ހަބަރު

ހައްޔަރުގައި ތިބި އަށް ފުލުހަކު ވަޒީފާއިންވަކިކޮށް ބަންދު ޖަހައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އަށް ފުލުހަކު ވަޒީފާއިން ވަކިކޮށް ބަންދުގެ މުއްދަތު އަނެއްކާވެސް ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ވަޒީފާއިން ވަކިކޮށް އަނެއްކާ ވެސް ބަންދުގެ މުއްދަތު މިއަދު ކޯޓުން އިތުރުކޮށްފައި ވަނީ އިންސްޕެކްޓާ ސައިފް ހުސައިނާއި، ޗީފް އިންސްޕެކްޓާ ފާއިޒް މުހައްމަދާއި، ސާޖަންޓް އަލީ ރިސްވާން އަހުމަދާއި، ސާޖަންޓް އަބްދުﷲ ރިޔާޒާއި ސާޖަންޓް އަހުމަދު އާސިމާއި، ސާޖަންޓް އަލީ ނަސީރުގެ އިތުރުން ކޯޕަރަލް ހަސަން ނަސީރު އަދި މުހައްމަދު ޝާމިން އެވެ. އެ އެންމެން ވެސް މިހާރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާކަން އެބޭފުޅުންގެ ވަކީލް ޔަގީންކޮށްދެ އެވެ.

މީގެ ތެރެއިން ރިސްވާން ފިޔަވައި ދެން ތިބި ފުލުހުންނަށް ކޯޓުން މިއަދު ފަސް ދުވަސް ޖެހި އިރު އޭނާގެ ބަންދަށް 10 ދުވަސް ޖެހި އެވެ.

ހައްޔަރުކޮށްފައި ތިބި ފުލުހުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. ކުރާ ތުހުމަތަކުގެ ތެރޭގައި ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތު ހިމެނެ އެވެ. އެ ތުހުމަތު އެ ފުލުހުންގެ މައްޗަށް ކުރަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް މަސައްކަތް ކުރުމުން ކަމަށްވެ އެވެ. މި އެންމެ ވެސް ތިބީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގަ އެވެ.

ތުހުމަތާ ގުޅިގެން އެމީހުންގެ ވަކީލުން ބުނެފައިވަނީ އެމީހުން ބަންދުކޮށްފައިވަނީ ވެރިން ކުރި އަމުރުތަކަށް ކިޔަމަންވުމުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި ވެރިން ކުރާ އަމުރަކަށް ކިޔަމަންވެގެން ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ ދިވެހި ހުރިހާ ފުލުހުންނަށް އެ ބިރު މިހާރު އެބައޮތް ކަމަށެވެ.