ކުޅިވަރު

އަތޮޅުތެރޭގައި ދިވެހިލީގް ބޭއްވުމަށް އެފްއޭއެމްއިން ވިސްނަނީ

ވެރިރަށް މާލެ އެކޭ އެއްގޮތަށް، އަތޮޅު ތެރޭގައި ދިވެހި ލީގް ކުޅުމުގެ ވިސްނުން އެފްއޭއެމުން ގެންގުޅެމުންދާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރަށްރަށުގައި، ދިވެހި ލީގް މެޗުތައް ކުޅުމުގެ ޕްލޭން ބިނާ ވަނީ، ރަށްރަށުގެ ދަނޑުތައް ތަރައްގީ ކުރާ ހިސާބުންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ބަޔަކީ ދަނޑުތަކުގައި ގުދުރަތީ ވިނަ ހެއްދުމެވެ. ފީފާގެ ސްޓޭންޑަޑަށް ދަނޑުތަކުގައި ވަނަ ހެއްދުމަށް އިންޑިއާގެ ކުންފުންޏަކާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ދަނޑުތަކުގައި ވިނަ ހެއްދުމަށް، ވިނައިގެ ބަދަލުގައި އެ ކުންފުނިން ފޯރުކޮށް ދޭނީ އޮށެވެ. ވިނަ ހެއްދުމުގެ ފުރަތަމަ ފުރުސަތު ދޭނީ، މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ އަށަކަށް ދަތުރު ކުރި ރަށްރަށުގެ ޓީމުތަކަށެވެ. އެގޮތަށް ކޮންމެ އަހަރަކުވެސް މިނިވަން ޗެމްޕިއަންޝިޕްގައި ގަދަ އަށަކަށް ދާ ޓީމުތަކަށް ދަނޑުގައި ވިނަ ހެއްދުމުގެ ފުރުސަތު އެފްއޭއެމުން ދޭނެ އެވެ.

މިދިޔަ އަހަރު ގަދަ އަށެއްގައި ހިމެނުނު ޓީމެއް، މި އަހަރުވެސް ގަދަ އަށެއްގައި ހިމެނިއްޖެނަމަ ދެން އެ ރަށަކަށް އޮތީ ކޮން ކަމެއް ހެއްޔެވެ.

"ނިމިދިޔަ އަހަރުގެވެސް ގަދަ އަށެއްގައި ހިމެނުނު ރަށެއް މި އަހަރުވެސް ގަދަ އަށެއްގެ ތެރޭގައި ހިމެނިއްޖެނަމަ އަޅުގަނޑުމެން ބަލާނީ ދެން ކޮންކަމެއްތޯ އެ ރަށަކަށް ކޮށްދެވެން އޮތީ، މިސާލަކަށް ލައިޓް ސިސްޓަމެއް ދޭނީތޯ، ޗޭންޖިން ރޫމް މިހާރު ހުރިވަރަށް ވުރެ ފުރިހަމަ ކުރާނީތޯ، ނުވަތަ ކުޅި ބަލާ މީހުންނަށް ސީޓިން އޭރިއާއެއް ހެދޭނެ ގޮތްތަކެއް ކުރިއަށް ގެންދެވޭނީތޯ، މި ކަހަލަ އެޑިޝަނަލް ކަންތައްތަކެއް އަޅުގަނޑުމެން އެ ރަށްރަށް ކޮށްދޭނީ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއް ޓީމުތަކެއް ކާމިޔާބު ހޯދި ކަމުގައި ވީނަމަވެސް ބޭނުމަކީ އަތޮޅު ތެރޭގައިވެސް ރަނގަޅު ދަނޑުތަކެއް ހެދިގެން ދިއުން ކަމަށެވެ.

"ދަނޑުތައް ތަރައްގީކޮށް އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމުގެ ބޭނުމަކީ ވަރަށް ދުރު ރާސްތާ ޕްލޭނަކާއެކު އަޅުގަނޑުމެންގެ ދިވެހި ޕްރިމިއާ ލީގް އަތޮޅު ތެރެއަށް އެއްކޮށް ފެތުރިގެން ދިއުން،" ބައްސާމް ވިދާޅުވި އެވެ.

"އެކަން ކުރުމަށްޓަކައި ރަނގަޅު ވަސީލަތްތައް އަތޮޅު ތެރޭގައި ގާއިމު ވާން ޖެހޭ، ރަނގަޅު ދަނޑުތައް އެބަ ހުންނަން ޖެހޭ، ހަމައެކަނި ގްރާސް ދަނޑެއް އޮތުމެއް ނޫން، ރަނގަޅު ޗޭންޖިން ރޫމްތަކެއް ހުންނަން ޖެހޭ، ސީޓިން އޭރިއާ ހުންނަން ޖެހޭ، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްތައް ޖެހިގެން ދާން އެބަޖެހޭ ވަރަށް ގިނަ ކަންކަމަެއް އަތޮޅުތެރޭގެ ދަނޑުތައް ތަރައްގީ ކުރުމަށްޓަކައި ކުރަން ޖެހިފައި އެބައޮތް."