އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ޓެކްސީ ބޯޑުގެ ފީ ކަނޑާލައި އެތެރޭގެ އުދުހުން ތަކުގެ އަގު ހެޔޮ ކުރާނެ ކަމަށް ވައުދުވެއްޖެ އެވެ.
ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު މިއަދު އާއްމުކުރި ފުރަތަމަ 100 ދުވަހުގެ "ދަތުރުފަތުރު" ވައުދުގައިވާ ގޮތުން ޓެކްސީ ބޯޑު ގެ ފީ ކަނޑާލުމުގެ އިތުރުން އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފާވާ ގޮތް އެޕެއް މެދުވެރިކޮށް ތާވަލެއްގައި ފެންނާން ބެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް
ހެދުން ވެސް ހިމެނެ އެވެ.
ދަތުރުފަތުރުގެ މުހިންމު ވައުދުތައް
- ޓެކްސީ ބޯޑު ގެ ފީ ކަނޑާލުން
- އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުން
- މާލެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދޭނެ
- މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން އޭރިއާ ކަނޑައެޅުން
- މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން އޭރިއާ ކަނޑައެޅޭނެ
- މުޅި ރާއްޖޭގެ ޓްރާންސްޕޯޓް މާސްޓަ ޕްލޭން ހެދުން
ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން އޭރިއާ ކަނޑައެޅުމާއި މާލެ ވަށައިގެން ދުއްވޭ ގޮތަށް ރިންގްރޯޑް ހެދުމާއި މާލޭގެ މަގުތަކުގެ މުޅި ޓްރެފިކް ފްލޯ އެނަލައިޒްކޮށް ގެންނަން ޖެހޭ ބަދަލު ގެނެސް ހުޅުވަން ޖެހޭ މަގުތައް ހުޅުވާލުން ހިމެނެ އެވެ. އަދި މާލެ ފަޅުތެރޭން ދައުލަތުގެ ބޭނުމަށް ނެގިފައިހުރި ބައެއް ސަރަހައްދު އާންމުންނަށް ލުއި ފަސޭހަވާނެ ގޮތަށް ހުޅުވާލުމާއި މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ވެހިކަލްތައް ގަވައިދުން ނަގަން ފެށުން ހިމެނެ އެވެ.
އިތުރު އެހެން ވައުދުތަކުގެ ތެރޭގައި އެއާޕޯޓްގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހިލޭ ސައިކަލު ޕާކް ކުރާނެ ސަރަހައްދެއް ކަނޑަ އެޅުމާއި ހުޅުލެ ފެރީތަކަށް މާލެ-ހުޅުމާލެ ފެރީ ޓާރމިނަލް ބޭނުން ކުރަން ފެށުން ހިމެނެ އެވެ. އަދި މާލޭގައި ސައިކަލާއި، ކާރަށާއި، ޕިކް އަޕް އަދި ލޮރީތަކަށް ޕާކިން އޭރިއާ ޒޯންކުރެވޭނެ އެވެ. އަދި މާލޭގައި ޕަބްލިކް ޓްރާންސްޕޯޓް ފެށުމަށް މިނީބަސް ތައާރަފް ކުރުމާއި އެއްގަމު ދަތުރުފަތުރާއި ބެހޭ ގާނޫނާއި ގަވާއިދު ހަރުދަނާ ކުރެވޭނެ އެވެ. އަދި މުޅި ރާއްޖޭގެ ޓްރާންސްޕޯޓް މާސްޓަ ޕްލޭން ހެދުންވެސް ހިމެނެ އެވެ.