ހޮލީވުޑް

އާނޯލްޑް ހިތުގެ ސާޖަރީއެއް ކޮށްފި، ހާލު ރަނގަޅު

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝުވާޓްސްނީގާ ހިތުގެ ސާޖަރީއެއް ކޮށްފި އެވެ.

އުމުރުން މިހާރު 70 އަހަރު އެކްޓަރު ހިތުގެ ސާޖަރީއެއް ކުރީ ލޮސް އެންޖަލަސްގެ ހޮސްޕިޓަލެއްގަ މިިދިޔަ ބުރާސްފަތި ދުވަހު އެވެ.

އާނޯލްޑްގެ ހިތުގެ އޮޕަރޭޝަންކޮށްފައި ވަނީ އޭނާގެ ހިތަށް މީގެ ކުރިން ލައްވާފައިވާ "ވަލްވް" ޑިވައިސް ބަދަލުކުރުމަށެވެ. މި ޑިވަސްއަކީ ހިތުގައި ލޭ ދައުރުވާ ގޮތް ހެޔޮގޮތުގައި ބެހެއްޓުމަށް ބޭނުންކުރާ އެއްޗެކެވެ. އޭނާގެ ހިތަށް ފުރަތަމަ މި ޑިވައިސް ލެއްވީ 1997 ވަނަ އަހަރު އެވެ.

ރިޕޯޓުތައް ބުނާގޮތުން ސާޖަރީއަށްފަހު އޭނާ މިހާރު ވަނީ ހޭ އަރާފަ އެވެ. އޭނާގެ ސިއްހީ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެ އެވެ.

އާނޯލްޑް އެންމެ މަޝްހޫރުވެފައި ވަނީ ހާޑްމޭން ކަލްޓު ފިލްމުތައް ކަމަށްވާ "ޓާމިނޭޓާ" އަދި "ކޮނަން ދަ ބާބޭރިއަން" އިންނެވެ. ޓާމިނޭޓާގެ އާ ފިލްމެއް އަންނަ އަހަރު ގެނެސްދޭނެ ކަމަށް އޮތީ އަޑުފެތުރިފަ އެވެ.

އާނޯލްޑް ވަނީ 2003 އިން 2011 އެމެރިކާގެ ކެލިފޯނިއާގެ ގަވަރުނަރުކަންވެސް ކޮށްފަ އެވެ. މިިދިޔަ އަހަރު މޭ މަހުގައި ފްރާންސުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ މީހުނަށްދޭ އެންމެ ޝަރަފުވެރި މެޑަލްވެސް އޭނާއަށް ލިބިފައިވެ އެވެ.