ރިޕޯޓް

ބޭނުންވަނީ އެހީއެއް ނޫން، ބޭނުމީ ވަޒަނަށް ދާން

އުމުރުން 85 އަހަރުގެެ އުންމު ކައްތާބު ދުލާހު އާއި އޭނާގެ މާމަ ދަރިން ހުކުރު ދުވަހުގެ ހެނދުނު ހެނދުނާ ދިޔައީ ޣައްޒާގެ އިރުމަތިން އިޒްރޭލުގެ އިމަަށެވެ. އެތަނަށް ދިއުމުން އެމީހުންނާ ބައްދަލުވީ އިޒްރޭލާ ދިމާލަށް ބެލޭ ގޮތަށް އެތަނުގައި ފޭލިގެތައް ޖަހައިގެން ތިބި އެތައް ސަތޭކަ ފަލަސްތީނީންނަކާ އެވެ. އެމީހުންނާ ކުރިމަތިލާން އިޒްރޭލުން އެގައުމުގެ ސިފައިން ނެރެފައި ވެެއެވެ.

ޣައްޒާގެ މިލިޔަނަަކަށް ވުރެ ގިނަ މީހުންގެ ތެރެއިން މަދުވެގެން 70 ޕަސެންޓް މީހުން ދިރިއުޅެނީ ރެފިއުޖީ ކޭމްޕްތަކުގައެވެ. އެހާލުގައި އެމީހުން އެތިބީ އަމިއްލަ ވަޒަނާ މާ ދުރަކު ނޫނެވެ. ސަރަހައްދީ ރޮނގުގެ އަނެއް ފަރާތުގައި ދެތިން ކިލޯމީޓަރު ދުރުގައިވާ ޝަހަރުތަކާއި އަށް ތަކަކީ ކުރިން އެމީހުންގެ ވަޒަނެވެ. މީގެ ހަތްދިޔަ އަހަރު ކުރިން އެތަންތަނުން އެމީހުން ބޭރުކޮށްލީ ހަތިޔާރު އެޅި ޒަޔަނިސްޓް ގްރޫޕްތަކުންނެވެ.

ޣައްޒާގެ އުތުރު އައްސޭރީގައިވާ ޝާތީ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ އުންމު ކައްތާބު އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި އޭނާއާއި އޭނާގެ އާއިލާ ޖައްފާ ނަމަކަށް ކިޔާ ރަށުން ގަދަކަމުން ނެރެލީ 1948 ވަނަ އަހަރުއެވެ. " ނަކްބާ" ނުވަތަ މުސީބާތާއި ހިތާމައިގެ ދުވަހުގެ ނަމުން ފަލަސްތީނުމީހުން ނަންދީފައިވާ ދުވަހުގައެވެ.

" އަހަރެން މިތަނަށް އައީ [ވަޒަނަށް] އެނބުރި ދިއުމަށް އަހަރެންނަށް ލިބިގެންވާ ހައްގު ލިބިދޭން ގޮވާލަން،" އޭނާ އަލްޖަޒީރާއަށް ބުނެފައި ވެއެވެ.

އޭނާ ބުނީ " އޭނާއަކީ ބްރިޓިޝް މެންޑޭޓް ( އުސްމާނީ ހިލާފަތު ނައްތާލައި އިނގިރޭސީން ފަލަސްތީނުގައި ގާއިމްކުރި ވެރިކަމުން) 1948 ވަނަ އަހަރު ޔަހޫދީންނަށް ބިންތައް ދިން މަންޒަރު ލޮލުން ދުށް ހެކިވެރިއެއް ކަަމަށެވެ.

އެނބުރި ދިއުމުގެ ހައްގު

އިޒްރޭލާ ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގުގައި އިޒްރޭލުން ޖަހާފައިވާ ފެންސާ 70 ވަރަކަށް މީޓަރު ދުރުގައި ޖަހާފައިވާ ފޭލިގެތަކަށް ހުކުރުދުވަހު ފަލަސްތީނުގެ ކުޑަބޮޑު، އަންހެން ފިރިހެން އެތައް ހާސް ބަޔަކު ހުކުރު ދުވަހު ޖަމާވިއެވެ. އެގޮތުން އެއްވި މީހުން އެއްވީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ގާއިމްކޮށްފައިވާ ބޯޑަރުގައިވާ އެކި ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ޚާން ޔޫނިސް އާއި ރަފަހާއި ބުރައިޖް ނަމަކަށް ކިޔާ ސަރަހައްދު ހިމެނެއެވެ.

އުންމު ކައްތާބު ބުނީ އެގޮތަށް ގިނަ ބަޔަކު އެއްވުމުން އުއްމީދުގެ އިހުސާސެއް ކުރެވުނު ކަމަށެވެ.

ބޯޑަރު ކައިރިއަށް އެއްވެ ތިބި ފަލަސްތީނު ކުދިން ތިބީ ޖަރީކޮށްފައިވާ ސަގާފީ ހެދުންތައް ލައިގެންނެވެ. މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި އަންހެނުންތައް އުޅުނީ ގައުމީ ލަވަތައް ކިޔަމުންނެވެ. ފިރިހެނުން ހުކުރު ނަމާދު ކުރުމަަށް ފަހު ފުޓްބޯޅަ މެޗުތައް ވެސް ކުޅުނެވެ.

" ދަ ގްރޭޓް މާޗް އޮފް ރިޓާން" ( އެނބުރި ދިއުމުގެ ބޮޑު ހިނގާލުން) މި ނަމުގައި އެއްވުން ރޭވި މީހުން ބާރުލާ ބުނަނީ އެމީހުންގެ ހަރަކާތަކީ ހަތިޔާރެއް ނެތި ، ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އެކަމަކު އެހަރަކާތަށް އިޒްރޭލުން ރައްދު ދިނީ ލައިވް ވަޒަން ބޭނުންކޮށްގެންނެވެ. ކަރުނަގޭހާއި ރަބަރު ވަޒަނުންނެވެ. އެކަމުގައި ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލިއެވެ.

ބެދިފައި ތިބީ ކީއްވެ؟

ހުކުރު ދުވަހު ފެށި ބޮޑު އެއްވުމުގެ ހިޔާލަކީ މީގެ އެތައް މަހެއް ކުރިން ސޯޝަލް މީޑިއާގައި އުފަންވި ހިޔާލެކެވެ. ހަރަކާތުގެ މައިގަނޑު އަމާޒަކީ 1948 ވަނަ އަހަރުގެ ޑިސެމްބަރުމަހު އދ. އިން ފާސްކޮށްފައިވާ 194 ނަމްބަރު ގަރާރުގައިވާގޮތަށް އެނބުރި ވަޒަނަށް ދިއުމުގެ ހައްގު ދިނުމަށް ގޮވައިލުމެވެ.

އެގަރާރުގައި ބުނެފައި ވަނީ ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނު މީހުންނަށް އެމީހުންގެ ގެދޮރަށް އެނބުރި ގޮސް އަމާންކަމުގައި ދިރިއުޅުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ޖެހޭނީ ވީހާވެސް އަވަހަކަށް ކަމަށެވެ. \

ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުނު އަހުމަތު އަބޫ އަރުތީމާ ބުނީ އެއްވުމުގެ ހިޔާލު އޭނާއަށް ލިބުނީ އިޒްރޭލާ ޣައްޒާ ގުޅޭ ބޯޑަރު ސަރަަހައްދަސް ދިއުމުން ފެންސްގެ އަނެއް ފަޅިން ފެނުނު ރީތިކަމުންނެވެ.

" ވަގަށް ނަގާފައިވާ އަހަރެމެންގެ ބިންތަކުގެ ރީތިކަން، އެތަންތަނުގައިވާ ގަސްގަހާ ގެއްސާއި ގުދުރަތީ ރީތި މަންޒަރުތައް ފެނުމުން އަހަރެން ހިތަށް އެރިހާވެސް އެއްޗަކީ ، މިހާލުގައި ބެދިފައި އަހަރެމެން މިތިބީ ކީއްވެހޭ؟ އަބޫ އަރުތީމާ އަލްޖަޒީރާއަށް ބުނެގައި ވެއެވެ.

ސަރަހައްްދީ ރޮނގުގައި ސުލްހަވެރި މުޒާހަރާއެއް ކުރުމުގެ ހިޔާލު ފޭސްބުކްގައި ދައުރުކުރަން އޭނާ ފެށީ އެހިސާބުންނެވެ. ދެން އެކަން ވައިގައި ހިފައި، ޣައްޒާގެ އެކި ޖަމާއަތްތަކުން ވެސް އެކަމަށް ތާއީދު ކުރީއެވެ. އޭގެ ތެރޭގައި އެރަށް ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތް ވެސް ހިމެނެއެވެ.

ހަރަކާތުގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަން ހަމަޖައްސާފައިވާ އަސަދު އަބޫ ޝަރީޚު ބުނެފައިވާ ގޮތުގައި އެއްވުމުގެ ބޭނުމަކީ ވަޒަނަށް އެނބުރި ދިއުމަށް ފަލަސްތީނު މީހުންނަށް އޮތް ހައްގު ބައިނަލް އަގުވާމީ މުޖުތަމައަށް ހަނދާންކޮށްދިނުމެވެ. އަދި އެކަމަށް ގައުމުތަކުގެ ތާއީދު ހޯދުމެވެ.

ކުރިއަށް ދާންވީ މަގު ވަރަށް ސާފު

ހުކުރު ދުވަހުގެ އެއްވުމަކީ ހަ ހަފުތާގެ މުއްދަކަށް ކުރިއަށް ގެންދަން ރާވާފައިވާ މި ހަރަކާތުގެ ފުރަތަމަ އެއްވުމެވެ. ހަރަކާތް ކުރިއަށް ގެންދަން ރާވާފައި ވަނީ މާޗްމަހުގެ 30 ވަނަ ދުވަހު ފާހަގަކުރާ " ބިމުގެ ދުވަހުން ފެށިގެން މޭމަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ނަކުބާ ދުވަހާ ހަމއަށް ދެމިގެންދާ ގޮތަށެވެ.

ބިމުގެ ދުވަހުގެ ގޮތުގައި މާޗްމަހުގެ 30 ވަނަ ދުވަސް ފާހަގަ ކުރަނީ ފަލަސްތީނުގެ ބިންތައް އަތުލުމަށް 1976 ވަނަ އަހަރުގެ މާޗްމަހުގެ 30 ވަނަ ދުވަހު އިޒްރޭލު ސިފައިން ހިންގި ޖަރީމާގެ ހަނދާން އާ ކުރުމަށެވެ. އެދުވަހު އެކަމާ ދެކޮޅު ހެދި ފަލަސްތީނުގެ ހަ މީހެއްގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖަހައި މަރައިލިއެވެ.

" އަހަރެން އަހަރެންގެ އަންހެނުންނާއި ކުދިންނާއި ކާފަދަރިންނާ އެކު ދިރިއުޅެނީ 70 އަކަމީޓަރުގެ އެޕާޓްމަންޓެއްގައި، ފަގީރުކަމުގައި. ޣައްޒާގައި އަހަރެމެންގެ މުސްތަގުބަލެއް ނެތް. އަހަރެމެންގެ މުސްތަގުބަލް އޮތީ އަހަރެމެންގެ އަސްލު ބިންތަކުގައި،" އެއްވުމަށް ގޮސް ހުރި އަބޫ އިއްޒަތު އަލް ބުރާއީ އަލްޖަޒީރާއަށް ބުނެފައި ވެއެވެ.

އުމުރުން 58 އަހަރުގެ އަބޫ އިއްޒަތަކީ ބުރައިޖު ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ މީހެކެވެ.


އިޒްރޭލުން ކަނޑައި އެއްގަމުން ޣައްޒާ ހިސާރުކޮށްފައި އޮންނަތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެރަށުގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓް މީހުން ބަރޯސާ ކުރަނީ އެކި ޖަމާއަތްތަކުން ފޯރުކޮށްދޭ އިންސާނީ އެހީއަށެވެ. ގިނަގިނަައިން ކަރަންޓް ކެނޑޭ، ވަޒީފާގެ ފުރުސަތެއް އަމުދުން ނެތް އެރަށް ވެފައި ވަނީ " ދުނިޔޭގެ އެންމެ ބޮޑު އޯޕަން އެއާ ޖަލު" ކަމަށެވެ. އެރަށުން މީހަކު ނުކުންނަ ކޮންމެ ފަހަރަކު އިޒްރޭލުން ހުއްދަ ހޯދަން ޖެހެއެވެ.

" އަހަރެމެން ބޭނުންވަނީ މަޝްވަރާތަކެއް އަދި އދ.ގެ އެހީއެއް ނޫން. ކުރިއަށް ދާންވީ ގޮތް ސާފު. އަހަރެމެން ބޭނުންވަނީ ބޮމާއި ޓޭންކާއި ލޭ އޮހޮރުވުމާ ނުލައި، ސުލްހަވެރިކަމާ އެކު އަހަރެމެންގެ ވަޒަނަށް އެނބުރި ދާން،" އަލް ބުރާއީ ބުންޏެވެ.