ދިވެހި ސިނަމާ

ޕީއެސްއެމް އިން އޮލިމްޕަސް ހިންގުމާ ހަވާލުވެއްޖެ

ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ފިލްމު ސިނަމާ އޮލިމްޕަސް ހިންގުމުގެ މަސައްކަތާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހަވާލުވެއްޖެ އެވެ.

ޕީއެސްއެމް އިން މި ހަބަރު ކަށަވަރުކޮށްދިނީ ރޭ އެ މުއައްސަސާގެ ރަސްމީ ޓުވިޓާގައި ކުރި ޓުވީޓެއްގަ އެވެ. އޮލިމްޕަސް ހިންގުމާއި ހަވާލުވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދާ ޒުވާނުންގެ އެޖެންޑާ ތަންފީޒުކުރުމުގެ ދަށުން ކަމަށް ޕީއެސްއެމް އިން ބުނެފައިވެ އެވެ.

"ޕީއެސްއެމް އިން އޮލިމްޕަސް ހިންގަން މި ފަށަނީ، ރައީސް ޔާމީންގެ ޒުވާނުންގެ އެޖެންޑާ ތަންފީރުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދޭން." ޕީއެސްއެމްގެ ޓުވީޓުގައި ބުނެފައިވެ އެވެ.

އެ ޓުވީޓުގައި އިތުރަށް ބުނެފައި ވަނީ އޮލިމްޕަސް ޕީއެސްއެމްގެ ބެލުމުގެ ދަށަން އައުމުން ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ފަންނާނުންނަށް ތަމްރީނުވުމަށް ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

"މުނިފޫހިފިލުވުމުގެ ދާއިރާއަށް ކުރީން ނުލިބޭފަދަ ފުރުސަތުތަކެއް ތަނަވަސްކޮށް ދޭން."

މިހާތަނަށް އޮލިމްޕަސް ހިންގަމުންއައީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގެ ބެލުމުގެ ދަށުންނެވެ. އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް 2013 ވަނަ އަހަރު ހުޅުއްވައިދެއްވީ އޭރުގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު އެވެ.

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައި ވީނަމަވެސް ފިލްމު ޕްރޮޑިއުސަރުންނާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން އޮލިމްޕަހާއި ގުޅިގެން ގިނަ ޝަކުވާތަކެއް މިހާރުވެސް ކުރެ އެވެ. އެ ގޮތުން އެ ތަނުގައި ޒަމާނީ ފެންވަރުގެ ސައުންޑު ސިސްޓަމެއް ނެތުމަކީ ޕްރޮޑިއުސަރުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. އޮލިމްޕަހަށް ފިލްމު ބަލަންދާ ފަރާތްތަކުންވެސް މި ޝަކުވާ ކުރެ އެވެ.

ޕީއެސްއެމް އިން ވިޔަފާރީ އުސޫލުން އޮލިމްޕަސް ހިންގަން ފަށައިފިނަމަ ފިލްމު އުފައްދާ ފަރާތްތަކަށް ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށްވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް ޕީއެސްއިމް އިން އޮލިމްޕަސް ހިންގާނެ ވަކި އުސޫލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.