ޑެލީ އަލީ ކާމިޔާބުކޮށްދިން ދެލަނޑާއެކު 28 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ސްޓެމްފޯޑް ބްރިޖުގައި މޮޅެއް ހޯދައިފި އެވެ.
މިނަތީޖާ އާއެކު ޓޮޓެންހަމް މިވަނީ ހަތަރު ވަނަ މަގާމުގައި އައް ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. އަނެއް ކޮޅުން ޗެލްސީ ގަދަ ހަތަރެއްގައި ހިމެނި ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށް ކުރަމުން އައި މަސައްކަތައް މިވަނީ ބޮޑު ހުރަހެއް އެޅިފަ އެވެ. އިނގިރޭސި ލީގުގެ ފަސް ވަނަ މަގާމުގައި ޗެލްސީ އޮތީ 31 މެޗުން ލިބުނު 56 ޕޮއިންޓާއެކު އެވެ.
ޓޮޓެންހަމް މެޗަށް ނިކުތް އިރު އެއްވަނަ ފޯވާޑް ހެރީ ކޭން ހުރީ ބެންޗުގަ އެވެ. އޭނާގެ ބަދަލުގައި ފޯވާޑަށް ކުޅުނީ ސޮން އެވެ. ޗެލްސީ ޓީމުވެސް މެޗަށް ނިކުތީ އެންމެ ފޯވާޑް އަލްވާރޯ މޮރާޓާއަށް އަލުން ފުރުސަތު ދީގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ޗެލްސީއިންނެވެ. މެޗުގެ 30 ވަނަ މިނިޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. ފަހަތުން އެންޓޯނިއޯ ރުޑިގާ ބޯޅަ ހިފައިގެން ކުރިއަށް ވަދެ ފަޅިން ވިކްޓާ މޯސެސްއަށް ހުސްކޮށްލާފައި ދިން ބޯޅައިން އޭނާ ނަގައިދިން ހުރަސް ޕަންޗުކުރަން ޓޮޓެންހަމްގެ ކީޕަރު ލޮރިސް ނިކުތް ނަމަވެސް އޭނާއަށް ލައްވާނުލާ ދިޔަ ބޯޅަ މޮރާޓާ ވަނީ ބޮލުން ގޯލްގެ ކަނަށް ފޮނުވާލާފަ އެވެ.
ފުރަތަމަ ހާފު ޗެލްސީ ލީޑުގައި އޮވެ ނިމެން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ޓޮޓެންހަމްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކްރިސްތިއަން އެރިކްސަން އެވެ. މިލަނޑަކީ ޗެލްސީ އޭރިއާގެ އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން އެރިކްސަން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމްއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޑެލީ އަލީ އެވެ. ފަހަތުން ކުޅުނު ބޮޑު ބޯޅައެއް ޗެލްސީ އޭރިއާ ތެރޭގައި ކޮންޓްރޯލް ކޮށްލުމަށްފަހު އަލީ ބޯޅަ ގޯލަށް ވައްދާލީ ޗެލްސީ ކީޕަރު ވިލީ ކަބިއޭރޯ ބޯމަތިން އޯއްސާލައިގެންނެވެ.
ޑެލީ އަލީ މެޗުގައި ޖެހި ދެވަނަ ލަނޑާއެކު މެޗުގެ ނަތީޖާ 1-3 ބަދަލުކޮށްލީ 66 ވަނަ މިނިޓުގައެވެ. މިގޯލަކީ އަލީ ކާމިޔާބުކުރީ ޗެލްސީގެ ކުޅުންތެރިންނަށް ސާފުކޮށްނުލެވުނު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިމޮޅަކީ ޓޮޓެންހަމްއަށް ވަރަށް ފޮނި މޮޅެކެވެ. މިއީ ޓޮޓެންހަމް ވާދަވެރި ޗެލްސީ ދަނޑުގައި 1990 ވަނަ އަހަރަށްފަހު މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ 28 އަހަރު ކުރިން ޓޮޓެންހަމް ސްޓެމްފޯޑް ބްރިޖުގައި މޮޅުވި މެޗުގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެރީ ލިންކާ އެވެ.