ވިޔަފާރި

ޓްރެފިކަށް ލުޔެއް: ޓެކްސީތަކަށް މަގު ހިތަކަށް!

Apr 1, 2018
5

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމާއެކު މާލޭގެ މަގުތަކަށް މިވަނީ ލުޔެއް އައިސްފަ އެވެ. މި ލުއިކަމުގެ ފައިދާ އެންމެ ބޮޑަށް ލިބޭނެ އެއް ބަޔަކީ ޓެކްސީ ކުރާ މީހުންނެވެ. މި ބަދަލާއެކު އެންމެ ފަސޭހަ ވެގެން ދިޔަ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންނެވެ. މި ބަދަލާއެކު މާލޭގެ މަގުތައް އެ މީހުންނަށް މިއޮތި ހިތަކަށް ލިބިފަ އެވެ.

"މިހާރު ދުއްވައިލަން ވަރަށް ފަސޭހަ. މިގޮތަށް މަގުތައް އޮތީއްޔާ ހިދުމަތް ދޭން ވަރަށް ފަސޭހަ ވާނެ،" 1919 ޓެކްސީ ސެންޓަރުގެ ޑްރައިވަރަކު ބުންޏެވެ.

މާލެ ތޮއްޖެހުމަށް ހައްލެއް ހޯދުމަށް ސަރުކާރުން ވިސްނުމަށްފަހު ގެނައި ބަދަލުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ތިބީ ހިތްހަމަ ނުޖެހިފަ އެވެ. މިހާރު މުދާ އުފުލާ ލޮރީތަކަށް ދަތުރުކުރެވޭނީ އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށެވެ.

މި ނިންމުމާއެކު މަގުތަކަށް އައި ލުއިކަމުގެ ފައިދާ ލިބޭ ޓެކްސީ ދުއްވާ މީހުން ބުނާ ގޮތުގައި މި ފަސޭހައިގެ ސަބަބުން ހިދުމަތް އަވަސް ވެގެންދާނެ އެވެ. ޓެކްސީ ޑްރައިވަރަކު ބުނި ގޮތުގައި މިހާރު މަގުތަކަށް އޮތް ފަސޭހަކަން މިގޮތުގައި އޮވެއްޖެނަމަ ކުރިން 20 މިނެޓުން ކުރެވޭ ދަތުރުތައް 15 މިނެޓުން ނިންމާލެވޭނެ އެވެ.

"މުދާ އުފުލާ އެއްޗިހީގެ ސަބަބުން މަގުތައް ވަރަށް ގިނައިން ބްލޮކްވޭ. އެހެންވެ މިކަމަށް މިލިބުނީ ވަރަށް ބޮޑު ހައްލެއް،" ޓެކްސީ ޑްރައިވަރެއް ބުންޏެވެ.

ޓެކްސީ އަގަށް ބަދަލެއް؟

ޓެކްސީ ދަތުރު އަވަސްވުމަކީ ޓެކްސީ ދުއްވާ މީހުންގެ އާމްދަނީ މަތިވެގެންދާނެ ކަމެވެ. މިހާރު ޓެކްސީތަކުގައި ހަތަރު މީހުން ތިން އެއް ފަހަރާ ނަގާނަމަ 75ރ. ލިބޭނެ އެވެ. އެހެންވެ ސުވާލަކީ އަވަހަށް ދަތުރުކުރެވޭނަމަ ޓެކްސީގެ އަގު ކުރެވިދާނެ ބާ އެވެ؟ ތެލުގެ އަގު ބާޒާރުގައި މިހާރު ހުރި ވަރަށް ބަލާއިރު މިއީ ގެނެވިދާނެ ބަދަލެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

މާލޭގައި 600 އެއްހާ ޓެކްސީ ދުއްވާއިރު، ބައެއް ޓެކްސީ ޑްރައިވަރުން ބުނާނަމަ މި ބަދަލުގެ ސަބަބުން ކުރިން ދުވާލަކު 1000ރ. ލިބޭނަމަ، ކުރެވޭ ދަތުރު އިތުރުވުމުން އާމްދަނީ 1500ރ. އަށް އިތުރުވާނެ އެވެ.

"ލިބޭ އެއްޗެއް އިތުރު ކުރެވޭނެތާ؟ އެކަމަކު ކުރިއަށް އޮތްތަނުގައި އަންނާނެ ބަދަލެއް އެނގޭނީ މިކަން ދާ ގޮތަކުން،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކޮންމެއަކަސް މަގުތަކަށް މިވަނީ ލުއިކަމެއް ލިބިފަ އެވެ. މީގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ ޓެކްސީ ދުއްވާ މީހުންނެވެ. ސުވާލަކީ މި ފައިދާ އާއްމުންނާ ހަމައަށް ފޯރުކޮށްދެވޭނީ ކިހާ ވަރަކަށް ބާ އެވެ؟