ކުޅިވަރު

ސަމްޕަތު ނިކުންނަންވީ ހެޑް ކޯޗު ކަމަށް

އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި، ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު އަޝްރަފު ލުތުފީ (ސަމްޕަތު) ނިކުންނަންވީ ހެޑް ކޯޗުގެ މަގާމަށް ކަމަށް ޔުނައިޓަޑް ވިކްޓަރީގެ އެސިސްޓެންޓް ކޯޗު މުހައްމަަދު ނަޒީހް ބުނެފި އެވެ.

ނަޒީހް އާއި ސަމްޕަތު ވަނީ އެއްކޮށް ނިއު އަށް ކުޅެފަ އެވެ. އޭރުގެ ހަނދާންތައް އާ ކުރަމުން ނަޒީހް ބުނީ، ސަމްޕަތު އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ފެނުނު ބުރަކޮށް މަސައްކަތް ކުރާ ޑިސިޕްލިން ކުޅުންތެރިޔެއް ކަމަށެވެ. ފުޓްބޯޅައަކީ އޭނާ (ސަމްޕަތު) ގެ ލައިފު އެއްބައި ކަމުގައި ދެކިގެން ކުޅުނު ކުޅުންތެރިޔެއް ކަމަށް ނަޒީހް ސިފަ ކުރި އެވެ. އޭނާ ބުނީ ސަމްޕަތުއާއެކު ޕްރެސްއެއްގައި އިށީންދެލައިގެން ވާހަކަ ދައްކާއިރު އޭރުގެ ހަނދަންތައް ވަރަށް ބޮޑަށް އާ ވާކަމަށެވެ.

"އަޅުގަނޑުވެސް ކެރިއަރުގެ އެންމެ ޕީކުގައި ގޮސް ނިއު ރޭޑިއަންޓަށް ކުޅުނީ، އެ ކާމިޔާބުތަކުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރި ކުޅުންތެރިޔަކަށް ސަނޭ [ސަމްޕަތު] ވާނެ، ވަރަށް އުފާވާ ހަގީގަތުގައިވެސް،" އޭރުގެ ހަނދާންތައް އާކުރުމުން ނަޒީހް ކިޔައިދިނެވެ. "ހަގީގަތުގައި އެގޮތަކަށް [އެސިސްޓެންޓް ކޯޗަކަށް] ނޫން އަޅުގަނޑު ސަނޭ [ސަމްޕަތު] ދެކެން ބޭނުންވީކީ، އަޅުގަނޑު ބޭނުމީ ނިއު ރޭޑިއަންޓް ނަންބާރ ވަން [ހެޑް ކޯޗުގެ] ގޮތުގައި ސަނޭ ފެނިގެން ދިއުން."

ނަޒީހް ބުނީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ދަސްވަނީ ހެޑް ކޯޗަކަށް ހުންނަ މީހެއްގެ ކަންތައްތަށް ކަަމަށާއި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން އަމިއްލަ ކަންކަން ދަސްވާ ކަމަށެވެ.

ސަމްޕަތު ވެސް ބުނީ ނަޒީހް އާއި އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި ނިއުގައި ހޭދަ ކުރީ ވަރަށް ކާމިޔާބު ދުވަސް ކަމަށެވެ. ކޯޗުކަމަށް ނިކުތްފަހުންވެސް އޭނާ ހެޑްކޯޗަކަށް ނިކުތުމަށް އަބަދުވެސް ނަޒީހް ބުނަމުންދާ ކަމަށެވެ. ނަމަވެސް ހެޑް ކޯޗަކަށް ނިކުންނަން ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ ސްޓައިލް ބަދަލު ކުރެވޭވަރަށް ތަޖުރިބާ ހޯދައިގެން ކަމަށް ސަމްޕަތު ބުންޏެވެ.

"ރާއްޖޭގައި މިކުޅޭ ސްޓައިލް އެއީ ބަދަލުވާން ޖެހޭ އެއްޗެއް، އެހެންވެ މިވަގުތު އަޅުގަނޑު ހެޑް (ކޯޗު) ކަމަށް ނިކުމެ ދައްކާ ވާހަކަ މީހުން ގަބޫލު ނުކޮށްފާނެ، އެހެންވެ އަޅުގަނޑު ބޭނުންވޭ ވީހާވެސް ބޮޑަށް އެކަމަށް ޓްރެއިންވާން، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިއީނީ ޒަމާނުންސުރެ އެއިން ގޮތަކަށް ހަރުލާފައި، މާބޮޑަށް ޑައިރެކްޓް ފުޓްބޯޅައެއް، ޑިވްލަޕްމެންޓަކަށް ވުރެ ބޮޑަށް ރިޒަލްޓަށް މަސައްކަތް ކުރެވިފަ ހުރީ،" ސަމްޕަތު ބުންޏެވެ.

"އަޅުގަނޑު ބޭނުމީ ޑިވްލަޕްމެންޓަކަށް ހަދަން މިއަށްވުރެ މޮޅު މިއަށްވުރެ ތަފާތު، ކޮމްބައިންކޮށް ގެންގުޅޭ މޮޑަން ފުޓްބޯޅައަކަށް އަޅުގަނޑުމެން ދާން ވެއްޖެ މިހެން ނުތިބެ، ޓެކްނިކަލް ޑައިރެކްޓާ ވަންލީވެސް އަޅުގަނޑާ ދިމާވެގެން ބުނި ރާއްޖޭގައި އަދި އުނދަގޫ ކަމެކޭ މޮޑަން ފުޓްބޯޅަ ކުޅުން، އަޅުގަނޑުމެންގެ ލޯކަލް ކޯޗުން އެބަޖެހޭ އިތުރަށް މިއަށްވުރެ މޮޅުވާން، ޒަމާނީ ކޯޗުންތަކަކަށް ބަދަލުވާން."

އޭނާ ބުނީ، ނިއު ރޭޑިއަންޓުން 2016 ވަނަ އަހަރުވެސް އޭނާ އަށް ހެޑްކޯޗުކަން ހުށަހެޅި ކަމަށާއި ނަަމވެސް އޭނާ ލަފާ ދިނީ ބޭރުން ކޯޗަކު ގެނައުމަށް ކަމަށެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު އަދި މަސައްކަތް ކުރާނީ އެސިސްޓެންޓް ކޯޗަކަށޭ، އަޅުގަނޑު އަދި ބޭނުމޭ ޓްރެއިންވާން، ބޮޑު ބަދަލަކަށް ދާއިރު އަޅުގަނޑަށް އިތުރަށް ޓްރެއިނިން ބޭނުންވޭ، މިހާރުގެ ކޯޗު އޮސްކާ [ބުރުޒޮން ބަރޭރަސް] އަތުން ވަރަށް ބައިވަރު އެއްޗިހި ވަރަށް މުހިންމު އެއްޗިހި އަޅުގަނޑަށް ދަސްވެއްޖެ، މީގެ ކުރިން ދަސްނުވާހާ ގިނަ އެއްޗި ދަސް ވެއްޖެ."