ލުބްނާންގައި ތިބި ކުވޭތު ރައްޔިތުން ވީ އެންމެ އަވަހަށް އެ ގައުމު ދޫކޮށް ފޭބުމަށް ކުވޭތުގެ ހާރިޖީ ވުޒާރާއިން އަންގައިފި އެވެ.
ޒަރޫރީ ބޭނުމަކު ކޮންމެހެން ތިބެން ޖެހިއްޖެނަމަ ރައްކާތެރި ތަނެއް ކަށަވަރުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އިޒްރޭލާއި ލުބްނާންއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. ލުބްނާންގައި ތިބި ޔޫރަޕް ގައުމުތަކުގެ މީހުން ވެސް ރައްކާތެރި ތަންތަނަށް ދަތުރުކުރުމަށް އެ ގައުމުތަކުން ވަނީ އަންގާފަ އެވެ.
ހާރިޖީ ވުޒާރާގެ މި ބަޔާނާ ގުޅިގެން ކުވޭތު އެއާވޭސް އިން ވަނީ ބޭރޫތަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރާނެ ކަމަށް ބުނެފަ އެވެ. ޑިމާންޑް އޮތް ވަރަކަށް ގޮނޑިތައް އިތުރުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލުގެ އާބާދީތަކަށް އަރައިގަތުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އިޒުރޭލުގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ޣައްޒާއަށް ހަމަލާދެމުންނެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއަށް ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ ވަދެފަ އެވެ. އަދި ހަމާސްއާ ބައިވެރިވާނެ ކަމަށް ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
އޮކްޓޯބަރު ހަތަކުން ފެށިގެން ފާއިތުވި ދުވަސްތަކުގައި ހިޒްބުﷲ އިން ވަނީ އިޒުރޭލަށް އެތައް ހަމަލާއެއް ދީފަ އެވެ. އޭގެ ބަދަލުގައި އިޒުރޭލުން ދަނީ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ލުބްނާނަށް -- ހިޒްބުﷲ ހަނގުރާމަވެރިން ހަރަކާތްތެރިވާ ހިސާބުތަކަށް ހަމަލާދެމުންނެވެ.
މަސްރަހު މިހާރު އޮތް ގޮތުން އިޒުރޭލާއި ލުބްނާނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަނގުރާމައެއް ފެށިއްޖެނަމަ އިޒުރޭލަށް އަދި ލުބްނާނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.
ދުނިޔެއަށް މިހާރު އޮތް ކަންބޮޑުވުމަކީ ހަނގުރާމައިގެ ސަބަބުން މަރުވާ މީހުން އިތުރުވުމާއި ހާލުގައި ޖެހޭ މީހުން އިތުރުވުމެވެ.
މިކަމުގައި އޮތް ކަންބޮޑުވުން ތަކުރާރުކުރައްވައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވެސް ވަނީ ދުނިޔޭގެ މަސްލަހަތު ހިމާޔަތްކުރުމަށް އިޒުރޭލަށާއި ލުބްނާނަށް ގޮވާލާފަ އެވެ.