ހޮލީވުޑް

ޖެނިފާ ލޮޕޭޒްގެ ހެދުން މިފަހަރު ވެސް ލޮލުގައި އަޅައިނުގަނެ ނުދިޔަ

ޖެނިފާ ލޮޕޭޒް ނުވަތަ ޖޭލޯގެ "ކާވްތަކުން" ކަތިލެވެމުން ނުދާ އެއްވެސް ނަފުސެއް ނެތެވެ. އޭނާ އަޅާ ހެދުމާއި ރެޑް ކާޕެޓްތަކުގައި ޖައްސާ ވައްތަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެންމެ ބޮޑު ސިއްރަކީ ވެސް މިއީ އެވެ.

އުމުރުން 45 އަހަރުގެ ލަވަކިޔުންތެރިޔާ، ނިމިގެން ދިޔަ ބިލްބޯޑް މިއުޒިކް އެވޯޑްސް ގައި ވެސް ވަނީ އޭނާގެ ފޭނުންނަށް މި ޖާދޫ ދައްކާލައިފަ އެވެ. މިފަހަރު އޭނާ ލައިގެން ހުރި ހެދުމަށް ވަނީ މީގެ ކުރިން ނުލިބޭ ވަރުގެ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

މި އެވޯޑް ހަފުލާގެ ސަމާލުކަން ޖޭލޯ އަތުލާފައި ވަނީ ލުބްނާނުގެ މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ ޗާބެލް ޒޯއީގެ ވައިޓް-އެންޑް-ނިއުޑް ސްޓައިލްގެ ހެދުމަކުންނެވެ.

މީގެ އިތުރުން ޖޭލޯ އަށް މި ހަފުލާގައި އިތުރު ލޯތަކެއް އަމާޒުވެގެން ދިޔައީ އޭނާގެ ކުރީގެ ޒުވާން ލޯބިވެރިޔާ ކޭސްޕާ ސްމާޓްއާ އެކު ފެނުމުންނެވެ. ބުނެވޭ ގޮތުގައި މި ދެ މީހުން އުޅެނީ އަނެއްކާވެސް ލޯބީގެ ގޮތުން ގުޅިގެންނެވެ.

ނަމަވެސް ހުސްކޮށް ހުރި ކަމަށް ބުނާ ޖޭލޯ މިހާތަނަށް މި ވާހަކަ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ކުރިން ޖޭލޯގެ ބެކް-އަޕް ޑާންސަރެއްގެ ގޮތުގައި އުޅުނު ކޭސްޕާއާ އެކު ހިންގި ލޯބީގެ ގުޅުން ޖޭލޯ ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ޖޭލޯގެ ސްޓޭޖު ޕާފޯމެންސްތަކަށް ފަހު ދެން އޭނާ އެންމެ ފާހަގަކޮށްލެވެނީ ލޯބިވެރިންގެ މައްސަލަތަކަށެވެ. އެގޮތުން ފާހަގަކޮށްލެވެނީ މާ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ނޫޅެވޭ މީހެއްގެ ގޮތުގަ އެވެ.

ޖޭލޯ އެންމެ ގިނަ ދުވަހު އެކުގައި އުޅެފައި ވަނީ ލަވަކިޔުންތެރިޔާ މާކް އެންތަނީއާ އެކުގަ އެވެ. އޭނާއާ އެކު ޖޭލޯ އަށް ނިބޫ ދެ އަންހެން ކުދިން ލިބިފައިވެ އެވެ.