ކުޅިވަރު

ނިއުގެ ނިންމުން ބަދަލުކޮށް ކުޅުންތެރިން ފުޓްސަލްއަށް ފޮނުވައިފި

ކުޅުންތެރިން ފުޓްސަލްއަށް ނުފޮނުވަން ކުރިން ނިންމި ނިއު ރޭޑިއަންޓުން، އެ ނިންމުން ބަދަލުކޮށް ފުޓްސަލް މުބާރާތުގައި ކުޅެން ދިއުމުގެ ހުއްދަ ނިއު އިން އެ ޓީމުގެ ކުޅުންތެރިން ނަށް ދީފި އެވެ.

މީގެ ދެ ހަފުތާ ކުރިން، ނިއުގެ އެސިސްޓެންޓް ކޯޗް އަޝްރަފު ލުތުފީ (ސަމްޕަތު) ބުނެފައި ވަނީ، ފުޓްސަލް މުބާރާތުގައި އެކި ޓީމުތަކުގައި ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ހިމަނާފައި ވީނަމަވެސް ނިއުގެ އެއްވެސް ކުޅުންތެރިޔަކު ފުޓްސަލް މުބާރާތަށް ކުޅެން ނުދާނެ ކަަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާގައި، ނިއުގެ ބައެއް ކުޅުންތެރިން ފުޓްސަލް މުބާރާތުގައި ކުޅަފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ސަމްޕަތު ބުނީ ނިއުގެ ކުޅުންތެރިން ފުޓްސަލްއަށް ފޮނުވަން ނިންމީ ގިނަ ކަންކަމަކަށް ރިއާޔަތް ކުރުމަށް ފަހު ކަަމަށެވެ.

"ކުލަބުން ކުރިން ހަމަޖައްސާފައި ވަނީ އެއްވެސް ކުޅުންތެރިޔަކަށް ފުޓްސަލްއަށް ނުދާ ގޮތަށް، އެ ދުވަހު ޕްރެސްއަށް އައިރު އޭގެ ކުރީ ދުވަހު އެގޮތަށް ނިންމާފައި އިނީ، އެހެންވެ އަޅުގަނޑު ބުނީ ނިއުގެ ކުޅުންތެރިން ފުޓްސަލްއިން ނުފެންނާނޭ،" ސަމްޕަތު ބުންޏެވެ.

"އެކަމަކު ފަހުން މިވާގޮތަކީ، ޕްރޮފިޝަނަލް ކުޅުންތެރިންނެއް ނޫން މި އުޅެނީކީ، ބައެއް ކުދިންނަކީ އޮފީސްތަކުގައި މަސައްކަތް ކުރާ ކުދިން، އެ ކުދިންގެ އޮފީސްތަކުން ވަރަށް އެދޭ އެ ކުޅުންތެރިން އެ އޮފީސްތަކުގެ (ޓީމު ތަކަށް) ކުޅެން، އެހެންވީމަ އެމީހުން [އެ އޮފީސްތަކުން] ސިޓީ ފޮނުވައިގެން ކުލަބުގައި ރިކްއެސްޓް ކޮށްގެން، ވަރަށް ބޮޑަށް ވާހަކަ ދެކެވިގެން ރިލީޒް ކޮށްފަ އެހެރީ."

"އެ އޮފީސްތަކުން އޭއެފްސީ ޓްރެވަލްތަކަށްވެސް ކުޅުންތެރިން ދޫކުރަން ޖެހޭ، އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އޮފީހަށްވެސް ފުރުސަތުތައް ދޭން، އަޅުގަނޑުމެން ބޭނުން ވަނީ ކުޅުންތެރިން ފުޓްސަލްއަށް ނުފޮނުވަން، މި އަހަރުވެސް މަސައްކަތް ކުރިން ވަރަށް ސްޓްރިކްޓް ކޮށް ބެލިން ކުޅުންތެރިން ނުފޮނުވާ ވޭތޯ، ނަމަވެސް ކުޅުންތެރިން ޕްރޮފިޝަނަލް ނުވީމަ އެކަމެއް ނުކުރެވޭ މިތާކުއެއް."

"އޮފީސްތަކުންވެސް ވަރަށް ބައިވަރު ލުއިތައް ދޭ، އެ ކުޅުންތެރިން ޕްރެކްޓިސްއަށް ފޮނުވަންވެސް، އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ ކުޅުންތެރިން ރިލީޒް ކުރަން." ސަމްޕަތު ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިން ޕްރޮފިޝަނަލް ނުވަނީ އެހެން ވަޒީފާތަކުގައި އުޅެމުން ފުޓްބޯޅަ ކުޅޭތީ ކަމަށެވެ. އޮފީތަކުގައި ނުޅޭ ބައެއް ކުޅުންތެރިންވެސް ވަނީ ފުޓްސަލް މުބާރާތުގައި ކުޅެފަ އެވެ. އެގޮތުން ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ، ކުލަބު މޯލްޑިވްސްގައި ވާދަ ކުރާ އިމިގްރޭޝަން ޓީމަށް ކުޅެފަ އެވެ. އަޝްފާގް ވަޒީފާގައި ނުޅޭއިރު އޭނާ ފުޓްސަލް ކުޅެން ދޫކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން، ސަމްޕަތު ބުނީ އަޝްފާގަށް ރިލީޒް ދިނީ އިމްގްރޭޝަންގެ ވެރިން ނިއުގެ އިސްބޭފުޅުންގެ ގާތު އެދުމުން ކަމަށެވެ.