މީހުން

ސްޓީވެން ހޯކިންގެ ޖަނާޒާ ބާއްވައިފި

މުޅި ދުނިޔެއަށް މަޝްހޫރު އިނގެރޭސި ސައިންސްވެރިޔާ، ތިއޮރޮޓިކަލް ފިޒިސިސްޓް ސްޓީވެން ހޯކިންގްގެ ޖަނާޒާ ބާއްވައިިފި އެވެ. އުމުރުން 76 އަހަރުގައި ސްޓީވެން ދުނިޔެ ދޫކުރެއްވީ މިދިޔަ މާޗު މަހު 14 ގަ އެވެ. ސްޓީވެން އަވަހާރަވީ އިނގެރޭސިވިލާތުގެ ކޭމްބްރިޖުގައި ހުންނަވާ އޭނާގެ ގޭގައި އޮންނަވަނިކޮށެވެ.

ސްޓީވެންގެ ޖަނާޒާ ބާއްވާފައި ވަނީ ކޭމްބްރިޖް ޔުނިވާސިޓީގައި ހުންނަ ޗާޗެއް ކަމަށްވާ ގްރޭޓް އެސްޓީ މެރީސްގައި އެވެ. އެ ޖަނާޒާގައި 500 އަށްވުރެ ގިނަ އޭނާގެ އާއިލާގެ މެމްބަރުން ބައިވެރިވެފައިވެ އެވެ.

އާއިލާގެ މެމްބަރުންނާއި އޭނާގެ ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރި މީހުންގެ އިތުރުން ސްޓީވެންގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި ފިލްމު "ދަ ތިއޯރީ އޮފް އެވްރީތިންގް" ގެ އެކްޓަރު އެޑީ ރެޑްމޭން ވެސް ވަނީ ބައިވެރިވެފަ އެވެ.

ސްޓީވެންގެ ހަށިގަނޑު ވަޅުލާނީ އަންނަ ޖޫން މަހު 15 ގައި ލަންޑަންގެ ވެސްޓްމިނިސްޓާ އެބޭގައި އެވެ. އޭނާ ވަޅުލުމަށް ހަމަޖެހިފައި ވަނީ 1727 ގައި އަވަހާރަވި މަޝްހޫރު ސައިންސުވެރިޔާ އިސާކް ނިއުޓަންގެ މަހާނައާއި ޖެހިގެންނެވެ.

ސްޓީވެން ވަނީ ވަރަށް ޅައުމުރުގައި ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަން ޖެހިވަޑައިގެންފަ އެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ޕެރެލައިޒުވެ ހަރަކާތްތެރިވެ ނޫޅެވޭގޮތް މެދުވެރިވި އެވެ. އެއްތަނުން އަނެއް ތަނަށް ވަޑައިގެން އުޅުއްވީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަވައިގެންނެވެ. މުއާމަލާތްކޮށް އުޅުއްވީ ޓެކްނޮލޮޖީގެ އެކި ކަހަލަ ވަސީލަތްތައް ބޭނުން ކުރައްވައިގެންނެވެ.

ސްޓީވެން އަކީ މިފަހުން ސައިންސުގެ ދުނިޔެއް ދުށް އެންމެ އިލްމީ އަދި ގާބިލު ސައިންސުވެރިޔާ ވެސް މެއެވެ. ބަލި ހާލުގައި އުޅުއްވަމުން ވެސް ގިނަ ކާމިޔާބީތައް ހޯއްދަވާއި ލިބިވަޑައިގެންނެވި އިލްމު އެހެން މީހުނަށް ފޯރުކޮށްދެއްވުމަށް ބުރަ މަސައްކަތް ކޮށްދެއްވާފައިވެ އެވެ.

ސްޓީވެން އެންމެ މަޝްހޫރުވެފައި ވަނީ ކާއިނާތުގެ ތެރޭގައި ކަންކަން ހިނގާގޮތް އަންގައިދުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ބްލެކް ހޯލާއި ގުޅޭ ގިނަ މައުލޫމާތުތަކާއި، ބްލެކް ހޯލު އުފެދެނީ ކިހިނެތްކަން ވެސް ވަރަށް ތިލަކޮށް ސައިންސުގެ ދުނިޔެއަށް އަންގައި އަލިކޮށް ދެއްވި އެވެ.