟" ކީފާ މާވަރަކަށް ބަލާކަން ފާހަގަވުމާއެކު އަރްސަލް އެހިއެވެ. ލުއި ހިނިތުންވުމެއް ކީފާ ރައްދުކުރިއެވެ.

"އަރްސަލް ވަރަށް ބަދަލުވެއްޖެ" އިރުކޮޅަކު އިނދެފައި ކީފާ ބުނެލިއެވެ.

"ހާލަތު ވެސް ބަދަލުވެއްޖެއެއްނު" އަރްސަލް ބުނެލިއެވެ.

"އަހަރެން ސުވާލެއްކޮއްފިއްޔާ ދޮގު ނުހަދާ ޖަވާބު ދޭނަންތަ؟" އަރްސަލް ދޮގު ހަދާފާނޭކަން އެއްކިބައިގައި އޮއްވާ އޭނާ ކީފާގެ ސުވާލަށް ޖަވާބު ދޭނޭކަމެއް ވެސް ކީފާއަށް ޔަގީނެއްނޫނެވެ. އެހެންނަމަވެސް އޭނާ ބެލީ އަރްސަލްއާ ކޮންމެވެސް ވާހަކައެއް ދެއްކޭތޯއެވެ. އެއާއެކު ދެ މީހުންގެ މާޒީގެ ވާހަކަދެއްކުމަކީ އެ ދެމެދުގައި އޮތް ގުޅުން އިހު އޮތް ގޮތަށް ބަދަލުވުމަށް ލިބޭ ފުރުޞަތަކަށް ވެދާނޭ ކީފާއަށް ޤަބޫލުކުރެވެނީއެވެ. އޭނާ ބޭނުންވަނީ އަރްސަލްއާ ގާތް ގުޅުމެއް އުފައްދާށެވެ. އިހުގައި އޮތް އެކުވެރިކަން އަނބުރާ ހޯދާށެވެ.

"ކޮންކަމެއް ކީފާ އެނގެން ބޭނުންވަނީ؟" އަރްސަލް އެހިއެވެ. އެހެންނަމަވެސް އޭނާގެ ވާހަކަދެއްކުމުގައި ކުރީން ހުންނަ ގާތްކަމެއް އެއްގޮތަކަށް ވެސް ކީފާއަށް އިހުސާސެއް ނުކުރެވުނެވެ.

"އަރްސަލް އެއްވެސް ވަރަކަށް އަހަރެންގެ މަތިން ހަނދާންވޭތަ؟ ކީއްވެ އެއްފަހަރު ވެސް އަހަރެން ކޮބާތޯ ބަލަން ނައީ؟ އަހަރެން ހީކުރީ ރާދުއަށްފަހު އަރްސަލްގެ އެންމެ ގާތް ރަޙުމަތްތެރިއަކީ އަހަރެންކަމަށް. ޔޫ ޝެއަރ އެވްރިތިންގ ވިތް މީ... ބަޓް..." ކީފާ އިތުރަކަށް ނުބުންޏެވެ.

"ކީފާ އަމިއްލައަށް ހުރިހާ ނިންމުމެއްނިންމީ... އަމިއްލައަށް ދިޔައީމަ އަހަރެން ކީއްކުރަން ކީފާ ހޯދަން ދާންވީ. އެހެންނޫނަސް އަހަރެންގެ ލައިފްގަ ވެސް ވަރަށް އިމްޕޯޓެންޓް ކަމެއް ދޯ އޭރު ނިންމީ. އެކަމުގައި ބައިވެރިވާން ކީފާ ނެތީމެންނު" އަރްސަލް ބުނެލިއެވެ.

"ޔޫ އާ ރޯންގް... ދެޓްސް ނޮޓް ވަޓް ފްރެންޑްސް ޑޫ... އަހަރެން ހޯދަން އެއްފަހަރު ވެސް އަރްސަލް އައިނަމަ... އަހަރެންގެ ޚިޔާލެއް އަރްސަލްގެ އަމިއްލަ ދިރިއުޅުމާ ގުޅިގެން ހޯދިނަމަ. އެނީވޭޒް... އެ ހުރިހާ ކަމެއް އެއީ މާޒީ... އެހެންވިޔަސް އަހަރެން ހިތުގައި އަބަދުވެސް އޮވޭ... އަރްސަލް ހުރިހާ ކަމެއް އަހަންނަށް ކިޔައިދޭއިރު، އަހަރުމެން ތިންމީހުން އެކުގައި އެތައް ވަގުތެއް ހޭދަކުރާއިރު ލޫންގެ ވާހަކަ އަރްސަލް ނުބުނީ ކީއްވެހޭ... އަޅެ އެންމެ ފަހަރަކު ބުނެލިނަމަ... ރާދު ވެސް އަހަރެން ގާތުގައި އެއްވެސް ވާހަކައެއް ނުބުނޭ... ވައި އަރްސަލް... ލޫންއާ ރައްޓެހިވިތާ އަހަރެއް ފަހުންނެއްނޫނެއްނު ރައްޓެހިން ގާތުގައި ބުނާނީ... އަރްސަލްގެ ލައިފަށް ލޫން އައުމާއެކު ރަޙުމަތްތެރީން ވެސް މުހިންމެއްނުވި... މެރީ ކުރަން ނިންމާފައެއްނޫނެއްނު އަހަރެން ކޮބާތޯ ބަލަން ޖެހޭނީ. އެނގޭތަ! އަހަންނަށް ފީލްވީ އަރްސަލްގެ ލައިފްގަ އަހަންނަކީ އެއްވެސް މުހިންމު މީހެއްނޫންކަން. އެކުވެރިއެކޭ ބުންޏަސް... ހަޤީޤަތުގައި އެކުވެރިއަކަށް ވެސް ނުވި" ކީފާގެ ހިތުގައި ހިނގަމުންދިޔަ އޮއެވަރުގެ އަސަރު އޭނާގެ މޫނުން ފާޅުވިޔަކަ ނުދިނެވެ. އިހުސާސްތައް ފަރުދާ ކުރުމަށް އޭނާވަނީ އާދަވެފައެވެ. އެހެންވެ ހިތުގައިވާ ރިހުމެއް އޭނާނޫން އިތުރު މީހަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާގެ ދުލުން ހާމަވެގެން އެ ދިޔައީ އެތައް އަހަރެއް ވަންދެން ހިތުގައިވި ޝަކުވާތަކެވެ. އަރްސަލްގެ ދިރިއުޅުމަށް އައި ހަމައެކަނި އަންހެންކުއްޖަކީ އޭނާ ކަމުގައި ހީކުރުމަށް ފުރުޞަތު ދިނީ ޚުދު އަރްސަލްއެވެ.

"ރަނގަޅު ރަޙުމަތްތެރިން އެވަރު ކަމަކާ ދުރެއްނުވާނެ. އަހަރެން ކީފާއަށް ކަމެއް އޮޅުވާލާފައެއް ނޯންނާނެ... އެހެންވީމަ ރަޙުމަތްތެރިކަން އަދާކުރަން ނޭނގުނީ އަހަންނަށޭ ބުނަން ނޫޅޭ. ލޫންއަކީ ކޮންކަހަލަ މީހެއްކަން އެނގެން ކީފާ ދުވަހަކު ވެސް މަސައްކަތެއް ނުކުރޭ. ކީފާ އަހަރެމެންނާ ދުރަށް ދިޔައީ އެއީ ކީފާ ނިންމި ނިންމުމެއް... ލޫންދެކެ އަހަރެން ލައިކްވިއިރު އޭނާގެ ނިންމުންތައް ވެސް އަހަންނަށް މުހިންމު. އަހަރެން އެކަކު ގާތުގައި ވެސް އެ ގުޅުމުގެ ވާހަކަ ނުބުނީ ސަބަބެއް އޮތީމަ. ލޫން ހުރީ އަހަރެން ލޯބި ބަލައިގަންނަން ތައްޔާރަކަށްނޫން. އަހަރެން ވެސް އެ ނޫނީ އެއްވެސް ގުޅުމެއް ސީރިއަސްކޮށެއް ނުނަގަން. އޭނާ އަހަންނަށް ދިނީ އެއް އަހަރު. އަހަރެމެންގެ ގުޅުމަށް އެއް އަހަރު ވުމުން ނޫނީ އެކަކު ގާތުގައި ވެސް ނުބުނަން ތިބީ. އަހަރެން ލޫންއާ ޚިޔާރުކުރީ އަހަރެންގެ ދިރިއުޅުމަށް ގެންނަން އެންމެ އެކަށޭނެ ކުއްޖާވީމާ. އައި ލަވް ހާ... އަހަންނަށް އެނގޭ ކީފާ ގަޔާނުވާކަން ލޫންއާ... އެހެންވިޔަސް ރަޙުމަތްތެރިޔާގެ އުފަލަށް އުފާވުމަކީ އެކުވެރިކަމެއްނޫންތަ... ކީފާގެ ބައްޕައަށް ވެސް އަހަރެން ގުޅިން ކީފާ ހޯދަން... އަހަރެންގެ ކައިވެންޏަށް ދަޢުވަތުދޭންވެގެން... ބަޓް ޔޫ ޝަޓް ޔޯ ސެލްފް ޓު އެވްރިވަން. ކީފާ ބުނެދީބަލަ އެހެން ހެދި ސަބަބެއް؟ އެންޑް ރާދު!... ހީ ވޯޒް ސޯ ވޮރީޑް... އޭނާ ކީފާ ހޯދަން ނޫޅޭތަ؟ ކީއްވެ ރާދުއަށް އެހެން ހެދީ... ރާދުއާ ތި ދެ މީހުން ވަރަށް ކްލޯސް... އެޓްލީސްޓް ހީ ޑިޒާވް ޓު ނޯ" އަރްސަލް ބުނެލިއެވެ. ކީފާ އިސްޖަހާލައިގެން އިނީއެވެ. ވެރިވެގެން ދިޔަ ހިމޭންކަން ނެތިގެން ދިޔައީ އެޕާޓްމެންޓުގެ ބެލްއަޅާލި އަޑުންނެވެ.

"ކާއެއްޗެހި އެ އައީ" އަރްސަލް ތެދުވަމުން ބުނެލިއެވެ.

"އަރްސަލްއަކަށް ދުވަހަކުވެސް ނުވިސްނޭނެ... ދިސް ފީލިންގ... އިޓް ހާޓްސް... ދެވަނަ ފަހަރަށް އެ ދުވަސް ތަކުރާރުވާތަން ބަލަން ހުންނަންވީތަ" އިސްޖަހާލައިގެން އިންގޮތަށް އިން ކީފާއަށް އުނގުގައި އޮތް ދެއަތްތިލަ ޖޯޑުކޮއްލާ ބާރުކޮއްލީ އެ ހިތުގެ ރިހުން ތަންފުކެއް ވެސް ލުއިވޭތޯއެވެ. ހިތުގެ އުދާސްތައް ދުލުކުރިއަށް ނުގެނުމަށް ދެ ތުންފަތް ޖައްސާ ބާރުކޮއްލިއެވެ. ހަށިފުރާ ނޭވާއެއް ލީ ކީފާގެ އިހުސާސްތައް އޭނާގެ ސިކުނޑިއާ ކުޅުނަ ނުދިނުމަށެވެ. ކަކުލުގައި މަޑުމަޑުން ދެއަތްތިލަ ހިންގާލާ ފިރުމާލާފައި ކީފާ ތެދުވިއެވެ. އޭނާގެ ހިތުގެ ހާލު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވީ ނަމަވެސް ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

"އޭނާ ތިކަން ކުރާނެ... އަންނާނަން ގޮވާފަ" ތަށިތައް ނަގައި ކާމޭޒު މަތި ތައްޔާރު ކުރަން ކީފާ އުޅުމުން އަރްސަލް ބުނެލިއެވެ.

"މީ އެވަރު ކަމެއްނޫނޭ... އަރްސަލް! އޭނާ މިތަނަށް ގެންނާނޭކަމެއްނެތް... ޕްލީޒް... އަހަރެން ވެސް މީ އަންހެނެކޭ. މިވަރުކަމެއް އަހަންނަށް ނުވާނީތަ" އަރްސަލް ދާން އުޅުމުން އޭނާގެ އަތުގައި ކީފާ ހިފެހެއްޓިއެވެ. މިފަހަރު ކީފާގެ އެދުމަށް އަރްސަލް މަޑުކުރުމުން ކީފާއަށް ތުންފަތަށް ހަޤީޤީ ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެހެންވިޔަސް އެ ހިނިތުންވުން ބަދަލުވާން ނެގީ ކުޑަ ހިނދުކޮޅެކެވެ.

"އަންނާނަން އޭނާއަށް ކާން ގޮވާފަ" ކާމޭޒު ދޮށުގައި އިށީނދެފައި ވެސް އަރްސަލް ތެދުވީއެވެ.

"ވަޓް އާ ޔޫ ޑުއިން އަރްސަލް! މެއިޑެކޭ ބުނަންޏާ އެގޮތަށް އޭނާއާ މެދު ޢަމަލުކޮއްބަލަ.... ގޭގެ މީހުންނާއެކު މެއިޑުން ކާން އަރާކަމެއް ނުދެނަ ހުރިން. އެހެންނޫނީ އެއީ މެއިޑެއްނޫން ދޯ. އަރްސަލްގެ ފޫހި ފިލުވަން ގެނެސްގެން އުޅޭ އަންހެންކުއްޖަކީތަ؟" ހަމަޖެހެން މަސައްކަތް ކުރިޔަސް އަރްސަލް އެ ފުރުޞަތު ކީފާއަށް ނުދޭން އުޅެނީއޭ ކީފާއަށް ހީވިއެވެ. ރުޅި އަންނާކަށް ޚުދު ކީފާ ވެސް ބޭނުމެއްނޫނެވެ. އެހެންވިޔަސް އަރްސަލްގެ ޢަމަލުތަކާއި އޭނާގެ ވާހަކަދެއްކުމުގައި އެ އަންހެންކުއްޖާއާ މެދު ޚާއްޞަ ގޮތެއް ބަހައްޓާކަން ފާހަގަވުމަކީ ކީފާގެ ޠަބީޢަތް ބަދަލުކޮއްލާ ކަމެކެވެ.

ކީފާގެ ވާހަކައާ މެދު އަރްސަލްއަށް ވިސްނާލެވުނެވެ. ކީފާގެ ވާހަކަތަކުން އޭނާއަށް ކޮންމެވެސް ގޮތެއްވީކަން ޔަގީނެވެ. ބޭއިޚްތިޔާރުގައި ދެ އަތްތިލަ މުއްކަވާލެވުމާއެކު ދަތްކުނޑިވިކާލެވުނެވެ. އެހެންވިޔަސް އަލުން ކާމޭޒު ދޮށުގައި އޭނާ އިށީނީއެވެ. ކީފާ ކާން ތައްޔާރުކޮއް ނިމެންދެން އަރްސަލް އިނީ ހިމޭނުންނެވެ.

ކައި ނިންމާފައި ތަށިތައް ނެގީ ވެސް ކިފާއެވެ. އަރްސަލް އައިސް ބެލްކަންޏަށް ނުކުމެގެން ހުރި ދޮރު ކައިރީ މަޑުކޮއްލިއެވެ. އޭނާއަށް ރަތްކުލަ ވެރިވެފައި އޮތް އުޑުމަތި ފެނުނެވެ. އެއާއެކު އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އެގާރަ ޖަހަން އުޅެނީއެވެ. ކީފާ ގެއަށް ދާންވާއިރަށް ވާރޭ ވެހެން ފަށާފާނޭ އަރްސަލްގެ ހިތަށް އެރިއެވެ.

"ކޮން ޚިޔާލެއްގައި" ފަޓުލޫނުގެ ދެފަރާތު އަރިމަތީ ޖީބަށް ދެއަތްކޮއްޕާލައިގެން ހުރި އަރްސަލްގެ ކަނާއަތް ފަރާތުގައި އައިސް ހުއްޓިލަމުން ކިފާ ބުނެލިއެވެ. އަދި ނިކަން އަވަހަށް އަރްސަލްގެ އުނަގަޑާއި އަތާއި ދޭތެރެއަށް ކީފާގެ ވައަތް ލައްވާލާ އަރްސަލްގެ މުލައްދަނޑީގައި ހިފާ ގާތްވެލިއެވެ.

"ވާރޭ އޮއްސާލުމުގެ ކުރީން ކީފާ ގެއަށް ދާންޖެހޭނެއެއްނު. އަހަރެން ބޭނުމެއްނޫން ކާރަށް އަރާކަށް. ރާދު ވެސް މިރޭ ނެތް. މިހާރު ނުކުމެއްޖެއްޔާ ދެވޭނެހެން ހީވަނީ" ކީފާގެ ހަރަކާތަކަށް ފަރުވާލެއް ނުބަހައްޓާ އަރްސަލް ބުނެލިއެވެ.

މަޑު ހިނގުމުގައި އަރްސަލްއާއެކު ކީފާ އައެވެ. އަރްސަލް މާގިނަ ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް ކީފާ ވާހަކަތަކަށް ޖަވާބެއް ދޭން ޖެހިއްޖެނަމަ އަރްސަލް އެކަން ކުރެއެވެ. މައި މަގުތަކުގައި ހުރި ފިހާރަތަކާއި ކެފޭތައް ދޮށުގައި މީހުން އުޅޭތަން ފެނުނެއްކަމަކު އެހެން ރޭ ރެއަށްވުރެ މީހުން މަދެވެ. ކީފާ އުޅޭ ފްލެޓާ ދިމާއަށް ދިއުމަށް އެޅި ހިމަ މަގަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރެއިން ކީފާ މަޑުމަޑުން އަރްސަލްއާ ގާތަށް ޖެހިލިއެވެ. އަދި އޭނާގެ ޖީބަށް ޖަހާލެވިފައިވި އަތް ނެގިއެވެ.

"މިހެންނެއްނޫންތަ އަހަރެމެން ހިނގާ އުޅުނީ" އަރްސަލްގެ އަތް ކީފާގެ ފުރަގަހުން ގެނެސް ކޮނޑުމަތީ ބާއްވާލަމުން ކީފާ ބުންޏެވެ. ކީފާއަށް ޤަބޫލުކުރަން އުނދަގޫ ވިޔަސް އަރްސަލް ހިނިތުންވެލިތަން ދުށްޓެވެ.

"އަހަރެން ހަނދާނެއްނުނެތޭ... އެކަމަކު މީ ރާއްޖެ... މިތަނުގައި މި ގޮތަށް އަންހެންކުއްޖަކާއި ފިރިހެނަކު ދާނަމަ މާނަ ކުރާނީ ވަރަށް ތަފާތުކޮށް" އަރްސަލް ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ އަތް ދުރަށް ލުމުގެ ކުރީން ކީފާ ހިފަހައްޓާލައިގެން ހުރެ ކުރިއަށް ދިޔައެވެ. ފްލެޓާ ހަމައަށް އާދެވުމުގެ ކުރީން އަރްސަލްގެ އަތް ކީފާގެ ކޮނޑުން ނެގިއެވެ. ފްލެޓަށް ވަނުމަށް ހުރި ދޮރާ ދިމާގައި ކީފާއާއި އަރްސަލް ހުއްޓިލިއެވެ.

"ގުޑްނައިޓް" އަރްސަލް ބުނެލިއެވެ. ކީފާ ހުރީ އަރްސަލް އެހާ އަވަހަށް ފޮނުވާލަން ބޭނުންވެފައެއްނޫނެވެ. އެހެންވެ އޭނާ އިތުރު ވާހަކައެއް ފެށޭތޯ އުޅުނެވެ.

"ރާދު ކޮންއިރަކުން އަންނަނީ؟ އަސްލު ކިހިނެއްތަވީ؟" ކީފާ އަހާލިއެވެ.

"ފެމެލީކަމެއް... އިޓްސް ކޮމްޕްލިކޭޓެޑް... ރާދު މިރޭ އެކޮޅުގައި މަޑުކުރަނީއޭ ބުނީ. ޔޫ ޑޯންޓް ވޮރީ" އަރްސަލް ބުނެލިއެވެ. ކީފާއަށް އެ އަޑު އިވުނީ ބާރު ރަނގަބީލެއް ފަދައިންނެވެ.

"ދެން މިރޭ އަރްސަލް އެކަނި ގޭގައި" ކީފާއަށް އަހާލެވުނީ އެއްވެސް ވިސްނުމަކާ ނުލައެވެ. އަރްސަލް ބޯޖަހާލިއެވެ.

"މިރޭ އަހަރެމެން ގޭގައި މަޑުކުރަންވީނު. ބައްޕައަށް އެނގޭނެ އަރްސަލް" ކީފާގެ މޭގައި ފޮރުވިފައިވި ހިތް ބާރަށް ތެޅެންފެށިއެވެ.

"އައި ކާންޓް... އޯކޭ... ދަނީ... ކީފާ ވެސް ދެން ދޭ" ކުއްލިއަކަށް ކީފާ އުޅެން ފެށި ގޮތް އަރްސަލްއަށް ކަމަކު ނުދިޔައެވެ. ކުޑަކޮށް އަތް ހޫރާލަމުން އަރްސަލް އެނބުރި އައިކޮޅަށް ދިއުމަށް ހިނގައިގަތެވެ. ކީފާ އެތެރެއަށް ވަންތޯ ވެސް ބަލަން އަރްސަލް އެނބުރި ނުލިއެވެ.

ވާރޭ ކަނި ޖަހާލުމާއެކު އަރްސަލް ހިނގުން ބާރުކޮއްލިއެވެ. ގެއާ ހަމައަށް ނުފޯރަނީސް ވާރޭ ބޯކޮއްލައިފިއެވެ. އެއާއެކު އަރްސަލް ދުއްވައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާ ހުއްޓުނީ ކީއްވެކަމެއް ނޭނގެއެވެ. ކިތަންމެ ބާރަކަށް ދުވިޔަސް ވާރޭއިން ސަލާމަތް ނުވާނޭކަން އެނގުނީ ކަންނޭނގެއެވެ. އާދައިގެ ހިނގުމެއްގައި އައިސް ގެއަށް ވަނެވެ. ލިފްޓަށް ވަދެ އެޕާޓްމެންޓު ހުންނަ ބަޔަށް ދިއުމަށް ލިފްޓުގެ ތެރޭގައި ހުރި ނަންބަރު ފިތުން ނަންބަރަކަށް އޮބާލިއެވެ. މަޑުމަޑުން ލައިގެން ހުރި ގަމީހުގެ ގޮއްތަށް ނައްޓަން ފެށިއެވެ. މުޅި މީހާ ހުރީ ތެމި ފޯވެފައެވެ. ޖީބުގައި އޮތް ފޯނާއި ކީކާޑު ނެގިއެވެ. ނަސީބަކުން ފޯނު ހުޅެވެއެވެ. ހުއްޓުމަކަށް އައި ލިފްޓު ހުޅުވުމުން އަވަސް އަވަހަށް އައިސް އެޕާޓްމެންޓު ހުޅުވާލިއެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލުމާއެކު އަތުގައި އޮތް ފޯނާއި ކީކާޑުގެ އިތުރުން ފަހަތު ޖީބުގައި އޮތް ވޮލެޓު ނަގާ ސޯފާ މައްޗަށް އެއްލިއެވެ. އެއާއެކު ތަނެއްގައި މީހަކު ތަޅާ ފަދަ އަޑެއް އަރްސަލްގެ ކަންފަތުގައި ޖެހުނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭއާ އެކުވެގެން އެ އަޑު އައިއިރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަވަސްއަވަހަށް ފެންތިކި ތަޅަމުން ދިޔަ ހެދުން ބަދަލުކުރަން އަރްސަލް އައީ ކޮޓަރިއާ ދިމާއަށެވެ. އިވެމުންދިޔަ އަޑު ބާރުވަމުން އައުމުން ބިއްދޮށަށް އަރްސަލްގެ ނަޒަރު ހުއްޓާލިއެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ ބެލްކަނީގެ ބިއްލޫރި ދޮރުގެ އަނެއްފަރާތުގައި ނިމްރާ ހުރުމުންނެވެ. ބެލްކަންޏަށް ވިއްސަމުންދިޔަ ވާރޭގެ ސަބަބުން އޭނާ ހުރީ ތެމި ފޯވެފައެވެ. އަރްސަލް ބަލަން ހުރި ކަން ނިމްރާއަށް ވެސް ފެނުނެވެ. ލެއްޕިފައި ހުރި ދޮރު ހުޅުވަން އަރްސަލް ނައިސް ހުންނަން ފެށުމުން އަނެއްކާ ވެސް ދޮރުގައި ނިމްރާ ތަޅަން ފެށިއެވެ. އަރްސަލްގެ ހަނދާނަށް އެވަގުތު އައީ އެ ބެލްކަނީގެ ދޮރުގައި ތާށިކަމެއް ހުންނަކަމެވެ. އެހެންވެ ބެލްކަންޏަށް ނުކުތަސް ދޮރެއް ނުލައްޕައެވެ. ލެއްޕިއްޖެއްޔާ އެ ދޮރު ހުޅުވަން ފަސޭހަވާނީ ގޭތެރެއިންނެވެ. އެ ބެލްކަންޏަށް އާމުކޮށް އޭނާ ނުނިކުމެވެ. ލޫން ގަސް އިންދަން ބޭނުންކުރާ ބެލްކަންޏަށް ވާތީ މިހާރު އަދި އަމުދުން އެއްގޮތަކަށް ވެސް އެތަނަށް ނުކުންނާކަށް އަރްސަލް ބޭނުމެއްނުވެއެވެ.

ހަލުވިކޮށް އައިސް ބިއްލޫރި ދޮރުގައި ހިފާ ދެފަހަރަކު އަރްސަލް ދަމައިގަތް ފަހުން ދޮރު ކެހިގެން ދިޔައެވެ. އެހިނދު ނިމްރާގެ އަތުގައި ހިފާ އެތެރެއަށް އަރްސަލް ދަމައިގަތުމާއެކު ދޮރު ލައްޕާލިއެވެ. ކުއްލިއަކަށް އައިސް އަރްސަލްގެ މޭގައި ޖެހެވުމުން ނިމްރާގެ ދެއަތް އުފުލިގެން ދިޔައެވެ. އެ ދެއަތްތިލަ ޖެހުނީ އަރްސަލްގެ ހާމަވެފައި އޮތް މޭގައިކަން އެނގުނުއިރު އަރްސަލްގެ ނަޒަރު ވެސް ނިމްރާއަށް ހުއްޓިއްޖެއެވެ. އަރްސަލް ކުރިއަށް ޖެހިލިހެން ހީވުމާއެކު ނިމްރާއަށް ފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ. އޭނާގެ ބުރަކަށި އައިސް ޖެހުނީ ލައްޕާލި ބިއްލޫރި ދޮރުފަތުގައެވެ. ގުޑި ވެސް ނުލާ އަރްސަލް ހުންނަން ފެށުމުން ނިމްރާ ދުރަށްދާން ނިންމިއެވެ. ނަމަވެސް އޭނާގެ ހަރަކާތްތައް ހުއްޓުމަކަށް އައީ ފަހަތުން އުނަގަނޑާ ދިމާލުން އަރްސަލްގެ އަތް ހަރަކާތްކުރާތީއެވެ. ދެއަތަށް ބާރުލުމާއެކު އަރްސަލް ދުރަށްލާން ނިމްރާ ބޭނުންވިއެވެ. އެހެންނަމަވެސް އެއްވެސް ހުރަހެއްނެތި އެ މޭގައި ދެއަތްތިލަ ޖެހިފައި ވުމުން ދެހަންދޭތެރޭގައި ކަރަންޓުގެ އޮއެވަރެއް ހިނގައިގަތް ކަހަލައެވެ. (ނުނިމޭ)