މޯލްޑިވިއަން އައިޑޮލްގެ ރޭގެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޖަޖު މަރިޔަމް އުނޫޝާ ދެއްކި ވާހަކައާއި މެދު ހިތްހަމަނުޖެހިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ރައްދުދީފި އެވެ.
ރޭގެ ޝޯގައި އުނޫޝާ ބުނީ ރާއްޖޭގެ ޕްރޮޑިއުސަރުން ދިވެހި ފިލްމުތަކުގައި އަމިއްލަ ރާގުގެ ލަވަތައް ބޭނުންކުރުން ގިނަ ކުރުމަށް ވިސްނަންޖެހޭ ކަމަށެވެ. އުނޫޝާއަށް މުއާ ރައްދުދީފައި ވަނީ ފޭސްބުކް މިއަދު އޭނާ އާންމުކުރި ޕޯސްޓެއްގަ އެވެ.
މި ވާހަކައަށް ރައްދުދީ މުއާ ބުނީ 2009 ވަނަ އަހަރު ފެށިގެން 95 އިންސައްތަ ދިވެހި ފިލްމުތަކުގައި ދިވެހި އަމިއްލަ ރާގުގެ ލަވަތައް ބޭނުންކުރާ ކަމަށެވެ. ދިވެހި ފިލްމުތަކުގައި ކޮޕީ ރާގު ބޭނުންކުރާ ވަރަށްވުރެ މިއުޒިކު އިންޑަސްޓްރީގައި އާޓިސްޓުން ކޮޕީ ރާގު ބޭނުންކުރާ މިންވަރު އިތުރުކަމަށް މުއާ ތުހުމަތުކުރި އެވެ.
"(އުނޫޝާ) މިހެން ބުނީ ކޮން ހަމައަކުން ކޯއްޗެއް ބަލާފަތޯ؟ ހަމަގައިމުވެސް ދިވެހި ފިލްމުތަކުގައި ކޮޕީ ރާގު ބޭނުންކުރާ ވަރަށް ވުރެން މިއުޒިކު އިންޓަސްޓްރީގައި މީހުން ކޮޕީ ބޭނުން ކޮށްގެން ވިޔާފާރީ ކުރުމާއި އަމިއްލަ މަޝްހޫރުކަން ހޯދާލެއް މާ ގިނަ." މުއާ ބުންޏެވެ.
މުއާ ވަނީ މޯލްޑިވިއަން އައިޑޮލްފަދަ ބޮޑު އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި 99 އިންސައްތަ ކޮޕީ ރާގު ބޭނުންކުރަނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ.
"ރިސޯޓުތަކަށް ގޮއްސަ 'ވޮންޑަފުލް ޓުނައިޓް' ކިޔައިގެން ލާރި ހޯދަނީ ކޮން ހައިސިއްޔަތަކުން؟ އޭގެ ވެރިފަރާތުގެ ކޮން ހުއްދައެއް ލިބިގެންތޯ؟" އުނޫޝާއަށް ދިން ރައްދުގައި މުއާ ބުނެފައިވެ އެވެ. "ނޫނީ އަމިއްލަ މަޝްހޫރު ކަމަށްޓަކައި ހިންދީ ލަވަތަކުގެ ކަވާ ސޯންގް ކިޔައިގެން ނެރެނީވެސް ހަމަ ތިޔަ އިންޓަސްޓްރީ މީހުން ނޫން ތޯ؟"
"ރަނގަޅަށް ވާ ކަމެއް ގަބޫލުކޮށްލާފައި އެއްޗެއް ބުނެލުމުގެ ބަދަލުގައި ތިޔަ ޒާތުގެ ބޮޑެތި ޕްރޮގުރާމްތަކުގައި ތިޔަޒާތުގެ ހުށާމަތު ނުކުރައްވާ."
މުއާގެ މި ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓުކުރަމުންދާއިރު މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރު/ޑައިރެކްޓަރު އަހްމަދު ނިމާލް ވެސް ވަނީ ކޮމެންޓުކޮށްފަ އެވެ.
ނިމާލް ބުނީ، "ހަމަގައިމުވެސް ނިމާލް ޑައިރެކްޓުކުރި ހުރިހާ ފިލްމެއްގައި 90 އިންސައްތަ އަމިއްލަ ރާގު ހުންނާނެ. 25 ފިލްމު ހަދައިފިން،" އެވެ.