ކުޅިވަރު

ދަނގަޑޭގެ މައްސަލައެއް ނެތް، ކޮލިޓީ ދައްކަން ތައްޔާރު: ނިއު

ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މެންޓަލީ އެއްވެސް މައްސަލަ ދިމާ ނުވާ ކަމަށާއި އޭނާ ހުރީ އޭނާގެ ފެންވަރު ސާބިތު ކޮށްދޭން ތައްޔާރަށް ކަމަށް ނިއުގެ އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

މިދިޔަ ހަފަުތާއާ ހަމަޔަށް ގައުމީ ކެޕްޓަނެއްގެ ގޮތުގައި ހުރި، އަޝްފާގް، ބޫޓާން އާ ދެކޮޅަށް ކުޅުނު މެޗުގެ ޕްރެސް އަށް ނުދިއުމުން، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ވަނީ އަޝްފާގް ޓީމުން ވަކި ކޮށްފަ އެވެ. އެ ދުވަހުގެ ޕްރެސްގައި ގައުމީ ޓީމުގެ ކޯޗު ބުނެފައި ވަނީ މެޗު ކުޅެން އަޝްފާގް މެންޓަލީ ފިޓް ނޫން ކަމަށެވެ.

އޭއެފްސީ ކަޕްގައި ނިއު ކުޅުނު ފުރަތަމަ ދެ މެޗަށް ވަގުތު ދިނުމުގެ ގޮތުން ނިއު، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗު މާދަމާ ރެއަށް އަލުން ތާވަލުކޮށް، މިއަދު ބޭއްވި ޕްރީ މެޗު ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން، ސަމްޕަތު ބުނީ އަޝްފާގް އާ މެދު ކަންތައް ކުރީ ރަނގަޅަށް ނޫން ކަމަށާއި އޭނާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އޭނާގެ ކޮންފިޑެންސަށްވެސް އަސަރު ނުކުރާ ކަމަށެވެ.

"އޭނާގެ ކުޅުމާއި ޕްރެކްޓިސްތަކުގައިވެސް، ބަރާބަރަށް ދަނީ،" ސަމްޕަތު ބުންޏެވެ. "އަދި މާދަމާރޭގެ މެޗުގައި އަޝްފާގް އެކަން ދައްކަންވެސް ބޭނުން ވާނެ ކަންނޭންގެ، އަޝްފާގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރަން، އަޝްފާގް ހުރީ ފޯމުގައި ހަމަގައިމުވެސް"

"މެންޓަލް މައްސަލައެއް އިންކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ގައުމީ ޓީމުގެ ކޯޗު އެބަ ގަބޫލު ކުރޭ އަޝްފާގް މެންޓަލް މައްސަލައެއް އުޅޭ ކަމަށް، އަޅުގަނޑުމެން ނިއު ރޭޑިއަންޓް އެއްވެސް މީހަކު ނުބުނާނެ ކަންނޭންގެ އަޝްފާގްއާ ދިމާލަށް މެންޓަލް މައްސަލައެއް އުޅޭއެކޭ، އެއަށްވުރެ މާ ބަރާބަރަށް، ޓީމު މޯޓިވޭޓް ކޮށް، ހުރިހާ ކުދިންނާއެކު ކެޕްޓަނެއްގެ ޒިންމާ ނަގައިގެން އުޅޭނީ."

ޔުނައިޓަޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހް ބުނީ، އަޝްފާގްއަކީ ރާއްޖޭގެ އުފެދުނު އެންމެ ވަރުގަދަ ފަސް މީހުންގެ ތެރެއިން އެކަކަު ކަމަށާއި އޭނާގެ މެންޓަލް މައްސަލައެއް ހުރި ކަމަށް ބުނާނަމަ ފުޓްބޯޅައިގެ ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"މި ގައުމުގެ އެންމެ ވަރުގަދަ ފަސް މީހުންގެ ނަން ހަނދާނަށް އަންނައިރު އަޅުގަނޑުގެ ބޮލަށް އަންނަނީ މުހައްމަދު ތަކުރުފާން، ރައީސް މައުމޫން، ރައީސް ޔާމީން، ރައީސް ނަޝީދު ދެން ދަގަނޑޭ،" ނަޒީހް ބުންޏެވެ. "(ދެން ދަގަނޑޭ) އަންނައިރު އޭނާގެ ބޮލަށް ބޭސް (ކުރާ ވާހަކަ ދެއްކީމާ) މިއީ މައްސަލައެއް ނޫންތޯ، ބޮލަށް ބޭސް ކުރަން ޖެހޭ ވަރުގެ އޯޑިނަރީ ޕްލޭޔަރަކަށް އޭނާ ހަދައިފި، މިހިރަ ކަހަލަ ބައިވަރު ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ފުޓްބޯޅައިގައި އެބައުޅޭ މީހުން އެބަޖެހޭ ކޮންމެވެސް ވަރަކަށް މިކަމަށް ބަސް ބުނަން."